ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރި މައްސަލަ ބަލައި ދިރާސާ ކުރަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުމަށް އެޖެންޑާ ކުރުމާއި ގުޅިގެން ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަދި މާލެ ސިޓީ މޭޔަރު ކަމަށް ވާދަކުރައްވާ އަލްހާން ފަހުމީ އެކަމަށް ފާޑު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މެންބަރުންނަށް ފޮނުވާފައިވާ މެސެޖްގައިވާ ގޮތުން، ސާފާރީގައި ބިދޭސީ އަންހެނަކު ރޭޕް ކުރި މައްސަލަ ދިރާސާ ކުރުމަށް ކޮމިޓީގެ ބައްދަލުވުމެއް ތާވަލު ކޮށްފައި ވަނީ މާދަމާ މެންދުުރު ފަހު 2:00 ޖަހާއިރަށެވެ.
އެ ކޮމިޓީގައި އިންނަވާ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ މައްސަލަ އެޖެންޑާކޮށްފައި ވަނީ ކޮމިޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދެވެ. ނަމަވެސް މާދަމާގެ ކޮމިޓީ ބައްދަލުވުމުގައި ރިޔާސަތުގައި އިންނަވާނީ ނައިބު މުގައްރިރު، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ކަމަށް އޭނާ ވިދާޅުވި އެވެ.
2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށްވެސް އިއުލާނުކުރައްވާފައިވާ އަލްހާން ފަހުމީ ވިދާޅުވީ ޖިިނާއީ ކުށެއް ތަހުގީގުކޮށް ނުނިމެނީސް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީން އެކަން ތަހުގީގުކުރަން ފެށުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
"ޖިނާއީ ތުހުމަތުން ބަރީއަ ވެވޭނީ ޖިިނާއީ އިޖްރާއާތުގެ ތެރެއިން އެކަމެއް ތަހުގީގުކުރެވިގެން. ހުރިހާކަމަކަށް މަޖިލިސް ވަންނާކަށް ނުޖެހޭ، ގޯސް،" އަލްހާމްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
މި މައްސަލާގައި ޖިންސީ ގޯނާގެ ތުހުމަތަށް ހައްޔަރުކުރި ދެ މީހަކު ވަނީ ތަހުގީގުގެ ކުރީކޮޅު ކުއްލި ގޮތަކަށް މިނިވަން ކޮށްފަ އެވެ. އެ މީހުންގެ އެއްވެސް މައުމޫލާމެއް ވެސް ހާމައެއް ނުކުރެ އެވެ. ހައްޔަރުން ދޫކޮށްލައިގެން އުޅެނީ ސަރުކާރުގައި ބާރުގަދަ ފަރާތްތަކާ ގުޅުން ހުރި ބައެއް ކަމަށް އެ ހިސާބުން އަޑުފެތުރިގެން ދިޔަ އެވެ. އެކަމާ ގުޅިގެން ނޫސްވެރިން ކުރަމުންދާ ސުވާލުތަކަށް ފުލުހުން ޖަވާބެއް ނުދެ އެވެ.
ފުލުހުން މީޑިއާއަށް ހާއްސް ކޮށްފައި އޮންނަ ވަޓްސްއެޕް ގްރޫޕެއްގައި ވެސް މި ސުވާލުތައް މިދިއަ ތިން ދުވަހު ވަނީ ނޫސްވެރިން ކޮށްފަ އެވެ. ރާއްޖޭގެ ވަރަށް ސީނިއާ ނޫސްވެރިން ވެސް އެ ސުވާލުތައް ކުރި އެވެ. ނަމަވެސް ފުލުހުން ދިން ޖަވާބަކަށްވީ "ތަހުގީގު ކުރިއަށް ދާތީ، މިވަގުތު ދެވެން ހުރި މައުލޫމާތު ދެވިއްޖެ" އެވެ.