ވިޔަފާރި

"ލަކްސް" ގެ ދެވަނަ ރިސޯޓް އަންނަ އަހަރު ރާއްޖޭގައި ހުޅުވަނީ

Sep 30, 2015

"ލަކްސް" ބްރޭންޑުގެ ދެވަނަ ރިސޯޓު އަންނަ އަހަރު ރާއްޖޭގައި ހުޅުވާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ރާއްޖޭގައި މިހާރު ވެސް ރިސޯޓެއް ހިންގަމުން ގެންދާ "ލަކްސް" ގެ ޓޫރިޒަމް ވިޔަފާރި ފުޅާކުރުމުގެ ޕްލޭންތަކާ ބެހޭ ގޮތުން އައިސީޓީއެމް އޮންލައިންގައި ޝާއިއުކޮށްފައިވާ ހަބަރެއްގައި ވާ ގޮތުން، 2017 ވަނަ އަހަރާ ހަމައަށް އިންޑިޔާ ކަނޑުގައި ހިމެނޭ ގައުމުތަކުގައި އާ ހަތަރު ރިސޯޓެއް ހުޅުވާނެ ކަމަށް ބުނެފައިވެ އެވެ.

އެ ކުންފުނިން ބުނީ މާލެ އަތޮޅުގައި ހުޅުވާ "ލަކްސް ވިލާ އޮންލީ ރިސޯޓް" ވެގެން ދާނީ ވަރަށް ފުރިހަމަ ރިސޯޓަކަށް ކަމަށެވެ. އަދި މި ރިސޯޓުގެ އިންޓީރިޔާ ފަރުމާކޮށްފައިވަނީ ސިންގަޕޫރުގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ މިއާޖިއާ ޑިޒައިން ގްރޫޕުން ކަމަށް ލަކްސް ކުންފުނިން ބުނެފައިވެ އެވެ. މި ރިސޯޓުގެ ކޮޓަރިތައް ހެދުމުގައި ލަކުޑިއާއި ބިއްލޫރި ބޭނުންކޮށްފައިވާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

ލަކްސް ކުންފުނިން ބުނެފައިވާ ގޮތުގައި ލަކްސް ވިލާ އޮންލީ ރިސޯޓުގައި ފުރިހަމަ ރެސްޓޯރެންޓަކާއި ރޫމްތަކުގައި ޕްރައިވެޓް ސުވިމިން ޕޫލް ހުންނާނެ އެވެ.

ލަކްސް ކުންފުނިން "ދިއްދޫ ފިނޮޅު" ގައިވެސް މިހާރު ރިސޯޓެއް ދަނީ ހިންގަމުންނެވެ. މި ރިސޯޓަކީ ދުނިޔޭގެ ނިސްބަތުންވެސް ފުރިހަމަ ރިސޯޓެކެވެ.