އިސްލާމްއާބާދު (ޖޫން 27) - އެމެރިކާ ސިފައިން މަރާލާފައިވާ އަލްގައިދާގެ ލީޑަރު އުސާމާ ބިން ލާދިން ޝަހީދެއްގެ ގޮތުގައި ސިފަ ކުރެއްވުމުން، އިދިކޮޅުގެ ބޮޑެތި ފާޑުކިއުންތައް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާނަށް އަމާޒުވެއްޖެ އެވެ.
އެމެރިކާ އިން ބިން ލާދިން މަރާލާފައި ވަނީ ޕާކިސްތާނުގައި ފިލައިގެން އުޅެނިކޮށް 2011 ވަނަ އަހަރުގެ މެއި މަހުގެ ދެވަނަ ދުވަހުގެ ފަތިހު އެވެ. ޕާކިސްތާނު ސަރުކާރަށް ވެސް އެންގުމަކާ ނުލައި އެމެރިކާ ސިފައިން ހިންގި ހާއްސަ ހަރަކާތެއްގައި ބިން ލާދިން މަރާލާފައި ވަނީ ޕާކިސްތާނުގައި އުޅޭތާ އަހަރުތަކެއް ފަހުންނެވެ.
އޭރު ބިން ލާދިން ހޯދަން މަސައްކަތް ކުރާތާ ވަނީ ދިހަ ވަރަކަށް އަހަރު ވެފަ އެވެ.
"އަޅުގަނޑު ދުވަހަކު ވެސް ހަނދާނެއް ނުނެތޭނެ، މުޅި ޕާކިސްތާނު ލަދުގަންނަވާލާފައި، އެމެރިކާ ސިފައިން އައިސް ބިން ލާދިން މަރާލައި، އޭނާ ޝަހީދަކަށް ހެދި ގޮތް،" އިމްރާން ހާން މިދިއަ ބުރާސްފަތި ދުވަހު ވިދާޅުވި އެވެ.
އެކަން ކުށްވެރި ކުރައްވަމުން އިދިކޮޅު ލީޑަރު އަދި ކުރީގެ ފޮރިން މިނިސްޓަރު ހަވާޖާ އާސިފް ވިދާޅުވީ ބިން ލާދިން އަކީ ޓެރަރިސްޓެއް ކަމަށެވެ.
"އޭނަ [އުސާމާ ބިން ލާދިން] އަހަރެމެންގެ މުޅި ގައުމު ހަލާކުކޮށްލީ. ދެން އޭނާ [ހާން] މި ދެނީ ޝަހީދެއްގެ ދަރަޖަ،" އާސިފް ވިދާޅުވި އެވެ.
ބިލާވަލް ބުއްޓޫ ޒަރުދާރީ ވެސް ވިދާޅުވީ ދީނީ ހަރުކަށި ފިކުރަށް ހާން ތާއީދު ކުރައްވާ ކަމަށެވެ.
ހާން އާ ދެކޮޅަށް ޕާކިސްތާނުގެ އާއްމުންގެ ގިނަ ބައަކު ވެސް ދަނީ ފާޑުކިއަމުންނެވެ. އެގޮތުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ މުސްލިމުންނަށް ބިން ލާދިންގެ އަމަލުތަކުގެ ސަބަބުން އަދިވެސް ދަތިތަކާ ކުރިމަތިވަމުންދާއިރު، އޭނާއަކީ ޝަހީދެއްގެ ގޮތުގައި ހާން ސިފަކުރެއްވުމަކީ އެ ހާލަތު އިތުރަށް ގޯސްވާނެކަމެއް ކަމަށް ވެސް ގިނަ ބައަކު ދަނީ ބުނަމުންނެވެ.
ހާން އެ މޭރުމުން ވާހަކަ ދައްކަވާފައިވަނީ، ޓެރަރިސްޓުންނަށް ޕާކިސްތާނުން އަދިވެސް ހިމާޔަތްދޭކަމަށް ތުހުމަތުކޮށް އެމެރިކާ އިން ދާދި ފަހުން ނެރުނު ރިޕޯޓެއް ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން ކުށްވެރިކޮށްފައިވަނިކޮށެވެ.