ވާހަކަ

ރީތީ ހީލީމާ

(ފަސްވަނަ ބައި)
"އަހަންނަށް މިހެން ދިމާވީ ކީއްވެތަ؟ ކޮބައިތަ އަހަރެންގެ ކުށަކީ؟ އަހަރެންގެ މައްސަލައަކީ؟ އަހަންނަކަށް ނުވިސްނޭ،" އަމިއްލަ ނަފުސާ ދެއްކުނު ވާހަކަތައް ދުލުން ބޭރުވަމުން ދިޔައެވެ. "މިއީ މީހަކު ދެކެ ލޯބި ވެވުނީތީ ލިބޭ ބަދަލެއްތަ؟ ހަގީގީ ލޯތްބަކީ ވޭނެއްތަ؟ އަހަންނަށް ލޯބި މި ފެންނަނީ ކިހިނެއްތަ؟"

ކުއްލިއަކަށް ބޮލުގައި ރިއްސާގަތެވެ. މެއަށް އުނދަގޫތަކެއް ވަމުން ދިޔައެވެ. މޭ ހީވަނީ ފިތެމުން ފިތެމުން ދިޔަ ހެންނެވެ. ނޭވާލާން އުނދަގޫވާހެން ހީވަމުން ދިޔައެވެ. ނޭވާ ބޭރުވިޔަސް އެކަމެއް އިހުސާސެއް ނުވެއެވެ. ހިތްހަމައެއް ނުޖެހެވެއެވެ. ހުންނަނީ ފާޑެއްގެ އުނދަގޫ ގޮތެއް ވެފައެވެ. ހީވަނީ ފުރިހަމައަށް ނޭވާ ނުލެވޭ ހެންނެވެ. ބޭނުންވާ ކަރުގެ ކޮންމެ ވެސް ތަނެއްގައި ވައިތައް ބަންދުވާހެންނެވެ.

އަހަންނަށް ކޮޅަށް ތެދުވެވުނެވެ. މަޑުމަޑުން ފިޔަވަޅުތައް އަޅައިލީމެވެ. ލަސްލަހުންނެވެ. އޮފީހުގެ ދޮރުމަތީ ދެ ކޮޅަށް ހިނގައިލެވުނެވެ. ބަރު ޖެހިފައިވާ ފިކުރުތައް ބޮލަށް ލައިގެންނެވެ. ޝަކުވާތައް އަތު އެލުވާލައިގެންނެވެ. މަޑުމަޑުން އޮފީހާ އިންވެގެން އޮތް މައި މަގަށް ނުކުމެ ދެ ކޮޅު ބަލައިލީމެވެ. މާހައުލުގައި ވަނީ ތެތްފިނީގެ އަސަރުތަކެވެ. އަހަންނަށް ބަލައިލެވުނީ މަގުގެ އެއްކޮޅަށެވެ. ދުރު ފެންނަނީ ފުސްކޮށެވެ. ވަކި ހިސާބަކުން މަންޒަރުވަނީ ފުސްވެ އެކުވެފައެވެ. މުޅި މާހައުލުގައި ވަނީ ފުސްކަމެވެ. ފިނީގެ އަސަރެވެ. ގައިގައި އޮތް ކޯޓުގައި އަތްޖައްސާލެވުނެވެ. އިނގިލިތަކަށް ފެނުގެ އިހުސާސް ކުރެވުނެވެ. އަހަންނަށް ހިނިތުން ވެވުނެވެ.

ސިކުނޑީގައި އަނދަމުންދިޔަ އަލިފާން ކަނިތައް ނިވެމުން ދިޔަ ކަހަލައެވެ. ހިތުގައި ހުރި އުދާސްތައް އޮބެމުން ދިޔަހެން ހީވާން ފެށިއެވެ. ލަސްފިޔަވަޅުތަކެއް އަޅަމުން މަގުގެ ދެކޮޅުގައި މުގޯޅި އަލައިލެވުނެވެ. އިސާހިތަކު ބޮލަށް ލުއިވިއެވެ. ފިތިބާރުވެފައިވާ މެއަށް ލުއިކަން އިހުސާސްވިއެވެ. ނޭވާ ހަމައަކަށް އެޅުނެވެ. ހަށި ފުރާ ނޭވާއެއް ބޭރުކޮށްލެވުނެވެ. ވޭނީ އާހެއް އަނގައިގެ ތެރެއިން ނުކުތެވެ. ލުއި ގޮތަކަށް ހިނިތުން ވެވުނީ ބޭއިހްތިޔާރުގައެވެ.

މަގުގެ މެދުގައި ހުއްޓިލެވުނެވެ. މީހެއްގެ ލިސާނެއް ނެތުމުން މަގު ފެންނަނީ އަމާންކޮށެވެ. މުޅި މާހައުލުގައި ރަސްކަން ކުރަމުން ދިޔައީ ފުރަމެންދަމުގެ ހަމަ ހިމޭންކަމެވެ. މާހައުލުގައިވާ މަޑުފިނީގެ ސަބަބުން ކުރެވެމުން ދިޔައީ އުފާވެރި އިހުސާސެކެވެ. އާވާން ފެށީ އެހެން ހިޔާލުތަކެކެވެ.

މަގުގެ މެދުގައި އަހަންނަށް ހުއްޓިލެވުނެވެ. ދެ ލޯ މަރައިލެވުނެވެ. ދެއަތް ފުޅާކޮށްލެވުނެވެ. ހުޅުވާލެވުނެވެ. ސިކުނޑީގެ ތެރެއިން މަންޒަރުތައް ދުވެ ލޮލާހަމައަށް ފެންނަން ފެށި ކަހަލައެވެ. ފިނާގެ ލުއި ހިނިތުންވުމެވެ. އޭނާގެ ރަންކުލައިގެ އޮމާން އިސްތަށިގަނޑެވެ. ހީލުމުން ދެ ކޮލުން އަޑިވަންނަ އަޑިކޮޅެވެ. އަހަންނަށް ދެ ފަރާތަށް އެނބުރި ލެވުނެވެ. ކުއްލިއަކަށް ފިނާގެ ހަނދާންތައް އަހަރެންގެ ވަށައިލިއެވެ. ސިކުނޑީގައި ކުރެހެމުން ދިޔަ މަންޒަރުތަކާއެކު އެ މާޒީއަށް ދެވުނު ކަހަލައެވެ.

އެއީ ހަމަ މި ފިނިކަމެވެ. މި ހިމޭންކަމެވެ. އަހަންނަށް ފިނިކަމުގެ ތެރެއިން ފިނާގެ އިހުސާސް ކުރެވެން ފެށީ އެހެންވީމައެވެ. އަހަރުމެން ކައިވެންޏަށްފަހު، ހަނިމޫނަށް އިހުތިޔާރުކުރީ ފުވައްމުލަކެވެ. ފުވައްމުލަކުގެ ހިތްގައިމު ވެށްޓެވެ. އެ އަމާން ހިތްފަހި މާހައުލެވެ.

އަހަރެން ވެސް އެ ރަށަށް ދިޔައީ އަލަށެވެ. ފިނާއަށް ވެސް އެއީ މުޅިން އާ ރަށެކެވެ. އަހަރުމެންގެ ދަތުރުގެ ކަންކަން ހަމަޖެއްސީ ފިނާގެ ބައްޕައެވެ. ބައްޕަގެ ރައްޓެއްސެއްގެ އެހީތެރިކަމާއެކުގައެވެ.

"ސިރާޖު." ސަލާމަށް އަތްދިއްކޮށްލަމުން ސިރާޖު އަމިއްލައަށް ތައާރަފުވެލިއެވެ.

"އެނގިއްޖޭ. ބައްޕަ އޮތީ ސިރާގެ ފޮޓޯއެއް ދީފަ އެހެންވީމަ ފެންނަ އިރަށް އެނގިއްޖެ." ސިރާޖުގެ އަތުގައި ހިފައިލަމުން އަހަރެން ބުނެލީމެވެ.

އަހަންނަށް ބަލައިލެވުނީ ފިނާއަށެވެ. ފިނާ ވެސް ހީލިއެވެ. އޭރު ވެސް ފިނާ ހުރީ އަހަރެންގެ މުލައްދަނޑީގައި އެއް އަތުން ހިފަހައްޓައިގެންނެވެ.

"ކާރަށް އަރަމާ! އިތުރު ލަގެޖެއް ދާގީނާއެއް އުޅޭނެތަ؟" ފިނާގެ މޫނަށް ބަލައިގެން ހުރެ ސިރާޖު ބުނެލިއެވެ.

"ނޫން! މި ފޮށި އެކަނި ދޯ ފިނާ." ސިރާޖުގެ ސުވާލަށް ޖަވާބު ދިނީ އަހަންނެވެ.

ފިނާއެރީ ކާރަށެވެ. އަހަރެން ވެސް ޑިކީއަށް ދަބަސް ލުމަށްފަހު ކާރަށް އެރީމެވެ. ދުއްވަން އިނީ ސިރާޖެވެ. އަހަންނާ ފިނާ ތިބީ ފަހަތު ޝީޓުގައެވެ.

"ވަރަށް ދުރުވާނެތަ؟ މި ބުނީ އެއައޕޯޓާ ގެސްޓު ހައުހާ؟" ހަމަޖެހިލަމުން އަހަރެން އަހައިލީމެވެ.

"ފަނަރަ ވަރަކަށް މިނެޓުވާނެ. އެއާޕޯޓު މި އޮންނަނީ ރަށުގެ ދެކުނު ކޮޅުގަ. ގެސްޓު ހައުސް ހުންނާނީ ރަށުގެ މެދު ތެރޭގައި. އެ ހިސާބުގައި ގިނަ ގެސްޓު ހައުސް ހުންނާނީ ވެސް." ކާރު ދުއްވަމުން ސިރާޖު ވާހަކަ ދައްކަމުން ދިޔައެވެ.
ފިނާ އަހަރެންގެ މުލައްދަނޑީގައި ހިފައިލަމުން އަހަންނާ ގާތަށް ޖެހިލިއެވެ. މަޑުމަޑުން އަހަރެންގެ މޭގައި ލެނގިލިއެވެ.

"އަހަރެން ހުންނާނީ ހުރިހާ ކަމެއް ހަމަޖައްސައިފަ. ރާޝިދުބޭ ބުނީ ހަފުތާއަކަށް ބުކިން ހަދަން."

"އާނ! އަހަރުމެން ބޭނުންވީ އެ ވަރު." އަހަރެން ބަލައިލީ ސީދާ ފިނާގެ މޫނަށެވެ.

ބަދަލުގައި ފިނާ ހީލިއެވެ. މަޑުމަޑުން އޭނާގެ ނޭފަތް އަހަރެންގެ ނޭފަތުގައި ޖައްސައިލިއެވެ.

"ކީއްވެ އެހައި ކުޑަ ދުވަސްކޮޅަކަށް ތި އައީ؟ މިކަހަލަ ބޮޑު ރަށަކަށް އަންނައިރު، އަދި އަމުދުން ހަނިމޫނަށް އަންނަ އިރު މަދުވެގެން ދެ ހަފުތާވަރު ނަގަންވާނެއްނު." ފަހަތު ޝީޓު ފެންނަ ގޮތަށް، އޭނާއާ ދިމާ މަތީގައިވާ ލޯގަނޑު ރަނގަޅު ކޮށްލަމުން ސިރާޖު ބަލައިލީ އަހަންނާ ދިމާއަށެވެ.

"ދާހިތް ނުވެއްޖެ ނަމަ އިތުރުކޮށްލާ ގޮތަށޭ މިއައީ،" ލުއި ގޮތަކަށް ހިނިތުންވެލަމުން އަހަރެން ބަލައިލީމެވެ. "އަހަރުމެން އަދި އަލަށް މި ރަށަށް މިއައީ ވެސް. ނުދަންނަ ރަށެއްގަ އެހައި ގިނަ ދުވަހު އުޅެވޭނީ އެ ރަށަށް ހޭނިލެވުނީމައެއްނު."

"މި ވަރަށް އަމާން ހިތްފަހި ރަށެއް. އަހަންނަށް ހީވަނީ ރާއްޖޭގައި އޮތް އެންމެ ހިތްފަސޭހަ އެއް ރަށަށްވާނެހެން މި ރަށް. ރާއްޖެއިން ނުފެންނަ ގިނަ އާ ކަންކަން މިރަށުން ފެންނާނެ. އެ ޔަގީންކަން އަހަރެން ދޭނަން،" ސިރާޖު ވެސް ހީލިއެވެ.

"ދެން އޮތީ ހަނިމޫނުގެ ކަންކަން. އެކަމަކީ ދެމީހުންގެ ހިތްވަރު. މެމޮރަބަލް ހަނީމޫނަކަށް ހަނިމޫނު ހެދުމަކީ ދެމީހުންގެ ކަމެއް. އަހަރެން އެއަށް ބުނާނެ އެއްޗެއް ނެތް. ކޮންމެ ތަނެއްގަ ހަނިމޫނު ހެދިޔަސް، ކިތައްމެ އަގުބޮޑު ތަނެއްގައި ހަނިމޫނު ހެދިޔަސް، ހަނިމޫނުގެ އުފާވެރިކަން ލިބޭނީ ދެމީހުންގެ ހިތްވަރަކުން."

ސިރާޖު ލާނެތް ގޮތަކަށް ހޭންފެށިއެވެ. އަހަރެން ގާތަށް ވެސް ހިނިއައެވެ. އޭނާ ހޭންފެށި ގޮތުންނެވެ. އަހަންނަށް ބަލައިލެވުނީ ސީދާ ފިނާގެ ލޮލަށެވެ. އެ ލޮލުން ފެންނަނީ އުފާވެރިކަމެވެ. ހިތްހަމަ ޖެހުމެވެ. ދެން ދެމިގެން ދިޔައީ ހިމޭން ވަގުތުކޮޅެކެވެ. އަހަރެން ޝީޓުގައި ހަމަޖެހިލީމެވެ. ހަށިގަނޑުގެ ބުރަކަން ޝީޓަށް ދޫކޮށްލީމެވެ. މަޑުމަޑުން ދެ ލޯ މަރައިލެވުނެވެ. ފިނާ ވެސް އަހަރެންގެ މޭގައި ބޯ އަޅައިލިއެވެ. ދެ ފަހަރަކު އެސްފިޔަ ޖަހައިލެވުނެވެ. ލޮލުގައި އަޅައިގަތީ ސިރާޖު ބޮލާ ދިމާ މަތީގައިވާ ލޯގަނޑެވެ. ސިރާޖު އިނީ ކަޅި ޖަހައި ނުލައި އަހަރުމެންނާ ދިމާއަށް ބަލާށެވެ. އޭނާގެ ކަޅި ތަތްވެފައި ވަނީ އަހަންނަކަށް ނޫނެވެ. ސީދާ ފިނާއަށެވެ. އަހަރެން ބަލާކަން ސިރާޖަށް އެނގުނެވެ. އޭނާ ނޫންކަމަށް ހެދިއެވެ.

"ނެތްތަ ލަވައެއް؟" އަހަރެން އަހައިލީމެވެ.

"ނޫނޭ! އެބަހުރި. ދިވެހި؟ އިނގިރޭސި؟ ހިންދީ؟" ސިރާޖު ސުވާލުގެ ރާގުގައި އަމުނައިލިއެވެ.

"އަލީ ރަމީޒުގެ ފޭނެއް. ރީތީ ހީލީމާ އެބައޮތްތަ؟" ފިނާގެ އިސްތަށިގަނޑުގައި މަޑުމަޑުން ފިރުމަމުން ބުނެލީމެވެ.
"ތި ސަޅި ލަވައެއް. މި ޖަހައިލަނީ." ސިރާޖު ބުނެލިއެވެ.

އަހަންނަށް ލޯ މަރައިލެވުނެވެ. އިވެމުން ދިޔަ ރީތި މިޔުޒިކާއެކު ހިތަށް ވެރިވަމުން ދިޔައީ އުފާވެރި އިހުސާސެކެވެ. ފިނާއާ ދިމާވި ގޮތެވެ. އެންމެ ފުރަތަމަ އޭނާ ފެނިލި ވަގުތެވެ. އެ ދުވަހު އޭނާ ބެލި ގޮތެވެ. އެ ކަތި ނަޒަރެވެ. ދަތުރު ދިޔަ ދުވަހެވެ. އެ ދުވަހު ހިނގައި ދިޔަ ކަންތަކެވެ. ނިޔާޒާގެ ރުޅިވެރި މޫނެވެ. ބަދަލުގައި އަހަންނަށް ލިބުނު ހަދިޔާއެވެ. ފިނާ ލޯބި ހުށަހެޅި ގޮތެވެ. އެ ލޯތްބަށް ފުރަގަސްދޭން އުޅެވުނު ގޮތެވެ. ހުރިހާ ކަމެއް ބަދަލުވެގެން ދިޔަ މަންޒަރުތަކެވެ.
އަހަންނަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އަނެއްކާ ވެސް ވިސްނައިލެވުނެވެ. ދެން ކުރެވުނީ މުޅީން ތަފާތު އިހުސާސެކެވެ. ސިފަވަމުން ދިޔައީ ކައިވެނީގެ ވަލީމާއެވެ. އެ ހަފުލާއެވެ. އެ އުފާވެރި މެހެފިލެވެ. އާއިލާގެ މެންބަރުންގެ މޫނަށް ވެރިވެފައިވާ ހިނިތުންވުމެވެ. މަންމައާއި ބައްޕަގެ ނަސޭހަތްތަކެވެ. އެ ނަސޭހަތްތަކުގެ މައްޗަށް އިސްވީ ކައިވެނީގެ ހުތުބާއެވެ. ގާޒީގެ އަޑެވެ. ފިރިމީހާގެ ޒިންމާތަކާއި ދިރިއުޅުން ކާމިޔާބު ކުރުމުގައި ދެމީހުންގެ ހިއްސާގެ މުހިއްމު ކަމުގެ ވާހަކަތަކެވެ.

ކުއްލިއަކަށް ލޭގެ ހިނގުން އަވަސްވިއެވެ. ނާރުތަކަށް ވާންވަމުން ދިޔައެވެ. ހިޔާލުތައް އެހެން ދިމާއަކަށް މިސްރާބު ޖެހީއެވެ. ނަފުސުގެ މައްޗަށް ސިކުނޑި އިސްކުރެވޭތޯ ބެލީމެވެ. މަޑުމަޑުން ލޯ ހުޅުވާލެވުނެވެ. އޭރު ވެސް އެ ހިތްގައިމު ލަވައިގެ އަޑު އިވެމުން ދިޔައެވެ. އަހަންނަށް ބަލައިލެވުނީ ފިނާގެ މޫނަށެވެ. ފިނާ އޮތް ގޮތުން އޭނާގެ ލޯ ފެންނަ ވަރެއް ނުވިއެވެ. އެހެންވެ އޭނާގެ މޫނު ފެނޭތޯ ސިރާޖުގެ ބޮލާ ދިމާގައި ހުރި ލޯގަނޑަށް ބަލައިލީމެވެ.

މި ފަހަރު ވެސް ފާހަގަވީ ކުރިން ފަހަރު ވެސް ފާހަގަވިކަމެވެ. ސިރާޖު ކަޅި ޖަހައި ނުލައި އަހަރުމެންނަށް ބަލަން އިން ކަމެވެ. އަހަރެން ލޯ ހުޅުވާލިކަން އެނގުމުން އޭނާ ނޫން ކަމަށް ހެދިއެވެ.

"ދެން މި އާދެވުނީ." ސިރާޖު އަހަންނާ ދިމާއަށް ބަލައިލިއެވެ.

"ރޭގަނޑު ވީމަ ތަނެއް ފާހަގަކުރަން ވެސް އުނދަގޫ."

"މާދަމާ ދެން ނުކުންނާނީ. މިރޭ ދެން ރެސްޓުކޮށްލާނީ ދޯ،" ސިރާޖު ލުއި ގޮތަކަށް ބުނެލިއެވެ. "ނޫނޭ. ޝަރީއަށް އެނގޭނީ ޕްލޭން މަ މިހެން ބުންޏަސް އިނގޭ."

ސިރާޖު ހޭންފެށިއެވެ. އޭނާ އެބުނީ ކީކޭ ކަން އަހަންނަށް ވިސްނުނެވެ.

"އާނ ދޯ!" އަހަރެން ވެސް ހަމަ އެ ރާގުގައި ބުނެލީމެވެ.

"ބަލައިގެން އުޅެންވާނެ އިނގޭ،" ސިރާޖު ދެ މާނަ އެކުލެވޭ ގޮތަށް ބުނެލިއެވެ. "ނުވިސްނާ އުޅެނިކޮށް ލަނޑެއް ވެސް ލިބިދާނެ."

"ބަލާނެތާ ދޯ."

"މި އާދެވުނީ އިނގޭ. ހިނގައި ފައިބަމާ." ކާރު މަޑުކޮށްލިއެވެ.
އަހަންނަށް ބަލައިލެވުނެވެ. ފިނާއަށް އޮތީ ނިދިފައެވެ. ދެ ފަހަރަކު ފިނާއަށް ގޮވައިލީމެވެ.

"އާދެވުނީތަ؟" ނިދީގެ ރާގުގައި ފިނާ ބުނެލިއެވެ.

"އައްދެ، ތިވަރުން ހަނިމޫނު ހެދޭތަ؟" ފިނާގެ އަޑު އިވިފައި ސިރާޖު ބުނެލިއެވެ.

"ވަރުބަލިވީ. މާގިނަ އިރުވީއޭ. އެކޮޅުން ވެސް ޑިލޭއަށް ދެ ގަޑީއިރު. ދެން ފޫހި ވެސް ވާނެތާދޯ!" ކާރުން ފައިބަމުން އަހަރެން ބުނެލީމެވެ.

ކާރުން ނުކުތް އިރަށް ގަޔަށް ވެއްޓުނީ ހީގަނޑެކެވެ. މުޅި މާހައުލުގައި ވަނީ ތެތްފިނިކަމެވެ. ދުރުން ފެންނަމުން ދިޔަ މަންޒަރުތައް ވެސް ހުރީ ފުސްވެފައެވެ.

"ވަރަށް ފިނި ބާރު ދުވަސްކޮޅެއް." ސިރާޖު ބަލައިލީ އަހަރެންގެ މޫނަށެވެ.

"ވަރަށް ފިނިދޯ! ހީވަނީ ބޭރު ގައުމެއްގަ އުޅެވޭހެން."

ޑިކީގައި އޮތް ފޮށި ހިފައިގެން ސިރާޖު އެތެރެއަށް ދިޔައެވެ. އޭނާގެ ފަހަތުން އަހަރުމެން ހިނގައިގަތީމެވެ. އެއީ ބޮޑު ވަރަށް އާ ގެސްޓު ހައުހެކެވެ. ރީތި އިމާރާތެކެވެ. ވަށައިގެން ދިއްލާފައިވާ ފަނޑު ބޮކިތަކުގެ އަލިތަކުން މުޅި މަންޒަރު އިތުރަށް ފުރިހަމަ ކޮށްދެއެވެ.

"8 ވަނަ ރޫމް އިނގޭ." ސިރާޖު ކޮޓަރީގެ ދޮރު ހުޅުވާލަމުން ބުނެލިއެވެ.

ސިރާޖު ވެސް ކޮޓަރިއަށް ވަނެވެ. އަހަންނާއި ފިނާ ވެސް ކޮޓަރިއަށް ވަދެ ބަލައިލީމެވެ. އެއީ ފުރިހަމަ ރީތި ތަނަވަސް ކޮޓަރިއެކެވެ.

"ކެއުން އޮންނާނީ ރެސްޓޯރެންޓުން، މި ހުރީ މައުލޫމާތުތައް. ދެން މި ހުރީ ގުޅާނެ ނަންބަރުތައް. މިތަނުން ހުރިހާ ކަމެއް ހަމަޖައްސައިދޭނެ. ރިސެޕްޝަނަށް ގުޅައިލާ އިނގޭ." އަހަރެންގެ މޫނަށް ބަލައިގެން ހުރެ އަތުގައި ހުރި މައުލޫމާތު ޝީޓުތައް ސިރާޖު ދިއްކޮށްލިއެވެ.

"އޯކޭ."

"އަދި އެއް ވާހަކަ،" ސިރާޖު ފުން ނަޒަރަކުން އަހަރެން މޫނަށް ބަލައިލިއެވެ. "ވަރަށް ބަލައިގެން އުޅޭތި. މި ގެސްޓު ހައުސް ކައިރީގަ އުޅޭނެ ފާޑެއްގެ މީހެއް. މިބުނީ ކުޑަކޮށް ސައިކޯ މީހެއް. މަގުމައްޗަށް ނުކުންނަ އިރަށް އެމީހާ ފެނިދާނެ. އަޅައިލާނެ ކަމެއް ނެތް. ގޮވިއަސް ޖަވާބު ދޭނެ ކަމެއް ނެތް. އޭރުން އޯކޭވާނެ."

"އައިން؟" ފިނާއަށް ބަލައިލެވުނީ ސީދާ އަހަރެންގެ މޫނަށެވެ.

"އެ އަންހެނެއް މީހާ ހުންނާނީ ފާޑަކަށް. އިސްތަށިގަނޑު ވެސް ހުންނާނީ ހާވާލައިފަ. ފެނެއް ވެސް ނުވަރާނެ." ސިރާޖު އިތުރަށް ކިޔައިދިނެވެ.

"އޯކޭ." އަހަރެން ހިނިތުންވެލީމެވެ.

"އަހަރެން ބިރު ގަނެއްޖެ." ސިރާޖު ނުކުތުމުން ފިނާ ބިރުން ތެޅި ގަތެވެ.
(ނުނިމޭ)