ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު

"ޓިކެޓުގެ ޝަައުގެއްނެތް، ޔާމީން މިނިވަންވެސް ވާނެ"

ޕީޕީއެމްގެ ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން ނެތް ކަމަށާ 2023 ގެ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާދަ ކުރައްވާނެ ކަމަށް ޕީޕީއެމްގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ރައީސް ވަހީދު މިހެން ވިދާޅުވީ އަވަސްގެ ހެނދުނުގެ ޝޯ "ފަށަމާ" ގެ ފުރަތަމަ މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން މިއަދު ދެއްކެވި ވާހަކަފުުޅުގަ އެވެ.

ވަހީދު ވިދާޅުވީ 2014 ވަނަ އަހަރު ޕީޕީއެމާއި ގުޅިވަޑައިގެންފައި ވަނީ ގައުމަށް ހިދުމަތް ކުރުމުގެ މަގްސަދުގައި ކަމަށެވެ. އަދި ޕީޕީއެމްގެ އެޑްވައިޒަރުގެ މަގާމު ހުށައެޅުމުން އެ މަގާމު ގަބޫލު ކުރެއްވީ އެއްވެސް އަމިއްލަ އެދުމެއް އޮވެގެން ނޫން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ދުނިޔެ ދުށް މޮޅު ލީޑަރުންނަކީ އަބަދުވެސް އެހެން މީހުން ޕްރޮމޯޓް ކޮށްދިނުމަށް މަސައްކަތް ކޮށްދެއްވި ބޭފުޅުން ކަމަށާ އެމަނިކުފާނުގެ ފިލޯސަފީއަކީ ވެސް އެއީ ކަމަށެވެ.

"ދަންނަވަންތޯ، މޮޅު ލީޑަރުންނަކީ އެހެން މީހުންނަށް ޝަރަފު ހޯދައި ދިނުމަށްޓަކައި އެމީހުން ޕްރޮމޯޓް ކުރުމަށްޓަކައި އެމީހުންގެ ފަހަތުގައި ތިބެގެން މަސައްކަތްކޮށް ދޭ މީހުން. އެންމެ ރަނގަޅު ލީޑާޝިޕަކީ އެހެން މީހުންނަށް ހިދުމަތް ކޮށްދިނުން. އެއީ އަޅުގަނޑުގެ ފިލޯސަފީއަކީ،"

ރައީސް ވަހީދު ވިދާޅުވީ ޕީޕީއެމްގެ އިސް މަގާމަކަށް ވަޑައިގެންނެވީ ހޯއްދަވަން ބޭނުންފުޅުވާ ޝަރަފުވެރި ކަމެއް ނުވަތަ މަގާމެއް އޮވެގެން ނޫން ކަމަށެވެ.

"މާތްﷲ އާ ވަކީލް، އެކަނލާންގެ ރަނގަޅު މަގު ދައްކަވާނެ،" ކުރިއަށް އޮތްތާ ފެންނާނީ ކޮންގޮތަކަށްތޯ ދެންނެވުމުން ރައީސް ވަހީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ކޮން ބޭފުޅެއްކަން ޕްރޮގްރެސިވް ކޯލިޝަނުން އޮތީ މިހާރު ވެސް ގޮތެއް ކަނޑައަޅާ ނިންމާފައި ކަމަށެވެ. އެއީ މިވަގުތު ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށާ ރިޔާސީ އިންތިހާބުގެ ކުރިން އެމަނިކުފާނު މިނިވަންވާނެ ކަމަށެވެ. އަދި ޕީޕީއެމްގެ ރިޔާސީ ޓިކެޓްގައި އިންތިހާބުގައި ވާދަ ކުރައް ވާނީ ވެސް ރައީސް ޔާމީން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައީސް ޔާމީން މިނިވަންވެވަޑައިގަންނަވާނެ. 2023 އަށް އިރާދަފުޅު ކުރެއްވިއްޔާ އެމަނިކުފާނު [ރައީސް ޔާމީން] ނުކުމެ ވަޑައިގަންނަވާނެ، ރިޔާސި ރޭހުގައި ވާދަ ވެސް ކުރައްވާނެ. ކާމިޔާބުވެސް ކުރައްވާނެ. އަޅުގަނޑަށް ވަރަށް ބޮޑު ޔަގީން ކަމެއް އެބައޮތް، އެއީ މިތާނގައި ކަންކަން ހިނގަމުންދާ ގޮތުން. 2008 ގެ އިންތިހާބުގައި ރައީސް ނަޝީދަށް ވާދަ ނުކުރެވޭނެ ކަމަށް ވެސް ބައެއް މީހުންނަށް ހީވި. ނަމަވެސް ކަންވީ އެހެނެއް ނޫން ދެއްތޯ؟" ރައީސް ވަހީދު ވިދާޅުވި އެވެ.

އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައީސް ޔާމީން މިނިވަންވެވަޑައިގަންނަވާނެ. 2023 އަށް އިރާދަފުޅު ކުރެއްވިއްޔާ އެމަނިކުފާނު [ރައީސް ޔާމީން] ނުކުމެ ވަޑައިގަންނަވާނެ، ރިޔާސި ރޭހުގައި ވާދަވެސް ކުރައްވާނެ. އަޅުގަނޑަށް ވަރަށް ބޮޑު ޔަގީން ކަމެއް އެބައޮތް. އެއީ މިތާނގައި ކަންކަން ހިނގަމުންދާ ގޮތުން. 2008 ގެ އިންތިހާބުގައި ރައީސް ނަޝީދަށް ވާދަ ނުކުރެވޭނެ ކަމަށްވެސް ބައެއް މީހުންނަށް ހީވި. ނަމަވެސް ކަންވީ އެހެނެއް ނޫން ދެއްތޯ؟
ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު | ކުރީގެ ރައީސް

މިިދިއަ ހަފުތާގައި ޕީޕީއެމްގެ އެޑްވައިޒަރަކަށް ރައީސް ވަހީދު ހަމަޖެއްސެވި ރޭ ނޫސްވެރިންގެ ވަނީ 2023 ގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަ ކުރުމަށް ރިޔާސީ ޓިކެޓް ހުށައަޅުއްވައިފި ނަމަ އެކަން ގަބޫލުފުޅު ކުރައްވާނެ ސުވާލު ކޮށްފަ އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވަހީދު އެ ރޭ ވިދާޅުވީ އެ ހާލަތު އަތުވެއްޖެނަމަ އެކަމާ ވިސްނަވާނެ ކަމަށެވެ.

ނަމަވެސް "ފަށަމާ" ޝޯގައި ރައީސް ވަހީދު ވިދާޅުވީ ރިޔާސީ ޓިކެޓަށް ޝައުގުވެރި ކަން އެ މަނިކުފާނުގެ ނެތް ކަމަށާ އަދި ޕީޕީއެމުން އެމަނިކުފާނަށް ރިޔާސީ ޓިކެޓް ހުށައަޅުއްވަން ޖެހޭ ސަބަބެއް ވެސްް ނެތް ކަމަށެވެ. އަދި ތަކުރާރު ކުރައްވާ ވިދާޅުވީ ރައީސް ޔާމީން މިނިވަންވާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށެވެ. އަދި 2023 އަށް ޕީޕީއެމަށް ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް ޔާމީން މިހާރުވެސް ކަނޑައެޅި ނިމިފައި ކަމަށެވެ.

ޕީޕީއެމް ދާނީ ވަރުގަދަ ވެގެން ކަމަށާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއެކުވެސް ޕީޕީއެމަށް ކުރިއެރުން ލިބި، ޕާޓީގެ ހަރަކާތްތައް ވަރަށް ބޮޑަށް ވަރުގަދަ ވެގެންދާނެ ކަމަށް ވަހީދު ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ކައުންސިލް އިންތިހާބަށް ވަރަށް ބޮޑަށް ފޯކަސް ކުރައްވާ ވަރަށް ވަރުގަދައަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"މާލެ ވެސް އަދި އަތޮޅުތަކުގެ ތެރޭގެ ވަރަށް ގިނަ ރައްޔިތުން މި ތިބީ މި ސަރުކާރާ މެދު ވަރަށް ބޮޑަށް މާޔޫސްވެފައި. އެހެންވީމަ ވަރަށް ގިނަ ބަޔަކު ތިބީ ޕީޕީއެމާއި ގުޅެން ބޭނުންވެފައި. އަޅުގަނޑުގެ ނަޒަރުގައި ޕީޕީއެމް ދެން އަދި ވަރަށް ވަރުގަ ދަވާނެ،"

ރައީސް ވަހީދު ވިދާޅުވީ ރައީސް ޔާމީން މިވަގުތު ޖަލުގައި އޮންނެވި ނަމަވެސް ޕީޕީއެމް އޮތީ ވަރުގަދަކޮށް ކަމަށެވެ. އަދި ޕާޓީ ހިންގަވަން ތިއްބެވީ ވަރުގަދަ ލީޑަރުންތަކެއްގެ ގޮތުގައި ސިފަ ކުރެއްވި އެވެ.

"އަޅުގަނޑު ދަންނަވާލަން އޮތީ ޕީޕީއެމްގެ މެންބަރުންނަށް ބޮޑަށް މަސައްކަތް ފަށަމާ ހިނގާށޭ. އަޅުގަނޑަކީ ވަރަށް ބާރަށް ހިނގާ މީހެއް. ބާރަށް ހިނގަމަ ހިނގާށޭ. އޭރަށް ވަރަށް ބޮޑު ކާމިޔާބީއެއް އަޅުގަނޑުމެންނަށް ލިބިދާނޭ،"