ވިޔަފާރި

ބާސާ މެޗުގައި ރާއްޖެ ހުޅުވާ ތާރީހު ދައްކާލައިފި

Jun 27, 2020
1

ރާއްޖޭގެ ޓޫރިޒަމް އަލުން ހުޅުވާލާ ތާރީހު ސެލްޓަ ވީގޯ އާއި ބާސެލޯނާ މިއަދު ކުޅުނު މެޗު ފެށުމުގެ ކުރިން ދައްކައިފި އެވެ.

ރާއްޖޭގެ ޓޫރިޒަމް އިސްތިހާރު ކުރަން ސްޕެއިންގެ ކްލަބް ސެލްޓަ ވީގޯއެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން، ލަލީގާގެ މިރޭ މެޗު ފެށުމުގެ ކުރިން އެ ކްލަބުގެ އަބަންކާ ބެލައިޑޯސް ސްޓޭޑިއަމްގައި ރާއްޖޭގެ އިސްތިހާރު ދައްކާފައިވެ އެވެ. އެގޮތުން މެޗު ފެށުމުގެ ކުރިން ސެންޓަ ސާކަލް އަށް ރާއްޖެ ތާރީހު އަޅުވާފައި ހުއްޓެވެ. އަދި މެޗު ކުޅެމުން ދިޔައިރު ދަނޑުގެ އިސްތިހާރު ބޯޑުގައި "ވިޒިޓް މޯލްޑިވްސް" އިސްތިހާރު ދައްކަމުން ދިޔަ އެވެ،

ބާސާ އާއި ސެލްޓަގެ މިރޭ ކުޅުނު މެޗު ވަނީ 2،2 އިން އެއްވަރު ވެގެން ނިމިފަ އެވެ. ސެލްޓަ މިރޭގެ މެޗު ބާސާއެކު އެއްވަރު ކުރިއިރު، މި މަހުގެ 21 ވަނަ ދުވަހު ކުޅުނު މެދުގައި ޑިޕޯޓިވޯ އަލަވޭޒް ކޮޅަށް ވަނީ ހަ ލަނޑު ޖަހާފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި ލައިވްކޮށް ދެއްކި މި މެޗު ރާއްޖޭގެ އިސްތިހާރު 50 މިލިއަންނަށް ވުރެ ގިނަ މީހުންނަށް ފެނިފައިވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އެ މިނިސްޓްރީން ވަނީ ސެލްޓަ ވީގޯއަށް މަރުހަބާ ކިޔާފަ އެވެ.

ރާއްޖެ ސްޕޭންގައި އިސްތިހާރު ކުރަން ދަނީ ސެލްޓަ ވީގޯގެ ކުޅުންތެރިން ބޭނުން ކުރަމުންނެވެ. އެ ކްލަބުން ދާދި ފަހުން ވަނީ ސެލްޓަގެ ވައިސް ކެޕްޓަން އިއާގޯ އެސްޕަސް އާއި ފޯވަޑް ފޭޑާ ސްމޮލޯވް ގެ އިތުރުން ދެ މިޑްފީލްޑަރުން ކަމަށްވާ ރަފީނިއާ އަދި ޑެނިސް ސުއަރޭޒް ބޭނުންކޮށްގެން ރާއްޖޭގެ ޓޫރިޒަމްއާ ބެހޭ ގޮތުން ޕްރޮމޯޝަނަލް ވީޑިއޯ ކްލިޕް ތަކެއް ހަދާފަ އެވެ. އަދި އެ ކްލިޕްތައް އެ ކުޅުންތެރިންގެ ސޯޝަލް މީޑިއާގައި ވެސް ޝެއާ ކޮށްފައިވެ އެވެ.

ސްޕެނިޝް ލީގުގައި ސެލްޓަ ވީގޯއާއެކު ރާއްޖެ އިސްތިހާރު ކުރަން ސޮއިކޮށްފައިވަނީ ތިން އަހަރު ދުވަހަށެވެ. މި އެއްބަސްވުމުގެ ދަށުން އަހަރަކު 900،000 ޑޮލަރު ރާއްޖެ ހަރަދު ކުރާނެ އެވެ.