މާދަމާއިން ފެށިގެން މާލޭ ސަރަހައްދުގެ ހުރިހާ މިސްކިތްތަކެއްގައި ޖަމާއަތުގައި ނަމާދު ކުރަން ފަށަން ހަމަޖެހިފައިވާކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހާމަ ކުރައްވައިފި އެވެ.
ކޮވިޑް-19 ރާއްޖެއިން ފެނުމާއެކު، މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލިތާ މިހާރު ވަނީ ތިން މަހަށްވުރެ ގިނަ ދުވަސްވެފަ އެވެ. މާލެ ލޮކްޑައުންއާ ގުޅިގެން މިސްކިތްތައް މުޅިން ބަންދު ވެސް ކުރި އެވެ. ނަމަވެސް މިހާރު ވަނީ ޖައާމަތް ނުހަދައި ނަމާދު ކުރެވޭ ގޮތަށް ހުޅުވާފަ އެވެ.
ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާދަމާ ރާއްޖެ މުޅިން އާ މަރުހަލާއަކަށްދާއިރު މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރަން މާދަމާއިން ފެށިގެން ކުރިއަށްދާނެ ކަމަށެވެ.
އޭއިތުރުން ރައީސް ސޯލިހު ވިދާޅުވީ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ މަސައްކަތްތައް ނިންމި، އާ މަރުހަލާއަކަށް ރާއްޖެ ދާނެ ކަމަށެވެ. މާދަމާ ސަރުކާރު އޮފީސްތައް ހުޅުވި ކުރިއެކޭ އެއްގޮތަށް މަސައްކަތްތައް ފެށިގެންދާނެ ކަމަށެވެ.
އޮފީސްތަކުގެ އިތުރުން ކެފޭ/ރެސްޓޯރެންޓްތައް ވެސް ހުޅުވިގެންދާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
ރައީސް ސޯލިހު ވަނީ، އެންއީއޯސީގައި ތިން މަހަށްވުރެ ގިނަ މަސައްކަތްކޮށް ދިން ސިއްހީ ހިދުމަތްތެރިންނާއި ސަރުކާރުގެ މުވައްޒަފުންނާއި ވޮލެންޓިއަރުންގެ އަގުވަޒަން ކުރައްވާފަ އެވެ.
ކޮވިޑް ނެތް ރަށްރަށުގަައި މާދަމާ ސްކޫލްތައް ވެސް ހުޅުވާލާނެ އެވެ. ހުރިހާ ތަނެއް ވެސް ހުޅުވާލާނީ ނިއުނޯމަލްގެ ގައިޓްލައިންތަކަށެވެ. އެގޮތުން ގައިދުރުކުރުމާއި މާސްކު އެޅުމާއި އަތް ދޮވެވޭ ގޮތް ހުންނަން ޖެހެ އެވެ.
ރާއްޖެއިން ކޮވިޑް-19 ފެނުނުތާ 100 އަށްވުރެ ގިނަ ދުވަސްވެފައިވާއިރު ލޮކްޑައުންއަށް ލުއިތައް ދޭން ފެށިތާ ވެސް ވަނީ ދެ ހަފުތާވެފަ އެވެ. ލުއިތައް ދޭން ފެށި ފަހުން ކޮވިޑް-19ގެ ކޭސްތައް ފެންނަ މިންވަރު މަދެވެ. އެގޮތުން މިހާރު 22 އަށްވުރެ އިތުރަށް ދުވާލަކު ކޭސް ފެނިފައެއް ނުވެ އެވެ. ނަމަވެސް ކޮންމެ ދުވަހަކު ވެސް 800 ޓެސްޓް ހަދަ އެވެ.