ރިޕޯޓް

ކޯޝެއާޑް ބަދިގެ: ގޭގެ މީރު ރަހަތައް ބާޒާރަށް!

Jul 11, 2020
1

ފޮރުވިފައިވާ ވަރަށް ގިނަ ހުނަރުތައް ތިބީ ގޭގަ އެވެ. އެއީ ގޭގައި ތިބި މަސައްކަތްތެރި އަންހެނުންނެވެ. މަންމަ އިންނާއި ދައްތައިންނާއި ބޮޑުދައިތައިން ނެވެ. އެ މީހުންގެ ހުނަރު ބޭނުން ކޮށްގެން ބޯކިބާ ފިހެލުމުން އެލާ ރަހަ، މަޝްހޫރު ކައްކާއިންނަށް ނެރެން ދަތިވެ އެވެ. އެމީހުންގެ "ސީކްރެޓް ރިސިޕީ" އޮތީ އެމީހުންގެ ސިކުނޑީގަ އެވެ. އެކަމަކު އެއިން ތައްޔާރުކުރާ މީރު އެއްޗެހި އާއްމުންނަށް ހަމައަށް ފޯރަން ރާއްޖޭގައި ގިނަ ހުރަސްތަކެއް ހުރެ އެވެ.

މިކަން ވިޔަފާރިއެއްގެ ގޮތުގައި ފުޅާކޮށް ކުދި މެދުފަންތީގެ ވިޔަފާރިތަކެއް އުފައްދަން ހަމައެކަނި ބޭނުންވަނީ ފައިސާއެއް ނޫނެވެ. ފައިސާ ނުދީ ވަސީލަތްތައް ހަމަޖައްސައިގެން ވެސް މިކަން ކުރެވިދާނެ އެވެ. އެހެންވެ އިކޮނޮމިކް މިނިސްޓްރީން ވަނީ އެގޮތް ހޯދާފަ އެވެ. އެ މިނިސްޓްރީގެ އިސް ނެގުމަކަށް ހުޅުމާލޭގައި ހަދާ "ކޯޝެއާޑް ކިޗަން" ފެސިލިޓީޒް ވާނީ މީގެ ފެށުމަކަށެވެ.

ސަރުކާރުގެ ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) ގެ މަޝްރޫއެއްގެ ގޮތުގައި އެންމެ ކުދި، އަދި ކުދި މެދު ފަންތީގެ ވިޔަފާރިތަކުގެ ތެރެއިން ކާބޯތަކެތި އުފައްދާ ފަރާތް ތަކަށް، ހާއްސަކޮށް ޒުވާން ވިޔަފާރިވެރިންނާއި ގޭގަ ތިބެ ކާބޯތަކެތި އުފައްދާ އަންހެންވެރިންނަށް އަމާޒު ކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއަށް އެހީވަނީ ޔޫއެންޑީޕީގެ ސަސްޓެއިނަބަލް އިކޮނޮމިކް އެންޕަވާމެންޓް އެންޑް ޑިވެލޮޕްމަންޓް ފޯ އެސްއެމްއީސް (ސީޑްސް) އިންނެވެ. މިހާރު ވަނީ ބީސީސީން މި ފެސިލިޓީން ޖާގަ ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީ ވާން ހުޅުވާލާފަ އެވެ.

މި ހާއްސަ ބަދިގެ ފެސިލިޓީއާ ބެހޭ ގޮތުން، ބީސީސީގެ ސީއީއޯ ލީނާ އަބްދުލް ލަތީފު ވިދާޅުވި ގޮތުގައި ގޭގޭގައި ވަރަށް ގިނައިން ތަކެތި ފިހެ ތައްޔާރުކޮށް ހަދާ މީހުން އުޅެ އެވެ. ނަމަވެސް ވިޔަފާރިއެއްގެ ގޮތުގައި މަސައްކަތް ކުރަން ބޭނުންވާނެ ވަސީލަތް ނެތުމުން ފުރިހަމައަކަށް ނުކުރެވެ އެވެ. މި ފެސިލިޓީގެ މަގުސަދަކީ އެ ގޮތަށް ގޭގައި މަސައްކަތް ކުރާ މީހުނަށް ފުރުސަތު ހޯދައި ދިނުމެވެ.

"ހަމައެކަނި އަންހެން ބޭފުޅުން އެކަންޏެއް ނޫން. ފިރިހެނުން ވެސް މަސައްކަތް ކުރޭ. ނަމަވެސް ހައި ލެވަލްގެ އިކްއިޕްމަންޓް ގަންނަން ފުދޭވަރެއްގެ ގިނަ ފައިސާ ބޭނުންވޭ. އެހެންވެ މި ފެސިލިޓީން ކޮށްދޭ ކަމަކީ ފުރުސަތު ހޯދައި ދިނުން" ލީނާ ވިދާޅުވި އެވެ.

ދުނިޔޭގައި ކާމިޔާބު ހިދުމަތެއް

"ކޯޝެއާޑް ކިޗަން" އަކީ ރާއްޖެއަށް އާ ވަސީލަތް ތަކަށް ވީ ނަމަވެސް، މިއީ ދުނިޔޭގެ ގައުމުތަކުގައި ލިބެންހުރި ހިދުމަތް ތަކެކެވެ. ސިންގަޕޫރާއި ސްރީލަންކާ އަދި ނިއުޒީލޭންޑް ފަދަ ގައުމުތަކުގައި މިފަދަ ބަދިގެތައް ހުރެ އެވެ. މި ބަދިގެތައް ހުންނަނީ ޕޭސްޓްރީ ފިހުމާއި ކައްކަން ބޭނުންވާ ހައި އެންޑް ވަސީލަތްތަކާއެކުގަ އެވެ. މި ތަނަށް މަސައްކަތް ކުރަންދާ މީހާ އިތުރު އެއްޗެއް ގެންދަން ނުޖެހޭ ގޮތަށެވެ. ނަމަވެސް އަމިއްލަ ތަކެތި ގެނެސްގެން ވެސް މަސައްކަތް ކޮށްލެވެ އެވެ. މިއީ ސްޓާޓްއަޕް އަދި ހޯމްބޭސްޓް ވޯކާސް އަށް ހާއްސަ ވަސީލަތް ތަކެވެ.

"އައިޑިއާއެއް އިނިއްޔާ... ހަމަ ރަޖިސްޓްރީ ކޮށްލައިގެން ބައިވެރިވާންވީ،" ލީނާ ވިދާޅުވި އެވެ.

ކުޑަ ފީއަކުން ހިދުމަތް ލިބޭނެ

ދުނިޔޭގެ އެހެން ގައުމުތަކުގައި މިފަދަ ވަސީލަތްތައް ހުންނަނީ ކުޑަ ފީއެއް ދައްކާލައިގެން ބައިވެރިވެވޭ ގޮތަށެވެ. ރާއްޖޭގައި ވެސް މި ވަސީލަތް ގާއިމް ކުރަނީ އެ ގޮތަށެވެ. ރާއްޖޭގައި ހަދާ ފެސިލިޓީގައި އެއްފަހަރާ 15 މީހަކަށް މަސައްކަތް ކޮށްލެވޭނެ ސާމާނު ހުންނާނެ އެވެ. މި ތަނުގައި ބައެއް ތަކެތި ވިއްކާ ކުޑަ ފިހާރައަކާއި ގުދަން ފަދަ ވަސީލަތްތައް ވެސް ހުންނާނެ އެވެ.

"ގިނަ މީހުންނަށް އައިސް އެއްކޮށް މަސައްކަތް ކޮށްލެވޭ ގޮތަށް މިތަން ހުންނާނެ. ތަކެތި ރައްކާކޮށްފަ ބަހައްޓާނެ ވަސީލަތް ވެސް ގާއިމްކޮށްފައި ވާނެ،" ލީނާ ވިދާޅުވި އެވެ.

ރާއްޖޭގައި ހުނަރު އެބަހުއްޓެވެ. މަތީ ވަސީލަތާއި މަސައްކަތް ކުރެވޭނެ ގޮތެވެ. އެހެންވެ މިފަދަ ގާއިމް ކުރާ "ކޯޝެއާޑް ބަދިގެ" ވެސް މިއީ ވަސީލަތަކަށް ވާނެ އެވެ.