އައިޝްވާރިޔާ ރާއީ

އައިޝްވަރިޔާއަށް މިސް އިންޑިއާގެ ތާޖު ހައްގު: ސުޝްމިތާ

މިސް އިންޑިއާ މުބާރާތުގައި ސުޝްމިތާ ސެން ބައިވެރިވި އެ މުބާރާތުގެ އެއްވަނަ އަށް ދާ ފަރާތަށް ލިބޭ ފަޚުރުވެރި ތާޖު ހާސިލުކުރީ 1994 ވަނަ އަހަރު އެވެ. ސުޝްމިތާ އެއްވަނައަށް ދިޔައީ ރީތީގެ ރާނީ އައިޝްވަރިޔާ ރާއީ އާ ވާދަ ކޮށެވެ. މި މުބާރާތުން އައިޝްވަރިޔާ އަށް ލިބުނީ ދެ ވަނަ އެވެ.

އައިޝްވަރިޔާ އަށް މުބާރާތުން އެއްވަނަ ނުލިބުން ވެގެން ދިޔައީ ގިނަ ބަޔަކު މިކަމާ ހައިރާންވެގެން ބަހުސްކުރި ކަމަކަށެވެ. މުބާރާތުގައި ބައިވެރިވީ އިރުވެސް އައިޝްވަރިޔާގެ ރީތިކަން މުޅި އިންޑިޔާގައި މަޝްހޫރުވެފައި ވެއެވެ. އަދި އޭނާއަކީ އޭރު ވެސް ވަރަށް ކާމިޔާބު މޮޑެލް އެކެވެ. އެހެންވެ އެންމެން ވެސް ޔަގީން ކޮށްގެން ތިބީ މުބާރާތް ކާމިޔާބު ކުރާނީ އައިޝްވަރިޔާ ކަމަށެވެ. އަދި މުބާރާތް ބެލުމަށް ޝައުގުވެރިވީ ގިނަ ބަޔެއްގެ ފޭވަރިޓަކީ ވެސް އައިޝްވަރިޔާ އެވެ. ނަމަވެސް އެންމެންގެ އުންމީދުތަކާއި ހީކުރުންތަކާއި ޚިލާފަށް އެހާ މަޝްހޫރު ނޫން އަންހެންކުއްޖަކު މުބާރާތް ކާމިޔާބު ކުރުމުން ވަރަށް ގިނަ ބަޔަކު އެވާހަކަ އޭރު ދެއްކި އެވެ.

ޚުދް ސުޝްމިތާ ވެސް ގަބޫލު ކުރާ ގޮތުގައި "މިސް އިންޑިޔާ" ގެ ތާޖު އައިޝްވަރިޔާ އަށް ހައްގެވެ. ތަންކޮޅެއް ކުރިން އިންޑިޔާގެ މަޖައްލާއަކަށް ސުޝްމިތާ ދީފައިވާ އިންޓަވިއު އެއްގައި ބުނީ އައިޝްވަރިޔާ އެކޭ އެއްފަދައިން އޭނާއަށް ވެސް މުބާރާތުގެ އެއްވަނަ ހައްގު ކަމަށް ގަބޫލުކުރާ ކަމަށެވެ.

"މުބާރާތުގެ ފައިނަލް އޮތް ރޭ އައިޝްވަރިޔާ އަށް ވުރެ އަހަންނަށް ރަނގަޅަށް ޕާފޯމް ކުރެވުނު ކަމަށް ގަބުލުކުރަން. އަހަރެން އެރޭ ހުރީ ވަރަށް ރަނގަޅު ފޯމެއްގައި. ވަރަށް ރަނގަޅަށް ހުރިހާ ކަމެއް ވެގެން ކުރެވުނީ. އެހެންވީމާ އަހަންނަށް ހައްގު އެއްޗެއް އަހަންނަށް ލިބުނީ،" ސުޝްމިތާ ބުންޏެވެ.

"އަހަރެން ބުނާނީ މުބާރާތުގެ ފައިނަލް ރޭ އަހަރެންގެ ނަސީބު ވެސް ތަންކޮޅެއް ގަދައިއްޔޭ. ނަސީބުގެ ތަރި އެރޭ އިނީ އަހަރެންގެ ބޯ މަތީގައި. ބައެއް ފަހަރަށް ނަސީބު ވެސް އެއީ ކަމެއް ހާސިލުކުރަން ވަރަށް މުހިއްމު ދައުރެއް ކުޅޭ އެއްޗަކަށްވޭ. ވާދަވެރި ރޭހަކަށް ނުކުމެ އުޅޭއިރު ހުރިހާ ވެސް އެއްޗަކީ އެމީހަކު ކުރާ ބުރަ މަސައްކަތް އެކަންޏެއް ނޫން. ނަސީބު ވެސް ވަރަށް މުހިއްމު ރޯލެއް ކުޅޭނެ އެމީހަކަށް އެ ކަމެއް ކާމިޔާބު ވުމުގައި. މުބާޜާތުގައި 20-30 އަންހެންކުދިން ބައިވެރިވެ އެކުދިންނަށް ކުރެވުނުހާ މަސައްކަތެއް ކޮށްފައިވޭ. އަހަންނަށް ކާމިޔާބު ކުރެވުނީ އެރޭ އަހަރެންގެ ނަސީބު އަތުގައި ހިފާފައި ހުރީމަ،" ސުޝްމިތާ ބުންޏެވެ.

ސުޝްމިތާ މުބާރާތް ކާމިޔާބުކޮށް މިސް. ޔުނިވާސް މުބާރާތަށް ގޮސް އެ މުބާރާތުން އެއްވަނަ ހޯދިއިރު އައިޝްވަރިޔާ ދިޔައީ މިސް. ވޯލްޑް މުބާރާތަށެވެ. އަދި އޭނާ ވެސް އެނބުރި އިންޑިޔާއަށް އައީ މިސް.އިންޑިޔާ މުބާޜާތުން އެއްވަނަ ހޯދައިގެންނެވެ.
މި ދެ ރީތީގެ ރާނީންގެ ފިލްމީ ކެރިއަރު ވެސް ހަމަ އެހާ ކާމިޔާބެވެ. ވަރަށް ގިނަ ކާމިޔާބު ފިލްމުތަކެއް ދެ ތަރިން ވެސް ކުޅެފައި ވެއެވެ.

ސުޝްމިތާ މި ވަގުތު މަސައްކަތް ކުރަމުންދަނީ ޑިޒްނީ ހޮޓްސްޓާގެ ސީރީޒް އެއްކަމަށްވާ "އާރްޔާ" ގައެވެ. އައިޝްވަރިޔާ ވަރަށް އަވަހަށް ޑައިރެކްޓަރު މަނީ ރަތުނަމްގެ "ޕޮންނިޔިން ސެލްވަން" ކިޔާ ފިލްމެއްގެ ޝޫޓިން ފަށަން ވަނީ ހަމަޖެހިފަ އެވެ.