ކަރަން ޖޯހަރްގެ ސެލެބްރިޓީ ޓޯކް ޝޯ "ކޮފީ ވިތު ކަރަން" އިތުރަށް ކުރިޔަށް ނުގެންދަން ނިންމާފައިވާ ކަމަށް ބޮލީވުޑް ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނެފި އެވެ.
މި ޝޯއަކީ އަބަދުވެސް ވަރަށް ގިނަ މީހުންގެ ޒާތީ ފަތިފުށްތައް ހާވާ އެ ވާހަކަތައް ހާމަކުރާ ޝޯއަކަށް ވާތީ ގިނަ ބަޔަކު މި ޝޯ އާ މެދު ވަރަށް ހިތްހަމަނުޖެހެ އެވެ. އަދި ގިނަ ފަންނާނުން ވެސް ޝޯގައި ބައިވެރިވާން ފަސް ޖެހެ އެވެ. ނަމަވެސް ކަރަން އަކީ ހިންދީ ފިލްމު އިންޑަސްޓްރީގައި ވަރަށް ނުފޫޒުގަދަ މީހަކަށް ވާތީ އޭނާއަށް ނޫނެކޭ ބުނަން ވަރަށް މަދު މީހަކަށް ނޫނީ ނުކެރޭތީ ޝޯގައި ބައިވެރިވަނީ އެވެ.
ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި މި ޝޯ ދައްކާ ސްޓާ ވޯލްޑް ނެޓްވޯކުން ޝޯ ހުއްޓާލަން ވިސްނާތާ މިހާރު ދުވަސްކޮޅެއް ވެއްޖެ އެވެ. އެންމެ ފުރަތަމަ އެ ނެޓްވޯކުން ގަސްތުކުރީ ސްޓާ ވޯލްޑް ނޫން އެ ނެޓްވޯކުގެ އެހެން ޗެނަލް އަކަށް ޝޯ ބަދަލު ކުރުމަށެވެ. ނަމަވެސް އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ ކުއްލި މަރާ ގުޅިގެން ކަރަން ޖޯހަރް އަށް ކުރިމަތިވެފައިވާ ފާޑުކިޔުންތަކުގެ ސަބަބުން ޝޯ އިތުރަށް ކުރިޔަށް ނުގެންދަން މިހާރު ގަސްތުކޮށްފައިވާ ކަމަށް ވެއެވެ.
މީގެ މާނައަކީ ކަރަން އާއެކު ކޮފީ ބޯން ދެން އެއްވެސް ފަންނާނަކު އަންނަ ތަން ނުފެންނާނެ ހެއްޔެވެ؟ ހަގީގަތުގައި މި ޝޯ ހުއްޓާލުމަކީ ފަންނާނުންނަށް ވެސް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. ސަބަބަކީ ގިނަ މީހުން ޝޯ ގައި ބައިވެރިވަނީ ބައިވެރިވާ ހިތުންނެއް ނޫނެވެ.
ރަންބީރު ކަޕޫރު ފަދަ ތަރިން ފާޅުގައި މި ވާހަކަ މީޑީއާގައި ދައްކާފައި ވެއެވެ. ކަރަން އުފެއްދި "އޭ ދިލް ހެ މުޝްކިލް" ރިލީޒް ކުރަން ކައިރިވެފައި ވަނިކޮށް ރަންބީރު އާއި އެ ފިލްމުގެ ބަތަލާ އަނުޝްކާ ޝަރުމާ "ކޮފީ ވިތު ކަރަން" ގައި ބައިވެރިވި އެވެ. އެ ފަހަރު ވެސް ރަންބީރު ބުނީ އަނުޝްކާ އާއި އޭނާ އެ ޝޯގައި ބައިވެރި ނުވާން ވަރަށް ބަހަނާ ދެއްކި ކަމަށެވެ. އަދި މުޅި ފިލްމު އިންޑަސްޓްރީ އެ ޝޯ އާ ދެކޮޅަށް ތެދުވަން އެމީހުން އަޑު އުފުލި ކަމަށެވެ.
ފިލްމީ ތަރިން ލައްވާ އެ މީހުންގެ އާއި އެހެން މީހުންގެ ޒާތީ ވާހަކަތައް ދައްކުވައި އެމީހުންގެ ފަތިފުށްތައް ހާމަ ކުރުވައިގެން ކަރަން ފައިސާ ހޯދާ ކަމަށް ރަންބީރު ބުނެފައި ވެއެވެ. ޝޯގައި ބައިވެރިވާ ކޮންމެ މީހަކު ހޫނުފެނަށް ވެއްޓި އެމީހެއްގެ ނަން ޚަރާބު ވުން ނޫން ކަމެއް އެ ޝޯއިން ނުވާ ކަމަށް ވެސް ރަންބީރު ބުނެފައި ވެއެވެ.
ރަންބީރު ނޫނަސް ދީޕިކާ ޕަދުކޯން، ސޯނަމް ކަޕޫރު، އާލިއާ ބަޓް ފަދަ ތަރިން ވެސް ޝޯގައި ބައިވެރިވެ ބުނެވުނު އެކި ކަހަލަ ވާހަކަތަކުގެ ސަބަބުން މީހުންގެ ރުޅި އާއި މަލާމާތް އެ މީހުންނަށް އަމާޒުވި އެވެ. އަދި ބައެއް ފިލްމީ ތަރިންނާއި ޖެހޭ ގޮތް ވެސް ވެފައި ވެއެވެ.
ކަރަން މި ޝޯގައި ކުރާ ސުވާލުތަކުގައި ދެ މާނަ އެކުލެވޭ ވަރަށް ހުތުރު ސުވާލުތައް ވެސް ހުންނަ ކަން ފިލްމީ ތަރިން ފާހަގަ ކުރެ އެވެ. އަދި ކުއްލިއަކަށް ލައިވް ޝޯއެއްގައި ސުވާލު ކުރުމުން ބުނާނެ އެއްޗެއް ނޭނގި ބުނަން ބޭނުން ނުވާ ތަފާތު ވާހަކަތައް ވެސް ބުނެވޭ ކަމަށް ބައެއް ތަރިން އެއްބަސްވެ އެވެ.
އެހެންކަމުން މި ޝޯ ހުއްޓާލައިފިނަމަ ހަމަ ގައިމުވެސް ބެލުންތެރިންނަށް މަޖާ މުނިފޫހިފިލާ ޝޯއެއް ބަލާލުމުގެ ފުރުސަތު ގެއްލުނަސް މިއީ ފަންނާނުންނަށް އުފާވެރި ޚަބަރަކަށް ވާނެ އެވެ.