އެފްސީ ބާސެލޯނާގެ ޑްރެސިން ރޫމާއި ކުޅުންތެރިންގެ މެދުގައި ގޯސް މާހައުލެއް އުޅޭކަމަށް ފެތުރެމުންދާ ވާހަކަތައް އެ ޓީމުގެ ކޯޗް ކިކޭ ސެޓިއެން ދޮގު ކޮށްފި އެވެ.
ކޮރޯނާ ވައިރަސް އަށް ފަހު އަލުން ލީގް ފެށިފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން ބާސާ އެއްވަރުވެ ތާވަލުގެ ދެ ވަނަ އަށް ވެއްޓުމުން ޓީމުގެ ހާލަތާ މެދު ވަނީ ސުވާލު އުފައްދާފަ އެވެ. އަދި ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ އަށް ލަނޑު ޖެހުމުގައި ކުރިމަތި ވެފައިވާ އުނދަގުލާއެކު ސެޓިއެންގެ ޕްލޭން އޭނާ އަށް ނުފެތޭ ކަމަށް ސްޕެއިންގެ މީޑިއާތަކުން ވަނީ ސިފަ ކޮށްފަ އެވެ. ކުލަބުގެ މެނޭޖުމެންޓުން ވަނީ، ޓީމުގެ ޒުވާން މިޑްފީލްޑަރު އާތޫރު މެލޯ ޔުވެންޓަސް އަށް ވިއްކާލާފަ އެވެ. އެކަމާވެސް ކުޅުންތެރިންގެ މެދުގައި ނުތަވަސްކަން އުފެދިފައިވާ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ.
އެހެންނަމަވެސް ސެޓިއެން ބުނީ، އެފަދަ އުނދަގޫ އެއްވެސް ހާލަތެއް ނެތް ކަމަށެވެ. އެހެންނަމަވެސް ތަފާތުތަކެއް އެބަހުރި ކަމަށެވެ.
"ޓީމަށް ރަނގަޅަކަށް ބައެއް ފަހަރު އަހަރެމެން ޖެހޭނެ ބައެއް ކަން ގިވް އަޕް ކުރަން،" މިރޭ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުން ސެޓިއެން ބުންޏެވެ. "އަދި އަމިއްލަ ކަންކަންވެސް ޓީމަށްޓަކައި ގުރުބާން ކުރަން ޖެހޭނެ، ހަގީގަތަކީ މިހާރު މިއޮތީ އާ ހާލަތެއް ކަން، މިހާލަތުގައި އަހަރެންވެސް އާ ކަންކަން ދަސް ވެގެންދާނެ."
އޭނާ ބުނީ ލަސްޕަލަމްސް އަދި ސެވިއްޔާގައި މަސައްކަތް ކުރިއިރު އެ ދެ ޓީމުގައިވެސް އޭނާ މިހާލަތު ތަޖުރިބާ ކޮށްފައިވާ ކަމަށެވެ. "މިއީ ކުރިމަތި ވާނެ މަރުހަލާއެއް، ވަގުތު އައުމުން ކޮންމެ ބަޔަކުވެސް އެބައެއްގެ މަގާމަށް ގެންދާނެ."
އާތޫރު ވަނީ ޔުެވެންޓަސް އާ އެކު ފަސް އަހަރު ދުވަހުގެ އެއްބަސް ވުމެއްގައި ސޮއި ކޮށްފަ އެވެ. އޭނާ އެ ޓީމަށް ބަދަލު ވާނީ މިހާރު ދިގު ދެމިފައިވާ މި ސީޒަން ނިމުމަށް ފަހު އެވެ. ސެޓިއެން ބުނީ، ސީޒަންގެ ބާކީ އޮތްބައިގައިވެސް އާތޫރުގެ ފަރާތުން އެންމެ ބުރަކޮށް މަސައްކަތް ކުރާތަން ފެނިގެންދާނެ ކަމަށެވެ.
އޭނާ ބުނީ އެތުލެޓިކޯގެ ކުޅުމުގެ ސްޓައިލުން އެ ޓީމާ ދެކޮޅަށް ކުޅުމަކީ އުނދަގޫ ކަމެއް ކަމަށެވެ. އެހެންނަމަވެސް މިރޭގެ މެޗަށްވެސް ބާސާ ކުރިމަތިލާނީ އެހެން މެޗުތަކެކޭ އެއްގޮތަށް ކަމަށެވެ.