ހަބަރު

އާމިރާ ފިޔަވައި އެހެން މެންބަރުން ވަކިކުރަން ނިންމައިފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެންބަރުންގެ ތެރެއިން ފާތިމަތު އާމިރާ ފިޔަވައި އެހެން މެންބަރުން އެ ކޮމިޝަނުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

ސީއެސްސީގައި އާމިރާގެ އިތުރުން ދެން ތިއްބަވަނީ އެ ކޮމިޝަން ރައީސް އަލީ ޝަމީމް އާއި ނައިބު ރައީސް ޝަހީދު މުހައްމަދާއި ޒަކަރިއްޔާ ހުސައިން އަދި އިބްރާހިމް ޝަހީގު އެވެ. މި މެންބަރުން ވަކިކުރަން ކޮމިޓީގެ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރި އެވެ.

ކޮމިޓީން ވަކިނުކުރަން ނިންމި އާމިރާއަކީ މަޖިލީހުގެއެ ކޮމިޓީގެ މުގައްރިރު، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްގެ ބޮޑު ދައިތަ އެވެ. ނަމަވެސް ކޮމިޓީގައި ނެގި ވޯޓުގައި އޭނާ ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. ކޮމިޓީގެ ރިޔާސަތުގައި ވެސް އިންނެވީ ނައިބު މުގައްރިރު، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ.

ކޮމިޓީގެ ބައްދަލުވުމުގައި އާމިރާ ވަކިކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވެ ހުށަހެޅުއްވީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އެވެ. އަނދުންގެ ހުށަހެޅުއްވުން ފާސްވީ ފަސް މެންބަރުންގެ ވޯޓުންނެވެ. ހަތަރު މެންބަރަކު އެ ގޮތަށް ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވި އެވެ.

ސީއެސްސީގެ ފަސް މެންބަރުންގެ ތެރެއިން ހަތަރު މެންބަރަކު ވަކިކުރަން ކޮމިޓީން ނިންމިއިރު، މި ކަމުގައި ފަހު ގޮތެއް ނިމޭނީ މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓުންނެވެ. އެ ވޯޓު ނެގުމުގެ ކުރިން މައްސަލަ ދިރާސާކޮށް ކޮމިޓީން އެކުލަވާލާ ރިޕޯޓަށް ވެސް ތަޅުމުގައި ބަހުސެއް ކުރާނެ އެވެ.

މި ސަރުކާރުގެ ވަޒީރުން ވަނީ ސީއެސްސީގެ ފަރާތުން ސަރުކާރުގެ ވުޒާރާތަކަށް އެއްބާރުލުން ނުލިބޭ ކަމުގެ ޝަކުވާ ކުރައްވައިފަ އެވެ. އެ މައްސަލާގައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހުރިހާ ވަޒީރުން ހާޒިރު ވެސް ކުރި އެވެ. އެއީ މި މަޖިލީހުގައި އެއް ކޮމިޓީއަކަށް އެއް ފަހަރާ މިހާތަނަށް ހުރިހާ ވަޒީރުން ހާޒިރު ކުރި ހަމައެކަނި ފަހަރެވެ.