ވިޔަފާރި

އަންނަ މަހުން ފެށިގެން އައިފޯނުގެ އަގުތައް ރާއްޖޭގައި ހެޔޮވާނެ: ސޮފްޓް ޓަޗް

Sep 29, 2015

އަންނަ މަހު އެޕަލްގެ ފޯނުތައް ރާއްޖޭގައި ލޯންޗް ކުރުމާއެކު، އެޕަލް ފޯނުތަކުގެ އަގު ބާޒާރުގެ އަގުތަކަށްވުރެ ހެޔޮވާނެ ކަމަށް އެޕަލް އުފެއްދުންތަކުގެ ރާއްޖޭގެ ޑިސްރިބިއުޓަކަށް ހަމަޖެއްސި "ސޮފްޓް ޓަޗް މޯލްޑިވްސް" އިން ބުނެފި އެވެ. 

"އަވަސް"އާ ވާހަކަ ދައްކަވަމުން އެޕަލްގެ ރާއްޖޭގެ "ޑިސްރިބިއުޓާ އެންޑް ރީޖަނަލް ސްޓޮކިން" އަކަށް އެޕަލް ކުންފުނިން ހަމަޖެއްސި، ސޮފްޓް ޓަޗް މޯލްޑިވްސްގެ ޑިރެކްޓަރު މުހައްމަދު ރިފާއު ވިދާޅުވީ ދިރާގާ ގުޅިގެން އަންނަ މަހުގެ ދެވަނަ ދުވަހު އައިފޯނު ވިއްކާނެ އަގުތަކާއި ޕެކޭޖުތައް އިއުލާނުކުރާނެ ކަމަށެވެ. އަދި އައިފޯނުގެ އަގުތައް ހަމަޖައްސާނީ ސީދާ އެޕަލް ކުންފުނިން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެޕަލް އިން އަގުތައް ހަމަޖައްސާނީ. މިހާރު މަސައްކަތް ކުރަމުން މިދަނީ އޮފިޝަލް ރީސެއިލާ ހަމަޖެއްސުމަށް.އޭރުން އަޅުގަނޑުމެން އެ ފަރާތްތަކަށް ފޯނު ފޯރުކޮށްދޭނީ،" ރިފާއު ވިދާޅުވި އެވެ.

އައިފޯންގެ އެންމެ ފަހުގެ ފޯންތައް ރާއްޖޭގައި މިހާރު ވިއްކަނީ 20،000 އަށް ވުރެ މަތީގަ އެވެ. 

އޭނާ ވިދާޅުވީ ދިރާގާ ގުޅިގެން އަންނަ މަހުގެ ދެވަނަ ދުވަހު އައިފޯނުގެ އަގުތައް އިއުލާނުކޮށް، އަށް ވަނަ ދުވަހު ފޯނު ރާއްޖޭގައި ލޯންޗް ކުރަން ހަމަޖެހިފައިވާ ކަމަށެވެ.

"ފޯނުތައް ލޯންޗް ކުރާއިރު މަންތްލީކޮށް ލާރި ދެއްކޭ ޕެކޭޖުތަކެއްވެސް ތައާރަފު ކުރެވޭނެ. މީގެ އިތުރުން ހިލޭ ފޯނު ލިބޭނެ ޕްލޭންތަކެއް ވެސް އަންނާނެ،" ރިފާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެޕަލް ފޯނުގެ ރީޖަނަލް ސޮޓް ކުންފުންޏަކަށް ހަމަޖެހިގެން ދިއުމުން މި ސަރަހައްދުގެ ކުންފުނިތަކަށް ވެސް ފޯނު ފޯރުކޮށްދިނުމަށް އެ ކުންފުނިން މަސައްކަތް ކުރާނެ އެވެ. 

"މިވަގުތު މިދެނީ ހަމައެކަނި ރާއްޖެއަށް. އެކަމަކު މި ސަރަހައްދަށް ވެސް ފޯރުކޮށް ދިނުމަށް ހަމަޖެހިފައިވޭ،" ރިފާއު ވިދާޅުވި އެވެ.