ކޮރޯނާވައިރަސް ފެތުރޭތީ ބިރުން މިދިޔަ މާޗް 24 ވަނަ ދުވަހުން ފެށިގެން އިންޑިއާ ލޮކްޑައުން ކޮށްފައި ވުމުން ފިލްމީ މަސައްކަތްތައް ހުއްޓި ސިނަމާތައް ވެސް ވަނީ ބަންދު ކޮށްފަ އެވެ. މިހާރު ލޮކްޑައުން ނެގުމުގެ މަސައްކަތް ފަށާފައިވާއިރު ބޮލީވުޑްގެ މަސައްކަތްތައް ވެސް ފަށަން ދަނީ ތައްޔާރު ވަމުންނެވެ.
ފިލްމީ މަސައްކަތްތައް މަނާ ކޮށްފައި އޮތް އޮތުން މިހާރު ނިމުމަކަށް ގެނެސްފައި ވާއިރު ހުއްދަ ނަގައިގެން ފިލްމުތަކުގެ ޝޫޓިންތައް މިހާރު ބޭއްވެ އެވެ. އެހެންވެ އެކި ފިލްމުތައް އުފައްދާ ފަރާތްތަކުން މިހާރު ދަނީ މިފަދަ ހުއްދަތައް ކަމާ ބެހޭ ފަރާތްތަކުން ނެގުމަށް މަސައްކަތް ކުރަމުންނެވެ.
އެގޮތުން ކާރްތިކް އާރްޔަން އާއި ކިއާރާ އަދުވާނީގެ "ބޫލް ބުލައްޔާ 2" ގެ މަސައްކަތް ސެޕްޓެމްބަރު މަހު ތެރޭ ފެށުމަށް ޕްރޮޑިއުސަރުން މިހާރު ދަނީ ތައްޔާރު ވަމުންނެވެ.
"ބޫލް ބުލައްޔާ 2"ގެ ލަކަނޫ ޝެޑިއުލް އަކީ އެއް މަސް ދުވަހުގެ މުއްދަތަށް ދެމިގެން ދާނެ ޝެޑިއުލް އެކެވެ. މާޗް މަހު ފިލްމުގެ ޝޫޓިން ހުއްޓާލިއިރު ޝޫޓް ކުރަމުން ދިޔައީ ލަކަނޫގައި ހުރި ވަރަށް ބޮޑު ގަނޑުވަރެއްގެ ތެރޭގައި ކުޅެމުންދިޔަ މަންޒަރު ތަކެކެވެ. މިއީ ފިލްމު ޝޫޓިންގަށް ޚާއްސަކޮށް ތައްޔާރުކުރި ސެޓެކެވެ. އެ ދުވަސްވަރު އެ ހިސާބުގައި ކޮރޯނާވައިރަސް ފެތުރޭ މިންވަރު މާ ބޮޑަށް އިތުރު ވާން ފެށުމުން ޝޫޓިން މެދުކަނޑާލާފައި ފިލްމު ކުރީ އެނބުރި މުމްބާއީއަށް އައީ އެވެ.
ފިލްމުގެ ޑައިރެކްޓަރު އަނިސް ބަޒްމީ ބުނި ގޮތުގައި ފިލްމު ޔުނިޓު އެނބުރި ލަކްނޫއަށް ގޮސް ބާކީ ބައެއް ޝޫޓް ކުރަން ޖެހިފައިވެ އެވެ. އަދި ގަނޑުވަރެއް ގޮތަށް ތައްޔާރުކޮށްފައިވާ ސެޓު ފަޅަށް ހުންނަތާ އެތައް މަހެއް ވެފައިވާތީ މިހާރު އެތަން ހުރި ހާލެއް ވެސް ނޭނގޭ ކަމަށް ޑައިރެކްޓަރު ބުންޏެވެ.
މިހާރު ޑައިރެކްޓަރާއި ފިލްމުގެ ބައިވެރިން އިންތިޒާރު ކުރަމުން ދަނީ ލަކްނޫގައި ޝޫޓް ކުރުމުގެ ހުއްދަ އުއްތަރު ޕްރަދޭޝް ސަރުކާރުން ލިބޭނެ ދުވަހަކަށެވެ. ޑައިރެކްޓަރު ބުނީ ފިލްމުގެ ބައެއް މަންޒަރުތައް މުމްބައިގައި ނެގި ނަމަވެސް ލަކްނޫއަށް ގޮސްގެން ނޫނީ ހުރިހާ ބައިތަކެއް ފުރިހަމަ ނުކުރެވޭނެ ކަމަށެވެ.
އަނިސް ބުނި ގޮތުގައި ފިލްމުގެ ބާކީ 35 ދުވަހުގެ ޝޫޓިން އެބައޮތެވެ. އަދި ބޮޑު ބައި ނެގެން އަންނަނީ ލަކްނޫގެ ސެޓުގަ އެވެ.
ފިލްމުގެ ޕްރޮޑިއުސަރު ބޫޝަން ކުމާރު ބުނި ގޮތުގައި އެމީހުން އެންމެ ބޮޑު އިސްކަމެއް ދޭނީ ފިލްމުގެ ކުރޫންގެ ސަލާމަތާއި ރައްކާތެރި ކަމަށެވެ. ޝޫޓްކުރުމުގެ ހުއްދަ ލިބުނުހާ އަވަހަކަށް ބާކީ ހުރި ކަންތައްތައް ރާވާލާނެ ކަމަށް އޭނާ ބުންޏެވެ. އަދި މިހާރު ރާވާފައިވަނީ ސެޕްޓެމްބަރު މަހު ފިލްމުގެ ޝޫޓިން ފަށަން ކަމަށް ވެސް ބޫޝަން ބުންޏެވެ.