އަކެޝޭ ކްމާރު

"ލަކްޝްމީ ބޮމް": ނަފްސާނީ ގޮތުން އުނދަގޫ ފިލްމެއް: އަކްޝޭ

އަކްޝޭ ކުމާރުގެ ބިރުވެރި-މަޖާ ފިލްމު "ލަކްޝްމީ ބޮމް" އަކީ މިއަހަރު ރިލީޒް ކުރަން ހަމަޖެހިފައިވާ ފިލްމުތަކުގެ ތެރެއިން ގިނަ ބަޔަކު އެ ފިލްމެއް ބަލާލަން އިންތިޒާރުކުރާ އެއް ފިލްމެވެ. ރާގަވާ ލޯރެންސް ޑައިރެކްޓްކޮށް ކިއާރާ އަދުވާނީ ބަތަލާގެ ރޯލު ކުޅޭ މި ފިލްމު ކުރިން ހަމަޖެހިފައި އޮތީ މިދިޔަ މޭ މަހުގެ 22 ވަނަ ދުވަހު ސިނަމާތަކުގައި ރިލީޒް ކުރާށެވެ. ނަމަވެސް ކޮރޯނާވައިރަހުގެ ވަބާ އާ ހެދި ފިލްމު ރިލީޒް ކުރެވޭނެ ގޮތެއް ނެތިފައި މިހާތަނަށް ވެސް އޮތީ އެވެ.

މިހާރު މި ފިލްމު ޑީޖިޓަލް ރިލީޒްއަކަށް ދާކަން ރަސްމީކޮށް ވަނީ އިއުލާން ކޮށްފަ އެވެ. މިކަން އިއުލާންކުރަން ބޭއްވި ޚާއްސަ އިވެންޓެއްގައި އިއުލާންކުރި ގޮތުގައި ފިލްމު ސްޓްރީމްކުރާނީ ޑިޒްނީ+ހޮޓްސްޓާ އިންނެވެ.

މި ފިލްމު އޮންލައިންކޮށް ރިލީޒް ކުރާކަން އިއުލާން ކުރަމުން އަކްޝޭ ވަނީ ފިލްމުގެ އާ ދެ ޕޯސްޓަރެއް ވެސް ސޯޝަލް މީޑިއާގައި ޝެއާ ކޮށްފަ އެވެ.

އަދި ފިލްމު ކުޅުމުގައި ކުރެވުނު ތަޖުރިބާތައް ހިއްސާ ކުރަމުން އަކްޝޭ ބުނެފައިވަނީ މިއީ ވަރަށް ނަފްސާނީ ގޮތުން އުނދަގޫތަކެއް ކުރިމަތިވީ ފިލްމެއް ކަމަށެވެ. އަދި ދުވަހަކުވެސް ނުކުރެވޭ ކަހަލަ ތަޖުރިބާތަކެއް މި ރޯލު ކުޅުނުއިރު ކުރެވުނުކަން އޭނާ ފާހަގަ ކުރި އެވެ.

"ޝޮޓްތައް ފުރިހަމަ ކުރުމަށްޓަކައި އަހަރެން ވަރަށް ގިނަ ރިޓޭކް ވެސް ދިނިން. މި ފިލްމުން ޑައިރެކްޓަރު ވަނީ އަހަންނަށް ވަރަށް ތަފާތު ތަޖުރިބާއެއް ކުރުވާފައި،" އަކްޝޭ ބުންޏެވެ.

އަކްޝޭ ބުނި ގޮތުގައި ކެރިއަރުގެ މިހާތަނަށް 150 އަށް ވުރެ ގިނަ ފިލްމު އޭނާ ކުޅެފައިވާއިރު މިފަދަ ތަފާތު ކެރެކްޓާއެއް އަދި ނުކުޅެ އެވެ. އެހެންވެ ސެޓުގައި ހޭދަކުރި ހަމަ ކޮންމެ ދުވަހަކުވެސް ވެސް ތަފާތު އިހްސާސްތަކެއް ކުރެވުނު ކަމަށް ވެސް އޭނާ ބުންޏެވެ. ސަބަބަކީ ކުރިން ނުކުރާ ގިނަ ކަންތައްތަކެއް ކުރަން ލިބުނީމަ އެވެ.