ހަނގުރާމަތަކުގައި ބައިވެރިވުމަށް ރާއްޖެއިން ބޭރުގައި 50 ވަރަކަށް ދިވެހިން އުޅެމުންދާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސީޕީ ހުސައިން ވަހީދު ވިދާޅުވީ މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު 50 ވަރަކަށް ދިވެހިން ހަނގުރާމަތަކުގައި ބައިވެރިވުމަށް ރާއްޖެއިން ބޭރުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި އެކަމާ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށާއި އެފަދަ މީހުން ހުއްޓުވަން މަސައްކަތްކުރި ނަމަވެސް އެކަމުގައި ގިނަ ދަތިތަކެއް ހުރި ކަމަށް ސީޕީ ވިދާޅުވި އެވެ.
"އެއް ރަށުން އަނެއް ރަށަށް ދިއުމަކީ މަނާކޮށްފައި އޮންނަ ކަމެއް ނޫން، ތުރުކީއަށް ވެސް އެކިއެކި ބޭނުންތަކުގައި ދިވެހިން ދަތުރު ކުރަމުންދޭ، އެކަމަކު ކޮން މޯޓިވްއެއްގައިތޯ ކޮންމެ ބޭނުމެއްގައިތޯ އަސްލު މިދަނީ މިކަން ދެނެގަންނަން ފަސޭހައެއް ނޫން." ތުރުކީ މަގުން ސީރިޔާ އަށް ދިވެހިން އެތެރެވާ މައްސަލައަށް އިޝާރާތް ކުރައްވާ ސީޕީ ހުސައިން ވިދާޅުވި އެވެ.
ސީޕީ ހުސައިން އިތުރަށް ވިދާޅުވީ އެގޮތަށް ހަނގުރާމަތަކުގައި ބައިވެރިވާން ދާ ދިވެހިންގެ ފަރާތުން ރާއްޖެއަށް ނުރައްކަލެއް ކުރިމަތިވިޔަ ނުދެއްވާނެ ކަމަށާއި އެގޮތަށް ރާއްޖެއިން ބޭރަށް ދާ ދިވެހިން މޮނީޓާ ކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.
ސީޕީ ވިދާޅުވީ އެގޮތަށް ރާއްޖެއިން ބޭރަށް ދާ މީހުން މަދު ކުރުމަށް އިސްލާމިކް މިނިސްޓްރީއާ ކަމާބެހޭ އެހެން ފަރާތްތަކާ ގުޅިގެން ވެސް މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި ނަމަވެސް އޭގެ ތަފްސީލު ފަހުން ދެއްވާނެ ކަމަށެވެ. އަދި ހަނގުރާމަތަކުގައި ބައިވެރިވާން ދިވެހިން ދާން އުޅޭ ކަމުގެ މައުލޫމާތު ކުރިން ލިބިއްޖެ ނަމަ އެފަދަ މީހުން ހުއްޓުވާފައި ހުންނާނެ ކަމަށް ވިދާޅުވި އެވެ.
ހަނގުރާމަތަކުގައި ބައިވެރިވުމަށް ރާއްޖެއިން ބޭރުގައި 50 ވަރަކަށް މީހުން ހަރަކާތްތެރިވާ ކަމަށް ސީޕީ މިއަދު ވިދާޅުވި ނަމަވެސް ހޯމް މިނިސްޓަރު އުމަރު ނަސީރު މިދިޔަ ޑިސެމްބަރު މަހު ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ހަނގުރާމަތަކުގައި ބައިވެރިވުމަށް ރާއްޖެއިން ބޭރުގައި ހަރަކާތްތެރިވަނީ ހަތް މީހަކު ކަމަށެވެ.
މިދިޔަ ހަފުތާގައި ވެސް ހަތް މީހަކު ވަނީ ހަނގުރާމާގައި ބައިވެރިވުމަށް ސީރިއާއަށް ގޮސްފަ އެވެ. އޭގެ ތެރޭގައި އަހަރެއް ނުވާ ކުޑަކުއްޖަކު ވެސް ގެންގޮސްފައިވާއިރު ޑރ. އަފްރާޝީމް އަލީގެ މަރުގެ ތުހުމަތު ކުރެވޭ މީހަކާއި ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނު މައްސަލައިގައި ކުރިން ހައްޔަރުކުރި މީހަކު ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.