ލޯކަލް ކައުންސިލް އިންތިހާބު އަވަސް ތާރީހެއްގައި ބޭއްވުމަށް މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަ ކުރައްވާ އަލްހާން ފަހުމީ ގޮވާލައްވައިފި އެވެ.
ފަސް ކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބު ބާއްވާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެއެވެ. ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ކުރިން ނިންމާފައި އޮތީ މި އަހަރުގެ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު އެވެ. ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އިންތިހާބު އެ ތާރީހުގައި ނުބޭއްވޭނެތީ ގާނޫނަކުން އެ އިންތިހާބު ވަނީ ފަސް ކޮށްފަ އެވެ. އަދި އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ތިބެވޭ ގޮތަށް ގާނޫނު އަސާސީއަށް ވަނީ އިސްލާހު ވެސް ގެނެސްފަ އެވެ.
މިހާރު އޮތް ގޮތުން ކައުންސިލް އިންތިހާބު ބާއްވަން ޖެހެނީ ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހު ތަސްދީގުކުރި ދުވަހުން ފެށިގެން އެއް އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގަ އެވެ. ކައުންސިލް އިންތިހާބު ފަސް ކުރުމުގެ ވަގުތީ ގާނޫނުގެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވީ މިދިއަ މެއި މަހުގެ 10 ވަނަ ދުވަހު އެވެ. އެހެން ކަމުން އަންނަ އަހަރުގެ މެއި މަހުގެ 10 ވަނަ ދުވަހާ ހަމައަށް އިންތިހާބު ބޭއްވުމުގެ ފުރުސަތު ލިބިގެން ދާނެ އެވެ.
މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ އަލްހާން ފަހުމީ ވަނީ ކައުންސިލް އިންތިހާބު އަވަސް ކުރުމަށް ދައުލަތުގެ މުއައްސަސާތަކަށް ގޮވާލައްވާފައެވެ.
ކޮރޯނާ ވައިރަހުގެ ސަބަބުން ފަސްކުރެވިފައިވާ 2020 ވަނަ އަހަރުގެ އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައި އޮތް، ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އަވަސްކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހާ އިދާރާތަކަށް ގޮވާލަންއަލްހާން ފަހުމީ | މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓް
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ އަމާޒަކީ އަންނަ އަހަރުގެ ރޯދައިގެ ކުރިން އިންތިހާބު ބާއްވާ ނިންމުން ކަމަށެވެ. އިންތިހާބާ ބެހޭ މަސައްކަތް ފަށާނީ މިހާރު އިއުލާނު ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމުން ކަމަށާ އެ ހާލަތު ނިމުމާއެކު އިންތިހާބުގެ މަސައްކަތް ފަށާނެ ތާރީހަކާއި އިންތިހާބު ބާއްވާނެ ތާރީހެއް ވެސް ކަނޑައަޅާ އިއުލާނު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން އިންތިހާބުގެ ތާރީހު ކަނޑައެޅުމުގެ ކުރިން ސިޔާސީ ޕާޓީތަކާއި މަޝްވަރާ ކުރަން ނިންމާފައިވާ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.