ލޯކަލް ކައުންސިލްތަކާއި އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަަކަށް މެމްބަރުން އިންތިހާބުކުރަން ވޯޓު ލުމުގެ ކުރިން 120 މެމްބަރަކު އިންތިހާބުވެފައިވާ ކަން އިއުލާނު ކުރީ ގާނޫނުގައި އޮތް ގޮތަށް ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އާދަމް ވިދާޅުވެއްޖެ އެވެ.
ޝަރީފް މިހެން ވިދާޅުވީ ވޯޓަކާ ނުލައި މެމްބަރުން އިންތިހާބު ކުރުން ގާނޫނު އަސާސީއާ ހިލާފު ކަމަަށް ބައެއް ގާނޫނީ ވަކީލުން ވިދާޅުވަމުން ގެންދަވާތީއެވެ. އަދި އެ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހަޅުއްވާނެ ކަމަށް މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ އަލްހާން ފަހުމީ ވިދާޅުވުމާއި ގުޅިގެންނެވެ.
ޝަރީފް ވިދާޅުވީ ކޮމިޝަނުން އަމަލު ކުރަމުންދަނީ ގާނޫނުގައިވާ ގޮތަށް ކަމަށެވެ. ކައުންސިލް އިންތިހާބާ ބެހޭ ގާނޫނުގައި ބުނެފައިވަނީ ކުރިމަތިލީ ކެންޑިޑޭޓުންނަކީ ޝަރުތު ހަމަވާ ކެންޑިޑޭޓުން ކަމަށްވެފައި އިންތިހާބަށް ކުރިމަތިލީ މެންބަރުންގެ އަދަދު މަދުނަމަ ނުވަތަ ކުރިމަތިލީ ކަނޑައަޅާފައިވާ އަދަދަށް ނަމަ އެ އިންތިހާބުގައި ވޯޓްލުމެއް ނެތި އެ ކެންޑިޑޭޓުން އެ މަގާމުތަކަށް އިންތިހާބުވީ ކަމަަށް އިއުލާނު ކުރައްވާނެ ކަމަށެވެ. ޝަރީފް ވަނީ ގާނޫނުގެ އެ މާއްދާ ހިއްސާ ކުރައްވާފައެވެ.
އަލްހާން ވިދާޅުވީ އިންތިހާބު ނުނިމެނީސް އެކަކުވެސް ނުހޮވޭނެ ކަމަށާ ވޯޓު ލީ މީހުންގެ މެޖޯރިޓީ ނުލިބި އިންތިހާބު ވުމަކީ ގާނޫނު އަސާސީ ދަންނަ ކަމެއް ނޫން ކަމަށެވެ. އަދި އެ މައްސަލަތައް ސުޕްރީމް ކޯޓަށް ވައްދާނެ ކަމަށް ވަނީ ބުނެފައެވެ. އަލްހާންގެ އެ ވިސްނުމަށް ބައެއް ގާނޫނީ ވަކީލުން ވަނީ ތާއީދު ކުރައްވާފައެވެ. އަދި ބައެއް ވަކީލުން ވަނީ އެކަމާ ދެކޮޅު ހައްދަވާފައެވެ.
ވޯޓަކާ ނުލައި މެމްބަރުން އިންތިހާބްވީ ބައެއް ދާއިރާތަކަށް ކުރިމަތިލި ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމާއި އިންތިހާބު ކުރަން ޖެހޭ އަދަދަށް ނޫނީ އެއަށްވުރެ މަދުން ކުރިމަތިލާފައިވުމުންނެވެ.
އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަަކަށް 90 މެމްބަރުން އިންތިހާބުވެފައިވާއިރު ކައުންސިލްތަކަށް 30 މެމްބަރުން އިންތިހާބްވެފައިވެ އެވެ.
ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދަން ހުޅުވާލި ފުރުސަތު މިމަހު 11 ވަނަ ދުވަހު ހަމަވި އިރު އަންހެނުންގެ ކޮމެޓީތަަކަށް ކުރިމަތިލި 139 މީހަކު ވަނީ ނަން އަނބުރާ ގެންގޮސްފައެވެ. އަދި ކައުންސިލްތަކަށް ކުރިމަތިލި 169 މެމްބަރަކު ވަނީ ނަން ގެންގޮސްފަ އެވެ.
ހަތް ރަށެއްގެ އަންހެނުންގެ ކޮމެޓީއަށް އެކަށީގެންވާ އަދަދަށް އަންހެނުން ކުރިމަތި ނުލާތީ އެ ދާއިރާތަކަށް އަލުން ހުޅުވާލަންވެސް މިހާރު ވަނީ ނިންމައިފަ އެވެ.
ކައުންސިލް އިންތިހާބް އަންނަ އޭޕްރީލް މަހު 10 ވަނަ ދުވަހު ބާއްވަން މިހާރު ވަނީ ތާވަލްކޮށްފަ އެވެ.