ކޮރޯނާވައިރަހުގެ ސަބަބުން އިންޑިޔާ ލޮކްޑައުން ކުރުމުން ފިލްމުތަކުގެ މަސައްކަތް ވެސް ކުއްލިއަކަށް ހުއްޓާލަން ޖެހުމުން ޕްރޮޑިއުސަރުންނަށް ވަރަށް ބޮޑެތި ގެއްލުމާ ވަނީ ކުރިމަތިވެފަ އެވެ. އަލުން ފިލްމުތައް ޝޫޓް ކުރުމުގެ ހުއްދަ ލިބުނަސް ވަރަށް ގިނަ ޕްރޮޑިއުސަރުންނަށް އަދިވެސް އެމީހުންގެ ފިލްމުތައް ފެށޭނެ ގޮތެއް ވަނީ ނުފެނިފަ އެވެ.
ފިލްމުތަކުގެ މަސައްކަތް ހުއްޓާލިއިރު ވަރަށް ގިނަ އަގު ބޮޑު ސެޓުތައް ބައެއް ފިލްމުތައް ޝޫޓްކުރުމަށްޓަކައި ތައްޔާރު ކޮށްފައި ވެއެވެ. ނަމަވެސް ރަނގަޅަށް ނުބަލަހައްޓާ ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން މި ސެޓުތައް މިހާރު ވަނީ ވީރާނާ ވެފަ އެވެ.
ބައެއް ސެޓުގައި ބިނާ ކޮށްފައި ހުރީ ކުއްޔަށް ބިން ނަގައިގެން ކަމަށް ވާތީ ކުއްޔަށް ނެގި މުއްދަތު ހަމަވެ ވެރިފަރާތުން ކުލީގެ މުއްދަތު އިތުރުކޮށްދޭން އެއްބަސް ނުވުމުގެ ސަބަބުން ވެސް ބައެއް ޕްރޮޑިއުސަރުންނަށް ދަތިތަކާ ކުރިމަތި ވެފައި ވެއެވެ.
ކާރްތިކް އާރްޔަން އާއި ކިއާރާ އަދުވާނީ ލީޑް ރޯލު ކުޅޭ "ބޫލް ބުލައްޔާ 2" ގެ ޝޫޓިންގް ވެސް ލަކަނޫގައި ކުރިޔަށް ދަނިކޮށް ކުއްލިއަކަށް ހުއްޓާލަން ޖެހި ފިލްމު ކުރޫ އެނބުރި މުމްބައި އަށް އަންނަން ޖެހުނެވެ. މިހާރު އަލުން މި ފިލްމުގެ ޝޫޓިން ފަށަން ތައްޔާރުވަމުން ދާއިރު ލަކަނޫގައި ތައްޔާރުކުރި ސެޓު ވަނީ މަރާމާތުކުރަން ޖެހިފަ އެވެ.
ޑައިރެކްޓަރު އަނީސް ބަޒްމީ ބުނި ގޮތުގައި އަލަށް ފަށާ ޝެޑިއުލް ކުރިޔަށް ގެންދާނީ މުމްބައިގަ އެވެ. އެގޮތުން މުމްބައިގެ ކޮންޓްރޯލްޑް އޭރިޔާގައި އިތުރު ސެޓުތަކެއް ތައްޔާރުކުރަން ހަމަޖެހިފައިވާ ކަމަށް އޭނާ ބުންޏެވެ.
މުމްބައިގައި ފަށާ ޝޫޓިންގްގައި ފުރަތަމަ ނިންމަން ހަމަޖެހިފައިވަނީ އިންޑޯ ޝޫޓް ތަކެވެ. އަދި އެންމެ ފަހުގެ ޝެޑިއުލް ފުރިހަމަކުރާނީ ލަކަނޫއަށް ގޮސް ކަމަށް ޑައިރެކްޓަރު ބުންޏެވެ.
ޑައިރެކްޓަރު ބުނި ގޮތުގައި ކުރިން ތައްޔާރުކުރި ސެޓާ އެއްގޮތަށް ސެޓެއް ތައްޔާރުކުރާނެ ބިމެއް މުމްބައި އިން ހޯދުމަކީ މިހާރު އުނދަގޫ ކަމަކަށް ވަނީ ވެފަ އެވެ. ސަބަބަކީ ހުރިހާ ފިލްމުތަކެއް ކަހަލަ ގޮތަކަށް މުމްބައިގައި ޝޫޓް ކުރާތީ ބިން ލިބުން ދަތިވުމެވެ. އަދި އޮކްޓޯބަރުގެ ނިޔަލަށް ވެސް އެއްވެސް ބިމެއް ލިބެން ނެތް ކަމަށާއި ހުރިހާ ތަނެއް ބުކް ކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ. އެހެންވެ އެންމެ ކުރިން އިންޑޯގެ 15 ދުވަހުގެ ޝެޑިއުލް އެއް ކުރިޔަށް ގެންދަން މިހާރު ޑައިރެކްޓަރު ވަނީ ނިންމާފަ އެވެ.
ލޮކްޑައުން އަށް ފަހު ފިލްމުތައް ފެށުމުގެ ހުއްދަ ދީފައިވީ ނަމަވެސް "ބުލް ބުލައްޔާ 2"ގެ ބަތަލު ކާރްތިކް އާރްޔަން އަދި އެއްވެސް ފިލްމެއްގެ މަސައްކަތް ފަށާފައެއް ނުވެ އެވެ. އޭނާ ބުނި ގޮތުގައި ލޮކްޑައުންގެ ކުރިއްސުރެ އޭނާ އެއްގޮތަކަށް ވެސް ގެއިން ބޭރަށް ނުވެސް ނުނިކުމެ އެވެ. އޭނާ ގެއިން ބޭރަށް ނުދަނީ އަމިއްލަ ރައްކާތެރިކަމަށް ވުރެ ބޮޑަށް އެހެން މީހުންގެ ރައްކާތެރިކަން ޔަގީންކުރަން ބޭނުންވާތީ ކަމަށް ކާރްތިކް ބުނެފައި ވެއެވެ.