އެމްޑީޕީ

ރައީސް އެމްޑީޕީއަށް ތަހުނިޔާ ފޮނުވައިފި

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަހަރީ ދުވަހުގެ ތަހުނިޔާ ޕާޓީގެ މެންބަރުންނަށް، އެ ޕާޓީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ފޮނުވައިފި އެވެ.

މިއަދަކީ އެމްޑީޕީ އުފެދުނުތާ 15 އަހަރު ފުރުނު ދުވަހެވެ. ދެވަނަ ފަހަރަށް ސިޔާސީ ޕާޓީތަކުގެ ނިޒާމް ރާއްޖެއަށް ތައާރަފު ވެގެން އުފެއްދި އެންމެ ފުރަތަމަ ސިޔާސީ ޕާޓީއަކީ އެމްޑީޕީ އެވެ.

އެމްޑީޕީގެ އަހަރީ ދުވަހާއި ގުޅިގެން ރައީސް ސޯލިހް މިއަދު ކުރެއްވި ޓްވީޓެއްގައި އެ ޕާޓީގެ 15 ވަނަ އަހަރީ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ޕާޓީގެ ހުރިހާ މެމްބަރުންނަށް ފޮނުއްވާ ކަމަށް ވިދާޅުވެފައި ވެއެވެ.

އެމްޑީޕީގެ އަހަރީ ދުވަހުގެ ތަހުނިޔާ ސަރުކާރު ކޯލިޝަންގެ ހިމެނޭ އެހެން ޕާޓީތަކުގެ އިސް ބޭފުޅުންނާއި ވަޒީރުން ވެސް ގެންދަވަނީ ފޮނުއްވަމުންނެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދު ކުރިން އޮތްގޮތުން އެޕާޓީއަށް ނިސްބަތްވާ ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާގެ މަގާމު ފުރުއްވަމުން ގެންދަވާނަމަ އޮޓޯއިން އެ ބޭފުޅަކު ޕާޓީގެ ރައީސް ކަމުގެ މަގާމު ލިބިވަޑައިގަންނަވާނެ އެވެ. ނަމަވެސް ރައީސް ސޯލިހު ވެރިކަމަށް ވަޑައިގަތުމުން އެ އުސޫލު ވަނީ ބަދަލު ކޮށްފަ އެވެ. އެމްޑީޕީގެ މިހާރުގެ ރައީސަކީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ރައީސް ނަޝީދަކީ އެމްޑީޕީ އުފެއްދުމުގައި އެންމެ އިސް ދައުރެއް އަދާ ކުރައްވާ އަދި މިދިޔަ 15 އަހަރު ދުވަހުގެ ތެރޭގައި ވެސް އެޕާޓީގެ އެންމެ ޕޮޕިއުލާ ލިީޑަރެވެ. ރައީސް ސޯލިހަކީ އެ ޕާޓީގެ އިސް ލީޑަރެވެ.