ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ ބަލާއާފާތް

ރަށު ކަރަންޓީނުގެ އުސޫލު އާންމުކޮށްފި

Jun 26, 2020

ރަށްރަށުގައި ކަރަންޓީންވާ މީހުން އަމަލު ކުރަންޖެހޭ އުސޫލު އާންމު ކޮށްފި އެވެ.

އެޗްޕީއޭއިން ބުނީ މާލޭގައި ތިބި މީހުންގެ ތެރެއިން ރަށަށް ދާން ބޭނުންވާ މީހުން އެކަން އަންގަން ޖެހޭނީ އެޗްޕީއޭގެ "ހާލު ބެލުން" ޕޯޓަލް މެދުވެރިކޮށެވެ. އެކަން ކުރަން ދަތި ނަމަ އެޗްޕީއޭގެ ނަމްބަރު "1676" ގުޅައިގެން ކަމަށެވެ.

ރަށަށް ދިއުމުގެ ހުއްދަ ދިނުމުން އެސްއެމްއެސްއެއް މެދުވެރިކޮށް އެކަން އަންގާނެ އެވެ. އަދި ކަރަންޓީނު ވުމަށް ފަހު، ސިއްްހީ ހާލަތު "ހާލު ބެލުން" މެދުވެރިކޮށް އަންގަން ޖެހެ އެވެ. ރަށަށް ފުރާ ދުވަހަށް ބަދަލު އަތުވެއްޖެނަމަ އެކަން އަންގަންޖެހޭ އިރު ޓިކެޓް ނަގާއިރު އެއީ ރަށު ކަރަންޓީނަށް ދާ މީހެއްކަން އެ އުޅަނދަކަށް ވެސް އަންގަން ޖެހެ އެވެ.

ރަށްރަށުގައި ކަރަންޓީނުވާ މީހުން އަމަލު ކުރަންޖެހޭ އުސޫލުގައި ކައުންސިލްތަކަށް ގިނަ ޒިންމާތަކެއް ވެސް ހަވާލުކޮށްފައި ވެއެވެ. އޭގެ ތެރޭގައި ކަރަންޓީނު ވާން އެދޭ މީހާ ހުށައަޅާފައިވާ ތަނަކީ އެޗްޕީއޭގެ މިންގަނޑަށް ފެތޭ ތަނެއްތޯ ޔަގީން ކުރުމާއި އެމީހާ ރަށަށް ގޮސް ކަރަންޓީންގައި ހުންނަނީ އެ ތަނުގައިތޯ ބެލުން ހިމެނެ އެވެ.

އަދި ހުންނަ ގެއަކީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ގެއެއްކަން އަންގައިދޭ ލިޔުން ހަވާލުކޮށް އެ އާންމުންނަށް ފެންނާނެހެން ހަރު ކުރުމާއި ކަރަންޓީންގައި ތިބޭ މީހުންގެ ޒަރޫރީ ބޭނުންތައް ފުއްދައި ދިނުމުގައި ކައުންސިލުން އެހީތެރިވާން ވެސް ޖެހެ އެވެ. އަދި ކަރަންޓީންގެ މުއްދަތު ހަމަވުމުން ސާމްޕަލް ނެގުމާއި ޓެސްޓް ކުރުމުގެ އިންތިޒާމް ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ކުރުމަކީވެސް ކައުންސިލްގެ މަސައްކަތެކެވެ.

ރަށްރަށުގައި ކަރަންޓީން ވުމުގެ ހުއްދަދިން ފަހުން ގއ. މާމެންދޫން ތިން މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. މި އުސޫލު އެކުލަވާލާފައި ވަނީ އެ ކޭސްތަކާއި ގުޅިގެނެވެ. ކުރިން އޮތް ގޮތުން ރަށުގައި ކަރަންޓީނު ވެގެން 24 ދުވަހު ތިބެން ޖެހެ އެވެ. ނަމަވެސް އެ މުއްދަތު ކުރުކޮށް 14 ދުވަސް ފަހުން ޓެސްޓް ކުރަން މިހާރު ވަނީ ހަމަޖައްސާފަ އެވެ.

ކަރަންޓީންވާތާ 18 ވަނަ ދުވަހުގެ ކުރިން ޓެސްޓްގެ ނަތީޖާ ލިބޭނެ ކަމަށް ވެސް އެންއީއޯސީން ބުނެފައި ވެއެވެ.