ކޮވިޑް-19 އިގެ ބަލާއާފާތާއި ގުޅިގެން މާލެ ސިޓީ ލޮކްޑައުންކޮށް އެޅި ވަރުގަދަ ފިޔަވަޅުތަކުގެ ސަބަބުން ކޮންމެ ދިހަ މީހަކުން އެކެއްގެ އާމްދަނީ ހުއްޓުނު ކަމަށް ސާވޭއަކުން ދައްކައިފި އެވެ.
ލޮކްޑައުންގެ ހަރުކަށި ފިޔަވަޅުތަކާއި ގުޅިގެން އާންމުންނަށް ކޮށްފައިވާ އަސަރުތައް ދެނެގަތުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގުޅިގެން ސާވޭއެއް ހަދައު އޭގެ ނަތީޖާ މިއަދު ވަނީ އާންމު ކޮށްފަ އެވެ.
އެ ސާވޭގައި ބައިވެރިވި މީހުންނަށް ބަލާއިރު ލޮކްޑައުން އާއި ގުޅިގެން 44 ޕަސެންޓް މީހުން އާމްދަނީ ހޯދަން ކުރަމުން އައި މަސައްކަތް ވަނީ ހުއްޓިފަ އެވެ. އަދި 37 ޕަސެންޓް މީހުން ގޭގައި ތިބެގެން މަސައްކަތް ކޮށްފައިވާ ކަމަށް ވަނީ ދައްކާފައެވެ. އަދި 11 ޕަސެންޓް މީހުން ލޮކްޑައުންގެ ތެރޭގައި ވެސް އޮފީހަށް ނުކުނެތެވެ.
ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން ކޮންމެ ދިހަ މީހަކުން އެކަކަށް ލިބެމުން ދިޔަ އާމަދްނީ ލޮކްޑައުންއާ ގުޅިގެން ހުއްޓުނެވެ. އަދި ކޮންމެ ދިހަ މީހަކުން ފަސް މީހެއްގެ ވަޒީފާއަށް އަސަރު ކޮށްފައިވާ ކަމަށް ބުނެފައި ވެއެވެ. ނަމަވެސް ކޮންމެ ދިހަ މީހަކުން ފަސް މީހެއްގެ ވަޒީފާ ސަލާމަތް ވެފައިވާ ކަމަށް ސާވޭއިން ދައްކައެވެ. އަދި ކޮންމެ ދިހަ މީހަކުން ތިން މީހެއްގެ މުސާރަ ކުޑަކޮށްފައިވާ ކަމަށްވެސް ދައްކަ އެވެ.
މި ސާވޭއިން ދައްކާ ގޮތުގައި ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ވިޔަފާރިތަކަށް ވެސް ބޮޑެތި ގެއްލުންތައް ވަނީ ވެފައެވެ. އެގޮތުން ކޮންމެ ދިހަ ވިޔަފާރިއަކުން ފަސް ވިޔަފާރިއަށް ވަރަށް ބޮޑެތި ގެއްލުންވެފައި ވެއެވެ. އަދި ކޮންމެ ދިހަ ވިޔަފާރިއަކުން ހަތަރު ވިޔަފާރިއަށް ލިބެމުންދިޔަ ހުރިހާ އާމްދަނީއެއް ވަނީ ހުއްޓިފަ އެވެ.
ކޮވިޑްގެ ބަލިމަޑުކަމާއި އަދި އެކަމުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކާއި ގުޅިގެން 65 ޕަސެންޓް މީހުންނަށް ބޮޑެތި އަސަރުތަކެއް ކޮށްފައިވާ ކަމަށްވެސް މި ދިރާސާއިން ދައްކަ އެވެ.
އެޗްޕީއޭއާއި އެމްއެންޔޫ ގުޅިގެން ކުރިއަށް ގެންދާ އެ ދިރާސާގެ މިއީ ފުރަތަމަ ބުރެވެ.