ރައީސް މުހައްމަދު ނަޝީދު

ހުރިހާ ބާރެއް އޮތީ ނަޝީދުގެ މުށުތެރޭގައި: ސައީދު

ދައުލަތުގެ ހުރިހާ އިދާރާއެއްގެ ބާރު ކަނޑުވާލާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މުށުތެރެއަށް ބާރުތައް ޖަމާކޮށްފައިވާ ކަމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ސައީދު މިހެން ވިދާޅުވީ ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރި މައްސަލައިގެ ތަހުގީގު ނުނިމެނީސް އެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލަން ފެށުމާއި ގުޅިގެން އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިއަދު އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ސައީދު ވިދާޅުވީ ޕާލިމެންޓަރީ ނަން ނެތި ގާނޫނީ ހައިސިއްޔަތެއްވެސް ނެތި މި ގައުމުގައި މިއަދު ހިންގަނީ ބަރުލަމާނީ ނިޒާމެއް ކަމަށެވެ. އެއީ ނަޝީދު އަޑީގައި ހުންނަވައިގެން ގާނޫނު އަސާސީއާ ހިލާފަށް ކުރަމުން ގެންދާ ކަމެއް ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ރާއްޖޭއަކީ ގާނޫނީ ގޮތުން ކަންކަން ތަރުތީބުވެފައިވާ ގައުމެއް ނަމަވެސް ކޮންމެ ކަމަކަށްވެސް މަޖިލީސް ވަންނަ މަންޒަރު ފެންނަމުންދާ ކަމަށެވެ. ދައުލަތުގެ ހުރިހާ އިދާރާތަކެއްގެ ބާރު ކަނޑުވާލާ ވަކި ދިމާއަކަށް ހުރިހާ ބާރެއް ގެނެސްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"މިއަދު ހޯމް މިނިސްޓަރުގެ ބާރެއްނެތް، ސީޕީގެ ބާރެއް ނެތް، ފުލުހުންގެ ބާރެއް ނެތް، މި ހުރިހާ އެއްޗެއް މުށުތެރެއަށްލާ ރައީސް ނަޝީދު އެ ހުންނެވީ. އެމަނިކުފާނު ބަދަލު ހިފުމަށް ބޭނުންކުރާ ޓޫއެލްއެއްގެ ގޮތުގައި ދައުލަތުގެ ހުރިހާ އިދާރާތައް މި ބޭނުންކުރަނީ،"

ސައީދު ވިދާޅުވީ ދައުލަތުގެ އިދާރާތައް ކޮންޓްރޯލްކުރާ އަދިރި ދައުލަތެއްގެ ވާހަކަ ރައީސް ނަޝީދު ވަރަށް ގިނައިން ދައްކަވާ ކަމަށާ ނަމަވެސް ހަގީގީ އަދިރި ދައުލަތެއް އުފެދިފައިވަނީ މިހާރު ކަމަށެވެ. އެ އަދިރި ދައުލަތް ހިންގަމުން ގެންދަނީވެސް މަޖިލީސްތެރެއިން ކަމަށް ސައީދު ވިދާޅުވިއެވެ.

ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރި މައްސަލާގައި އަނިޔާ ލިބުނު އަންހެން މީހާގެ ބަހެއް ހޯދުމަށާއި މައްސަލަ ބަލަމުންދާ ފުލުސް އޮފިސަރުން ހާޒިރުކޮށް މައުލޫމާތު ހޯދަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިއަދު ވަނީ ނިންމާފައެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި ހުރިހާ މެންބަރުން ވެސް މައިގަނޑު ގޮތެއްގައި ފާހަގަކުރެއްވީ އެ މައްސަލަ ކޮމިޓީން ދިރާސާކުރާއިރު ވަރަށް ފުޅާ ދާއިރާއެއްގައި މައުލޫމާތު ހޯދަން ޖެހޭ ކަމަށެވެ. ފުރަތަމަ ސީންއަށް އެޓެންޑްވި ފުލުސް އޮފިސަރުންނާއި ވިކްޓިމްގެ ބަސް ވެސް ހޯދަން ތާއީދުކުރައްވައި މެންބަރުން ވާހަކަ ދެއްކެވި އެވެ.

ހުރިހާ މެންބަރުން ފާހަގަކުރެއްވި ކަންކަމަށް ރިއާޔަތްކޮށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ފަސް ކަމެއް ކޮމިޓީން ކުރުމަށް ހުށަހެޅުއްވި އެވެ. އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުމްތާޒު މުހައްމަދެވެ. ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން ހުށަހެޅުއްވުންތައް ފާސްކުރި އެވެ.

ފުރަތަމަ ހުށަހެޅުމަކީ، މާދަމާގެ ވަގުތެއްގައި ފުލުހުންނާ އެކު ދެ ބައްދަލުވުމެއް ތާވަލުކުރުމަށެވެ. އެ ގޮތުން ހުށަހެޅީ، ފުރަތަމަ ބައްދަލުވުމުގައި މައްސަލަ ހިންގި ތަނަށް އެޓެންޑްވި ފުލުހުން ހާޒިރުކުރުމަށާއި ދެވަނަ ބައްދަލުވުމަށް ސްޓޭޝަން އިންޗާޖާއި ތަހުގީގުގައި އިސްކޮށް އުޅޭ ފުލުސް އޮފިސަރުން ހާޒިރު ކުރުމަށެވެ.

ދެވަނަ ހުށަހެޅުމަކީ، ޖިންސީ ގޯނާގެ ޝިކާރައަށްވި އަންހެން ވިކްޓިމްގެ ބަހެއް ހޯދަން ކޮމިޓީން މަސައްކަތް ކުރުމަށެވެ. އެ ގޮތުން ކޮމިޓީއަަށް ވިކްޓިމް ގެނެސް އޭނާގެ ބަސް ހޯދާނީ އެ ކަމުގައި އޭނާގެ އެއްވެސް މައްސަލައެއް ނެތި، އަމިއްލައަށް އެ ގޮތަށް ބޭނުންވާނަމަ ކަމަށް އެ ހުށަހެޅުމުގައިވެ އެވެ.

ތިންވަނަ ކަމަކީ، ޖެންޑާ މިނިސްޓްރީން އެ ވިކްޓިމްގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ މައުލޫމާތު ހޯދުމެވެ. ހަތަރުވަނަ ކަމަކީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިން ފުލުހުންގެ ތަހުގީގު ގާތުން ބެލައި ޕީޖީގެ މަސައްކަތްތަކުގެ މައުލޫމާތުތައް ކޮމިޓީއަށް ފޮނުވަން އެދި އެ މުއައްސަސާއަށް ސިޓީއެއް ފޮނުވުމެވެ.

ފަހު ކަމަކަށް ރޮޒައިނާ ހުށަހެޅުއްވީ، މި މައްސަލައިގެ ހަބަރުތައް ރަސްމީ މީޑިއާތަކުން ފަތުރާއިރު، ވިކްޓިމްއަށް އިތުރު ގެއްލުމެއް ނުވާނެ ގޮތަށް، ތެދު މައުލޫމާތު މީޑިއާތަކުން ފަތުރަމުންދާ ކަން މީޑިއާ ކައުންސިލް އާއި ބްރޯޑްކާސްޓިން ކޮމިޝަނުން ކަށަވަރު ކުރުމަށް މަސައްކަތް ކުރުމަށެވެ.