ސުޝްމީތާ ސެން

"މައިނޭ ޕިޔާރް ކިޔޫން ކިޔާ" ލިބުނީ މަޖާ ގޮތަކަށް: ސުޝްމިތާ

މިސް. ޔުނިވާސް 1994 ކާމިޔާބު ކުރުމަށް ފަހު ސުޝްމިތާ ސެންއަށް ހިންދީ ފިލްމުތައް ކުޅުމުގެ ފުރުސަތުތައް އޮހެން ފެށި އެވެ. އެގޮތުން އޭރު ފިލްމު ކުޅުނު އޭ-ލިސްޓު ހުރިހާ އެކްޓަރުންނާއެކު ކަހަލަ ގޮތަކަށް ފިލްމު ކުޅޭނެ ފުރުސަތު ސުޝްމިތާ އަށް ލިބުނެވެ. އޭރުވެސް އެންމެ ކުރީގައި އުޅޭ އެއް އެކްޓަރު ކަމަށްވާ ސަލްމާން ޚާނާއެކު ސުޝްމިތާ ވަނީ "މައިނޭ ޕިޔާރް ކިޔޫން ކިޔާ" އާއި "ބީވީ ނަންބަރު 1" ކުޅެފަ އެވެ.

ދާދިފަހުން އިންޑިޔާ ނޫހަކަށް ދިން އިންޓަވިއު އެއްގައި ސުޝްމިތާ ބުނި ގޮތުގައި އޭނާއަށް "މައިނޭ ޕިޔާރް ކިޔޫން ކިޔާ" ލިބުނީ މަޖާ ގޮތަކަށެވެ. އެ ނިންމުން ސަލްމާން ނިންމީ ހަމަ ކުއްލިއަކަށް ކަމަށް ވެސް އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި "ބީވީ ނަންބަރު 1" ކުޅުމުގެ ކުރިން އޭނާއަށް ދުވަހަކުވެސް ސަލްމާނާ ބައްދަލުވެފައެއް ނެތެވެ. ނަމަވެސް "މައިނޭ ޕިޔާރް ކިޔާ" ބެލީއްސުރެ އޭނާއަކީ ސަލްމާންގެ ވަރަށް ބޮޑު ފޭނެކެވެ. ސަލްމާން ދެކެ ވީ ލޯތްބެއްގެ ބޮޑު ކަމުން އޭރު ލިބޭ ޕޮކެޓް މަނީ ވަރަށް ޚަރަދު ކޮށްލަނީ އެ ފިލްމުގެ ޕޯސްޓަރު ގަތުމަށެވެ.

ސަލްމާނާއި ބައްދަލު ކުރުމުގެ ފުރުސަތު ސުޝްމިތާއަށް އެންމެ ފުރަތަމަ ލިބުނީ ދެ މީހުން އެކުގައި ކުޅުނު "ބީވީ ނަންބަރު 1"ގެ ޝޫޓިންގަށް އެމެރިކާއަށް ދިއުމުންނެވެ. އެ ފިލްމުގައި އޭނާއަށް އެކްޓް ކުރަން ޖެހެނީ ސަލްމާނާއެކު ކަން ގަބޫލު ކުރަން ވެސް ފުރަތަމަ ދަތިވި ކަމަށް ސުޝްމިތާ ބުންޏެވެ.

"އެ ދުވަހު ފިލްމު ސެޓަށް ސަލްމާން ވަދެގެން އަންނަތަން ފެނިފައި އަހަންނަށް އޭނާއާއެކު ފިލްމު ކުޅެވޭކަން ގަބޫލު ކުރަން ވެސް ދަތިވި. އަދި އެ ވާހަކަ އަހަރެން ސަލްމާން ކައިރީ އެ ދުވަހު ބުނިން. 'މައިނޭ ޕިޔާރް ކިޔާ' ގެ ޕޯސްޓަރު ގަނެގެން އުޅުނު ވާހަކަ ކިޔައި ދިނުމުން ސަލްމާން ބުނި އެހެންވީމަ އަހަރެން 'މައިނޭ ޕިޔާރް ކިޔޫން ކިޔާ' ތައްޔާރު ކުރާނަމޭ އަދި އެ ފިލްމުގައި މަސައްކަތް ކުރުމުގެ ފުރުސަތު ދޭނަމޭ އަހަންނަށް،" ފިލްމު ލިބުނު ގޮތް ކިޔައިދެމުން ސުޝްމިތާ ބުންޏެވެ.

ސަލްމާން އެ ދުވަހު ބުނި ގޮތަށް އޭނާ ކަންތައް ކުރި އެވެ. އަދި "މައިނޭ ޕިޔާރް ކިޔޫން ކިޔާ" ގެ ބަތަލާއަކީ ކެޓުރީނާ ކައިފް ނަމަވެސް އެ ފިލްމުން ރޯލެއް ސުޝްމިތާ އަށް ވެސް ޚާއްސަ ކޮށްފައި ވެއެވެ.

ގިނަ ދުވަސްތަކެއް ވަންދެން ފިލްމު ކުޅުމާ ދުރުގައި ހުރުމަށްފަހު ސުޝްމިތާ އަނެއްކާވެސް ވަނީ އެކްޓިން އަށް އެނބުރި އައިސްފަ އެވެ. މިފަހަރު އޭނާ ކުޅެފައިވަނީ "އާރްޔާ" ކިޔާ ވެބް ސީރީޒް އެކެވެ. މިއީ ޑަޗް ސީރީޒް އެއް ކަމަށްވާ "ޕޮނާޒާ" އަސްލަކަށް ބަލައިގެން ތައްޔާރު ކޮށްފައިވާ ސީރީޒް އެކެވެ.

މި ސީރީޒްގައި ސުޝްމިތާ ކުޅެނީ ވަރަށް ގެވެހި އަންހެނެއްގެ ބައެވެ. ދަރިން ބެލުމާއި ގޭގެ މަސައްކަތުގައި އަވަދިނެތި އުޅެނިކޮށް ފިރިމީހާ މަރާލުމުން ފިރިމީހާ ކުރަމުންދިޔަ ޣައިރުގާނޫނީ ޑްރަގް ވިޔަފާރީގެ އިސް މީހެއްގެ މަގާމަށް ސުޝްމިތާގެ ކެރެކްޓާ ދާތަން މި ސީރީޒްގައި ފެނިގެން ދާނެ އެވެ.