ބޮލީވުޑް

ސުޝްމިތާގެ ދަރިފުޅުގެ ފުރަތަމަ ފިލްމަކީ "ސުއްޓާބާޒީ"

ރީތިގެ ރާނީ އަދި ބަތަލާ ސުޝްމިތާ ސެން އަށް މި އަހަރަކީ ވަރަށް ފާހަގަކޮށްލެވޭ އަހަރެކެވެ. ގިނަ ދުވަސްތަކަކަށް ފަހު އޭނާ އަލުން އެކްޓިންގެ މަސައްކަތަށް އެނބުރި އައީ މިއަހަރެވެ. އެގޮތުން އޭނާ ކުޅުނު ޑިޖިޓަލް ވެބް ސީރީޒް "އާރްޔާ" ރިލީޒްކޮށްފައިވާއިރު މި ސީރީޒް ބެލި ގިނަ ބަޔެއްގެ ތައުރީފު ސުޝްމިތާ އަށް ވަނީ ލިބިފަ އެވެ.

މިހާރު ސުޝްމިތާ އެޑޮޕްޓްކޮށްފައިވާ ކުއްޖެއް ކަމަށްވާ ރީނީ ވެސް ފިލްމީ ދުނިޔެއަށް ނިކުންނަން ވަނީ ތައްޔާރުވެފަ އެވެ. ރީނީ، 21، ހިންދީ ސިނަމާއަށް ތައާރަފްވާނީ "ސުއްޓާބާޒީ" ކިޔާ ފިލްމަކުންނެވެ.

މި ފިލްމުގެ ޝޫޓިން މީގެ ދެ ދުވަހެއް ކުރިން ވަނީ ފެށިފަ އެވެ. އިންޑިޔާގެ ބައެއް ނޫސް ރިޕޯޓުތައް ބުނާ ގޮތުގައި "ސުއްޓާބާޒީ"އަކީ ލޮކްޑައުން ދުވަސްވަރު ގެއެއްގެ ތެރޭގައި މަންމަ އަކާއި އަންހެންދަރިފުޅެއްގެ މެދުގައި ހިނގާ ހާދިސާ ތަކަކަށް ކުޅެފައިވާ ފިލްމެކެވެ. މި ދެ މައިންނާއި އެހެން ގޭބިސީއެއްގެ މީހުންނާ ދެމެދު ދިމާވާ މައްސަލަތަކަކަށް މި ފިލްމު ބިނާ ކޮށްފައިވެ އެވެ.

އަންހެނުން ބާރުވެރިކުރުވުމުގެ ތީމަށް މި ފިލްމު ތައްޔާރުކުރާނެ ކަމަށް ފިލްމު އުފައްދާ ފަރާތުން ބުނެފައި ވެއެވެ.
ރީނީ ސެން މި ފިލްމުގައި ކުޅެނީ، ވަރަށް ބޯހަރު، ރުޅިގަދަ އަންހެންދަރިއެއްގެ ރޯލެވެ. ރީނީގެ އިތުރުން މި ފިލްމުގައި ދެން އެންމެ މުހިއްމު ބައެއް ކުޅެނީ ކޯމަލް ޗަބްރާ އާއި ރާހޫލް ވޮހްރާ އެވެ. މި ދެ އެކްޓަރުން ކުޅެނި ރީނީގެ ކެރެކްޓާގެ މައިންބަފައިންގެ ރޯލެވެ.

ކޯމަލް ޗަބްރާ އަކީ "ޕަދުމާވަތު" އާއި "ޝަކުންތަލާ ދޭވީ" އަދި "މަރްދާނީ 2"ގައި މުހިއްމު ރޯލުތަކެއް އަދާކޮށްފައިވާ ކުޅަދާނަ ބަތަލާ އެކެވެ. އަނެއްކޮޅުން ރާހޫލް އަކީ "ސްވަދޭސް"ގައި ޝާހްރުކް ޚާނާއެކުގައި މަސައްކަތްކުރި މީހެއްގެ ރޯލު ކުޅުނު ވަރަށް މޮޅު އެކްޓަރެކެވެ.

"ސުއްޓާބާޒީ" ޑައިރެކްޓްކުރަނީ އެ މަސައްކަތަށް މުޅިން އަލަށް ނުކުންނަ ޒުވާނެއް ކަމަށްވާ ކަބީރް ކުރާނާ އެވެ. ފިލްމުގެ މަސައްކަތް ފެށި ދުވަހުން ފެށިގެން ފިލްމުގެ ވަރަށް ގިނަ މަންޒަރުތައް ކަބީރް ގެންދަނީ ސޯޝަލް މީޑިއާގައި ޝެއާ ކުރަމުންނެވެ.
މިހާރު ލަފާ ކުރެވެނީ "ސުއްޓާބާޒީ" ރިލީޒްކުރާނީ ޑިޖިޓަލް ޕްލެޓްފޯމްގައި ކަމަށެވެ.