ދިވެހި ރާއްޖެ އަލުން ހުޅުވާލުން

ހުޅުވާލާއިރު ޝެޑިއުލް ފްލައިޓަށް ހިލޭ ޖެއްސޭނެ

Jun 28, 2020

އެއާޕޯޓް ހުޅުވާލާއިރު، އޯގަސްޓްގެ ނިޔަލަށް ރާއްޖެ އަށް އަންނަ ޝެޑިއުލް ފްލައިޓް ތަކަށް ހުރިހާ ހިދުމަތް ތަކެއް ހިލޭ ލިބޭނެ ކަމަށް މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގާ އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު ހަސަން އަރީފު ވިދާޅުވީ 15 ޖުލައި ގައި ރާއްޖެ ހުޅުވާލާއިރު ޖައްސާ ޝެޑިއުލް ފްލައިޓް ތަކަށް ހުރިހާ ހިދުމަތް ތަކެއް ހިލޭ ދޭނެ ކަމަށެވެ. ނަމަވެސް ތެޔޮ އަޅާނަމަ އާއްމު ރޭޓުން އަގު ނަގާނެ ކަމަށެވެ.

"މި ޑިސްކައުންޓް ލިބޭނީ ހަމައެކަނި ޝެޑިއުލް ފްލައިޓްތަކަށާއި ޝެޑިއުލް ޗާޓަރު ތަކަށް. ޕްރައިވެޓް ޖެޓްތަކަށް މި އަގެއް ނުލިބޭނެ،" ހަސަން ވިދާޅުވި އެވެ.

އެމްއޭސީއެލް އިން ވަނީ ބޯޑަރު ހުޅުވާއިރު އެއާޕޯޓުން ދޭ ހިދުމަތްތަކުން ހާއްސަ ޑިސްކައުންޓް ތަކެއް ދޭން ނިންމާފަ އެވެ. ގްރައުންޑް ހޭންޑްލިންގެ ހިދުމަތްތަކާއި ޖައްސަން ނަގާ ލޭންޑިން ފީ އަދި ނެވިގޭޝަން ފީ އަދި ޕާކިން ފީ އިން 50 ޕަސެންޓާއި 100 ޕަސެންޓާ ދެމެދުގެ ޑިސްކައުންޓެއް އެވެ.

އެ ކުންފުނިން ވަނީ މި ޑިސްކައުންޓްތައް ވެސް ތިން ފިޔަވައްސަކަށް ބަހާލާފަ އެވެ. އަދި މި ހާއްސަ އަގުތައް ލިބޭނީ މި ތާރީހުގައި ވީއައިއޭ އަށް ޖައްސާ ފްލައިޓް ތަކަށް އެކަންޏެވެ.

ޖުލައި 15 އިން 31 އޮގަސްޓުގެ ނިޔަލަށް އަންނަ ހުރިހާ ޝެޑިއުލް ފްލައިޓް ތަކަށް ހުރިހާ ހިދުމަތް ތަކެއް ހިލޭ ލިބޭނެ އެވެ. އަދި 1، ސެޕްޓެމްބަރުން 27 އޮކްޓޫބަރުގެ ނިޔަލަށް އަންނަ ފްލައިޓްތަކަށް 75 ޕަސެންޓުގެ ޑިސްކައުންޓެއް ދޭނެ އެވެ. މީގެ އިތުރުން އޮކްޓޫބަރު 28 އިން އަންނަ އަހަރުގެ އޮކްޓޫބަރު 28 ގެ ނިޔަލަށް އަންނަ ފްލައިޓްތަކަށް 50 ޕަސެންޓުގެ ޑިސްކައުންޓް ދޭނެ އެވެ.

އެމްއޭސީއެލް ބުނެފައިވާ ގޮތުގައި އެއާޕޯޓް ހުޅުވާލާއިރު ޖައްސަން 10 ފްލައިޓަކުން ޖާގަ އަށް އެދިފައިވާ ކަމަށެވެ. އަދި ނިއު ނޯމަލްގައި ފްލައިޓް ހޭންޑްލް ކުރާނެ އުސޫލު ވެސް އެ ކުންފުނިން ވަނީ އެކުލަވާލާފަ އެވެ.

އެ އުސޫލުގެ ދަށުން ކޮންމެ 20 މިނެޓަކުން ފްލައިޓަށް ހިދުމަތް ދެވޭނެ ވަސީލަތް ވަނީ ފުރިހަމަކޮށްފަ އެވެ. ނަމަވެސް އާއްމު ހާލަތުގައި އެއް ފަހަރާ 1،000 މީހުންނަށް ހިދުމަތް ދޭ، އިންޓަނޭޝަނަލް އެރައިވަލް އިން ހިދުމަތް ދޭނީ 577 މީހުންނަށެވެ. އަދި އިންޓަނޭޝަނަލް ޑިޕާޗާގައި އާއްމުކޮށް، އެއް ފަހަރާ 1،200 މީހުންނަށް ހިދުމަތް ދިން ނަމަވެސް ހިދުމަތް ދޭނީ 750 މީހުންނަށެވެ.