ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އިންކަމް ސަޕޯޓްގެ ގޮތުގައި 5.7 މިލިއަން ދީފި

ކޮވިޑް-19 އާ ގުޅިގެން، ވަޒީފާ ގެއްލޭ މީހުންނާއި އާމްދަނީ އަށް އަސަރު ކޮށްފައިވާ، އަމިއްލަ މަސައްކަތްތެރިންނަށް މިހާތަނަށް 5.7 މިލިއަނަށްވުރެ ގިނަ ރުފިޔާ ދީފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ވަނީ އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި މިހާތަނަށް ދޫކުރެވުނު ފައިސާގެ އަދަދާއި ފައިސާ ދޫކުރެވުނު މީހުންގެ އަދަދު ހާމަކޮށްފައެވެ.

އެ މިނިސްޓްރީން ބުނީ އިންކަމް ސަޕޯޓް އެލަވަންސް މިހާތަނަށް ދީފައިވަނީ 1450 މީހަކަށް ކަމަށެވެ. އެ މީހުންނަށް 5،759،448.05 ރުފިޔާ ދޫކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ.

އިކޮނޮމިކް މިނިސްޓްރީން ގެޒެޓްކޮށްފައިވާ "ކޮވިޑް -19 އާ ގުޅިގެން އާމްދަނީ އަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސް ދިނުމާ ގުޅޭ އުސޫލު" ގައިވާ ގޮތުން، އަމިއްލަ މަސައްކަތް ކުރާ މީހުންނާއި ވަޒީފާ ގެއްލި ނުވަތަ ވަޒީފާގެ ހާލަތަށް އަސަރު ކުރާ މީހުންނަށް ވެސް ލިބޭނީ 5،000ރ. އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އުސޫލު އެކުލަވާލާފައިވަނީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 23.6 ވަނަ މާއްދާގެ ދަށުން ކަމަށެވެ. އެލަވަންސް ލިބޭނީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ދިވެހި ރައްޔިތުންގެ ތެރެއިން، ކޮވިޑް-19 އާ ގުޅިގެން އެ ބައެއްގެ ވަޒީފާއަށް ނުރަނގަޅު އަސަރެއް ކޮށްފައިވާ ފަރާތްތަކާއި އަމިއްލަ މަސައްކަތް ކުރާ ދިވެހި ރައްޔިތުންގެ ތެރެއިން، ކޮވިޑް-19 އާ ގުޅިގެން އެ ބައެއްގެ އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތައް ކަމަށެވެ.

މި އެލަވަންސް ލިބޭނީ 1 މާޗު 2020 ގައި، އެއްވެސް ފަރާތެއްގެ ދާއިމީ ނުވަތަ ވަގުތީ ވަޒީފާގައި ހުރި ކޮންމެ ފަރާތަކަށެވެ. މީގެ ތެރޭގައި ޕްރޮބޭޝަނުގައި ތިބޭ ފަރާތްތައް ހިމެނޭނެއެވެ. އަދި ވަގުތީ ވަޒީފާ ވާންވާނީ އެ ފަރާތަކަށް މުސާރަ ލިބޭ ހަމައެކަނި ވަޒީފާއަށެވެ.

މި އުސޫލުގައި ބުނެފައިވާ ގޮތުން އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކުގެ ތެރެއިން އެލަވަންސް ލިބޭނީ، އެލަވަންސް ދިނުމުގައި، ހުށަހަޅައިފައިވާ ފަރާތަކީ އެހެން އާމްދަނީއެއް ލިބޭ ފަރާތެއް ނަމަ، އެފަދައިން ލިބޭ އިތުރު އާމްދަނީން މަހެއްގެ މައްޗަށް ލިބޭ އަދަދަކީ 5،000ރ. ރުފިޔާ އަށް ވުރެ ދަށް އަދަދެއް ނަމަ 5،000ރ. އިން އެ އަދަދު އުނިކުރުމުން ބާކީ އޮންނަ އަދަދާ އެއްވަރުގެ އަދަދެއް، އެ ފަރާތަކަށް ފޯރުކޮށްދެވޭނެ އެވެ. އަދި އެލަވަންސް ދިނުމުގައި ހުށަހަޅައިފައިވާ ފަރާތަކީ އެހެން އާމްދަނީއެއް ލިބޭ ފަރާތެއް ނަމަ، އެ ފަދައިން ލިބޭ އިތުރު އާމްދަނީން މަހެއްގެ މައްޗަށް ލިބޭ އަދަދަކީ 5،000ރ. ނުވަތަ އެއަށްވުރެ މަތީ އަދަދެއް ނަމަ، އެ ފަރާތަކީ، މި އުސޫލުގެ ދަށުން ދެވޭ އެލަވަންސަށް ޝަރުތު ފުރިހަމަވާ ފަރާތެއް ކަމުގަ އެއް ނުބެލެވޭނެ އެވެ.

އެލަވަންސް ހޯދަން ހުށައެޅުމުން ރިޖެކްޓް ކުރާ މައްސަލައާއި ގުޅިގެން ގިނަ ބަޔަކު ދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.