އާދަމް ޝަރީފު އުމަރު

މި ވެރިކަމުން ރައްޔިތަކަށް ރާހަތެއް ނުކުރޭ: އާދަމް ޝަރީފު

ރައީސް ސޯލިހްގެ ސަރުކާރުން ދިވެހި ރައްޔިތުންނަށްވީ ފައިދާއެއް ނެތް ކަމަށް ވިދާޅުވެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ފާޑުވިދާޅުވެއްޖެ އެވެ.

ޝަރީފް ސަރުކާރަށް ފާޑުވިދާޅުވީ އެމްޑީޕީގެ 15 ވަނަ އަހަރީ ދުވަހާއި ގުޅިގެން މެންބަރުންނަށް ތަހުނިޔާ ފޮނުއްވާ މިދިޔަ ހުކުރު ދުވަހު ރައީސް ނަޝީދު ކުރެއްވި ޓްވީޓަކާއި ގުޅިގެނެވެ. ނަޝީދު ވިދާޅުވީ އެމްޑީޕީގެ 15 އަހަރުގެ ހަޔާތުގައި ދެ ފަހަރު ރާއްޖޭގެ ވެރިކަން ކުރެވިފައިވާ ކަމަށާ އެމްޑީޕީގެ ހުރިހާ ސިޔާސީ ވާދަވެރިން ރޫޅިފައިވާ ކަމަށެވެ.

ރައްދު ދެއްވަމުން ޝަރީފު ވަނީ ވެރިކަމެއް އެބަ ކުރޭތޯ ސުވާލު ކުރައްވާފަ އެވެ. އަދި މި ވެރިކަމުން ރައްޔިތުންނަށްވީ ފައިދާއެއް ނެތް ކަމަށް ވެސް ވިދާޅުވިއެވެ.

"ވެރިކަމެއް އެބަ ކުރޭ؟ ރައްޔިތުންނަށް ރާހަތެއް ނުކުރޭ!" ނަޝީދަށް ރައްދު ދެއްވާ ކުރީގެ ޑިފެންސް މިނިސްޓަރު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވަނީ އަދިވެސް އެމްޑީޕީ ދާނީ ރަނގަޅަށް ކަމަށާ އަދިވެސް ކަންކަން ކުރެވޭނީ އެ ޕާޓީއަށް ކަމަށް ވިދާޅުވެފަ އެވެ. އެކަމަށް ރައްދު ދެެއްވާ ޝަރީފު ވިދާޅުވީ ރާއްޖޭގެ ގިނަ ބަޔަކު އެެދޭ ތަރައްގީ މިހާތަނަށް ގެނެސްދިނީ ޕީޕީއެމްއިން ކަމަށެވެ. އަދި 2023 ގައި ވެރިކަމަށް ވަޑައިގަންނަވާނީ ރައީސް ޔާމީން ކަމަށް ވެސް ވިދާޅުވިއެވެ.

"ލަކުޑި ކާޅަކަށް ދޮންކޭލެއް ނުކެވޭނެ، ރާއްޖޭގެ ގިނަ ބަޔަކު އެދޭފަދަ ތަރައްގީ އެއް މިހާތަނަށް ގެނެސްދިނީ ޕީޕީއެމުން. ވައުދުތައް އެންމެ ރަނގަޅަށް ފުއްދޭނީ އެކަން ކުރަން އެނގޭ ބަޔަކަށް. އެއީ ޕީޕީއެމް/ޕީއެންސީ،" ޝަރީފު ވިދާޅުވި އެވެ.