އުމަރު ނަސީރު

އުމަރުގެ ވެރިކަމެއްގައި އިންކަމް ޓެކްސް ނުނަގާނެ

އޭނާގެ ވެރިކަމެއްގައި މިހާރު ނަގަމުންދާ އިންކަމް ޓެކްސް ނެގުން މެދުކަނޑާލާ މުދަލުގެ ޒަކާތަށް ގާނޫނީ ބާރުވެރިކަން ދޭނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައިވެސް ވާދަކުރެއްވި އުމަރު ނަސީރު ވަނީ 2023 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާނު ކުރައްވާފައެވެ. އަދި މިފަހުން އޭނާ ގެންދަވަނީ ބައެއް ވައުދުތައްވެސް ވެވަޑައިގަންނަވަމުންނެވެ.

އުމަރު މިއަދު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި މިހާރު ނަގަމުންދާ އިންކަމް ޓެކްސް ނެގުން މެދުކަނޑާލާނެ ކަމަށެވެ. އަދި މުދަލުގެ ޒަކާތަށް ގާނޫނީ ބާރުވެރިކަން ދޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖެއަށް އެންމެ ފަހުން ތައާރަފު ކުރީ އިންކަމް ޓެސްކްއެވެ. އިންކަމް ޓެކްސް ގާނޫނު އޮތް ގޮތުން އިންކަމް ޓެކްސް ނަގަން ފެށުމާއެކު ކުރިން ނަގަމުން ދިޔަ ދިޔަ ބިޒްނަސް ޕްރޮފިޓް ޓެކްސް އާއި ވިތު ހޯލްޑިން ޓެކްސް ހިސާބު ކުރާނީ އިންކަމް ޓެކުހުގެ ތެރޭގަ އެވެ.

އިންކަމް ޓެކްސްގެ ގާނޫނުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ފަރުދުންގެ އަތުން އިންކަމް ޓެކްސް ނަގަން ފެށީ އެޕްރީލް މަހު އެވެ. މި ޓެކްސް ނަގަނީ 60،000ރ. އަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުންގެ އަތުންނެވެ. މި ޓެކުހުގެ ގޮތުގައި މެއި މަހު ލިބިފައި ވަނީ ދެ މިލިއަން ރުފިޔާ އެވެ.

އިންކަމް ޓެކްސްގެ އެ ގާނޫނުގައިވާ ގޮތުން އިންކަމް ޓެކްސްގެ ގާނޫނުގެ ދަށުން މުސާރައިގެ ގޮތުގައި ލިބޭ އާމްދަނީ ނޫން އެހެން ހުރިހާ އާމްދަނީ އަކުން އެ ޓެކްސް ނަގާނެ އެވެ. އެގޮތުން މަހަކު 60،000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ އާމްދަނީ ލިބޭ މީހުން އެ އަދަދުގެ 5.5 ޕަސެންޓް ފައިސާ ދައުލަަތައް ދައްކަން ޖެހެ އެވެ. އަދި 100،000 ރުފިޔާއާއި 150،000 ރުފިޔާއާ މެދުގެ އާމްދަނީން އަށް ޕަސެންޓް ނަގާނެ އެވެ.

މުދަލުން ޒަކާތް ނެރުމަކީ އިސްލާމްދީނުގެ ފަރުލެކެވެ. މިހާރު ޒަކާތްވެސް ބަލައިގަންނަނީ މީރާއަށެވެ. ނަމަވެސް ޒަކާތާބެހޭ ހަރުދަނާ ގާނޫނެއް ރާއްޖޭގައި ނެތުމުގެ ކަންބޮޑުވުން އިލްމުވެރިން ފާޅުކުރައްވައެވެ.