ރައީސް އަބްދުﷲ ޔާމީން

"ޔާމީނަށް ދައުވާ ކުރަނީ ފޯކަސް ގެއްލުވާލަން"

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކޮރަޕްޝަންގެ އިތުރު ދެ ދައުވާއެއް އުފުލާފައިވަނީ ސަރުކާރު ފެެއިލްވަމުންދާ ދިއުން ފޮރުވުމުގެ ގޮތުން ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އެވެ. މި ދެ ދައުވާ އުފުލާފައިވަނީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންނެވެ.

މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އިދިިކޮޅު ލީޑުކުރައްވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ކުއްލި ކުއްލިއަށް ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލަނީ ސަރުކާރު ފެއިލްވަމުންދާތީ އެކަން ފޮރުވުމަށް ކަމަށެވެ.

އަދި މިހާރު ފެންމަތިވެފައިވާ ރޭޕްގެ ތުހުމަތާއި ގުޅިގެން ސަރުކާރަށް އަމާޒު ކުރެވޭ ފާޑުކިޔުންތަކުގެ "ފޯކަސް" ގެއްލުވާލުމަކީވެސް ސަރުކާރުގެ އަމާޒެއް ކަމަށެވެ.

"މިހާ ކުއްލި ކުއްލިއަށް މިކަން ކުރާ ސަބަބެއް ކަމަށް އަޅުގަނޑުމެން ދެކެނީ މި ސަރުކާރު ފެއިލްވަމުންދާ ދިއުން ފޮރުވުން. އަދި މިހާރު ފެންމަތިވެފައިވާ ރޭޕްކޭސްގެ މައްސަލަ ފޮރުވުން. މި ސަރުކާރުގެ ވިޔާނުދާ ހުރިހާ ކަމެއް ފޮރުވަން ބޭނުންކުރާ ހަތިޔާރަކަށް މި ހަދަނީ ރައީސް ޔާމީން،"

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް މިހާތަނަށް ހިންގުނު ތަހުގީގުތަކާއި ޝަރީއަތްތައްވެސް ކުރިއަށް ގެންދިޔައީ އިންސާފުން ބޭރުން ކަމަށެވެ. އަދި ކުރިއަށް އޮތްތާވެސް އިންސާފުވެރި ޝަރީއަތެއް ހިންގުމުގެ ފުރުސަތު މި ސަރުކާރުން ނުދޭނެ ކަމަށެވެ.

ރައީސް ޔާމީން ހިޔާނާތްވިނަމަ ގައުމަށް ތަރައްގީ ނުގެވޭނެ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ. ރާއްޖޭގެ ތާރީހު ދުށް އެންމެ ގިނަ މަޝްރޫއުތައް ހިންގުނީ މިދިޔަ ސަރުކާރުގެ ދުވަސްވަރު ކަމަށާ އެއީ ކުރީ ސަރުކާރުން ހިޔާނާތް ނުހިންގާ ކަމުގެ ހެއްކެއް ކަމަށް ވިދާޅުވިއެވެ.

"އޭގެ ބަދަލުގައި މި ސަރުކާރަށް ބައްލަވާ، 38 ބިލިއަން ފާސްކޮށްގެން ކުރެވުނު އެއްވެސް ކަމެއް ނެތް، ނަމަވެސް ރައީސް ޔާމީން ކުރެއްވި ކަންކަން އެ ހުރީ ފެންނަން،"

އޭނާ ވިދާޅުވީ ރައީސް ޔާމީނާ ގުޅުންހުރި މައްސަލަތައް ފުލުހުން ތަހުގީގު ކުރާއިރު މިހާރުގެ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދަކީ ރައްޔިތުންގެ އިތުބާރެއް އޮތް ބޭފުޅެއް ނޫން ކަމަށެވެ. އަދި ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމަކީވެސް މިނިވަންކަން ގެއްލިފައިވާ ސަރުކާރުގެ ނުފޫޒުގެ ދަށުގައި ހުންނެވި ބޭފުޅެއް ކަމަށެވެ.

ޕީޖީ އޮފީހުން ބުނީ، ރައީސް ޔާމީން ވަނީ ނުފޫޒު ބޭނުންކޮށްގެން މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަގުތެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ފަށަލަކޮށްފަ ކަމަށެވެ.

މި މައްސަލައަކީ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން އަދި ކޮރަޕްޝަންތައް ބަލާ ރިޔާސީ ކޮމިޝަން ގުޅިގެން ހިންގާފައިވާ ތަހުގީގެވެ. ދައުވާތައް މިހާރު ވަނީ ކުރިމިނަލް ކޯޓަށް ފޮނުވާފަ އެވެ. ފަސް ދުވަހުގެ ތެރޭގައި ޝަރީއަތުގެ އިބްތިދާއީ މަރުހަލާ ފެށިގެންދާނެ އެވެ.

ރައީސް ޔާމީންގެ އިތުރުން މި މައްސަލާގައި އަހުމަދު ކްރިކް ރިޒާއަށް ވެސް ވަނީ ދައުވާ އުފުލާފަ އެވެ. އޭނާއަށް އުފުލާފައިވަނީ ރިޝްވަތު ދިނުމުގައި މެދިވެރިއަކަށްވުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިން ކުށުގެ ދައުވާ އެވެ.

ދެން ދައުވާ އުފުލާފައިވަނީ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ކުންފުންޏާއި ސަން އިންވެސްޓްމަންޓް ކުންފުންޏަށެވެ. އެ ދެ ކުންފުނީގެ މައްޗަށް ވެސް އުފުލާފައިވަނީ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި، މި މައްސަލާގެ ތެރެއިން ކުށުގައި ހިމެނޭ ފައިސާގެ ގޮތުގައި 1،349،885 ޑޮލަރާއި ކުށުގެ އަމަލުން ހޯދި ފައިސާއާ އެއްކޮށްފައިވާ 2،295،250 ޑޮލަރާއި ޖޫރިމަނާގެ ގޮތުގައި 34،689،425 ޑޮލަރު ދައުލަތަށް އަނބުރާ ހޯދުމަށް މަސައްކަތް ކުރާނެ އެވެ.