ނ. ފޮއްދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދެ މަސް ތެރޭ ނިމޭނެ ކަމަށް އެމްޓީސީސީން ބުނެފި އެވެ.
މޫސުމީ އުދާގައި ފޮއްދޫ ގިރުމުގެ ސަބަބުން އެ ރަށުގެ ޖެޓީ ދަށުން ވެލިގަނޑު ދެމިގެނެ ރަށާ ވަކިވެފައި ވެއެވެ. އެހެންވެ އެ ރަށަށް އަރާ ފޭބުމުގައި ވަނީ ދަތިތަކަކާ ކުރިމަތިވެފަ އެވެ.
ފޮއްދޫ ގޮނޑުދޮށް ހިމާޔަތް ކުރަން އެމްޓީސީސީއާ ހަވާލު ކޮށްފައި ވަނީ މި އަހަރުގެ ފެބްރުއަރީމަހު އެވެ. އީއައިއޭ އެޕްރޫވަލް ލިބިގެން މަސައްކަތް ފަށާފައި ވަނީ މާޗު މަހު އެވެ.
އެމްޓީސީސީން ބުނީ މި ޕްރޮޖެކްޓް މަސައްކަތުގެ 58 ޕަސެންޓު މިހާރު ނިމިފައިވާ ކަމަށެވެ. އަދި ދެ މަސްތެރޭ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.
ފޮއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމަށް 180 މީޓަރު ސަރަޙައްދެއްގައި ވެލިބަސްތާ ޖަހާނެ އެވެ. އަދި 7.6 މިލިއަން ރުފިޔާ ހަރަދު ކުރާ މި ޕްރޮޖެކްޓް ނިމުމުން އެ ރަށަށް ދިމާވެފައިިވާ، ގިރާ މައްސަލަ ހައްލުވާނެ އެވެ.