ރައްޔިތުންގެ މަޖިލިސް

ޓްރާންސްޝިޕްމަންޓް ބަނދަރުގެ ބަހުސްގައި ބޮޑު ކޯޅުމެއް

ޓްރާންސްޝިޕްމެންޓު ބަނދަރެއްގެ ހިދުމަތް ދިނުމާ ގުޅޭ ގޮތުން މިއަދު ރައްޔިތުންގެ މަޖިލީހުގައު ކުރިއަށް ދިޔަ ބަހުސްގައި ބޮޑު ކޯޅުމެއް އުފެދިއްޖެ އެވެ.

އުލިގަމުގައި ޓްރާންސްޝިޕްމެންޓު ބަނދަރެއްގެ ހިދުމަތް ދިނުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީން އެކުލަވާލި ރިޕޯޓްގެ ބަހުސްގައި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ ޓްރާންސްޝިޕްމަންޓް ބަނދަރެއްގެ ހިދުމަތް ދިނުމަށް ގަރާރެއް ހުށަހަޅަންވީ ނޫން ކަމަށާއި އެކަން ކުރަން ސަރުކާރުން އިއުލާން ކުރަން ޖެހޭނެ ކަަމަށެވެ.

މީގެ ކުރިންވެސް ގަރާރުތަކެއް ހުށަހަޅައިގެން އެތައް އަހަރުތަކެއް ވެސް ވެފައިވާ ކަމަށާއި އަދި ޓްރާންސްޝިޕްމަންޓް ބަނދަރެއްގެ ހިދުމަތް ނުދެވޭނެކަން އިކޮނޮމިކް މިނިސްޓްރީން މަޖިލީހުގެ އިގްތިސާދީ ކޮމިޓީގައި ވެސް އޮތީ އިއުތިރާފްވެފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ. ނަމަވެސް އަނެއްކާވެސް ރިޕޯޓްތަކެއް ހުށަހަޅައިން ކުރަމުންދާ މަސައްކަތާ ދޭތެރޭ ސުވާލު އުފެއްދެވި އެވެ.

އެގޮތުން ރިޕޯޓްގައި ސެކިއުރިޓީ ހިދުމަތުގެ ވާހަކަ އައުމުން އުލިގަމު ސަރަހައްދުގައި ހަތިޔާރު ގުދަން ކުރަން މަސައްކަތްކުރާ ކަމަށް ތުހުމަތުކުރެއްވި އެވެ.

ސައީދުގެ ވާހަކަ ކުރިއަށް ދަނިކޮށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ހަތިޔާރުގެ ވާހަކަ ދައްކާނަމަ ހަތިޔާރު ގުދަން ކުރުމާއި ހަތިޔާރުން ޔޮޓްފަހަރަށް ހިމާޔަތް ދިނުމަށް އެގްރިމަންޓް ހެދީ ނިމިގެން ދިޔަ ސަރުކާރުގައި ކަމަށާއި އަދި އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މިހާރުގެ މެމްބަރު އާދަމް ޝަރީފް ކަމަށެވެ.

ނަމަވެސް ސައީދު ވިދާޅުވީ ރައީސް ނަޝީދު އިތުރުފުޅު ހައްދަވަމުންދާ ކަމަށާއި އަދި އޭނާ ދޫނުދެއްވުމުން ރައީސް ނަޝީދު ސައީދުގެ ނަން ވެސް އިއްވި އެވެ. އަދި އެ ވަގުތު އެމްޑީޕީގެ މެމްބަރުން ދިޔައ ތަކުރާރުކޮށް ނިޒާނީ ނުކުތާ ނަންގަވައި ސައީދުގެ ވާހަކަފުޅަށް ހުރަސްވެސް އަޅުއްވަމުން ނެވެ.

އިހަަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ސައިީދުއަށް ރައްދު ދެއްވައި ވިދާޅުވީ ނިމިގެން ދިޔަ ސަރުކާރުން މޯލްޑިްސް ސެކިއުރިޓީ ސާވިސް ކުންފުންޏަކާއެކު އުތުރުގައި ހަތިޔާރު ބާލާ މެރިޓައިމް ސެކިއުރިޓީ ދިނުމަށް އެއްބަސްވުމެއް ހެދި ކަމަށާއި އަދި އެކަން ކުރަން އުޅުނީ މޯލްޓާ ކުންފުންޏަކާއެކު ކަމަށެވެ.