ރައްޔިތުންގެ މަޖިލިސް

މަސް ކައްކާ ތަނަކަށްވުރެ މަޖިލިސް ގޯސް

މަޖިލީހަކީ "މަސް ކައްކާ ތަނެއް ނޫން" ކަމަށާ މަޖިލީހަށް ނެތް ބާރުތައް ނަގައިގެން މަޖިލިސް ހިންގަމުން ނުދާ ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަކަށް ބައެއް މެންބަރުން ރައްދު ދެއްވައިފި އެވެ.

މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހަކީ "މަސް ކައްކާ ތަނެއް ނޫން" ކަމަށެވެ. އަދި މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި ހިމަނާފައިވާ ކަންކަމަކީ ގާނޫނު އަސާސީއާއި ގާނޫނުތަކާއި މަޖިލީހުގެ ގަވާއިދުގައި މަޖިލީހަށް މަތިކޮށްފައިވާ ކަންކަން ކަމަށެވެ.

"މި މަޖިލީހަކީ މަސް ކައްކާ ތަނެއް ނޫން، މިއީ ދިވެހިރާއްޖޭގެ ގާނޫނު ހަދާ ތަން، މިއީ ދިވެހި ސަރުކާރު ޖަވާބުދާރީ ކުރުވާ ތަން، މިއީ ރާއްޖޭގެ އެހެން މުއައްސަސާތައް ވެސް ޖަވާބުދާރީ ކުރުވާ ތަން، ދިވެހިރާއްޖޭގެ ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް މި ގޭގައި ކުރާ މަސައްކަތް ބަޔާން ކޮށްފައި ވާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ އެ ވާހަކަތަކަށް ރައްދު ދެއްވަމުން ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ މަސް ކައްކާ ތަނަކަށްވުރެ މަޖިލީހުގެ ހާލަތު މާބޮޑަށް ގޯސް ކަމަށެވެ. މަސް ކައްކާ ތަންތަނުގައި ވެސް ގަޔަށް ބޮލަށް ނާރާ ކަމަށެވެ.

"ތަޅާ ފޮޅުމުގެ ބާރު ނެންގެވި ފޮޅުވަތެއް މަޖިލިސް ގަވާއިދުގައި އެބަ އޮތްތޯ،" މަޖިލީހަށް ނެތް ބާރުތައް ނަގާފައި ނުވާނެ ކަމަށް ނަޝީދު ވިދާޅުވުމުން ސައީދު ސުވާލު ކުރެއްވި އެވެ.

ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވެސް ވަނީ މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ.

އަލީ ހުސައިން ވިދާޅުވީ މަސް ކައްކާ ބަދިގެ ތަކަކީ ވަރަށް ރަނގަޅު އުސޫލުތަކާއި ހަމަތައް ހިފެހެއްޓިފައި ހުންނަ ތަންތަން ކަމަށެވެ.

"މަސް ކައްކާ ބަދިގެ ތަކަކީ މާ ބޮޑަށް އުސޫލުތަކާއި ހަމަތައް ހިފެހެއްޓިގެން މަސައްކަތްކުރާ ތަންތަންކަން އަޅުގަނޑު ވަރަށް ރަނގަޅައް ދަންނަން،" އަލީ ހުސައިން ވިދާޅުވި އެވެ.

މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަހުމަދު ސަލީމް (ރެޑްވޭވް) ވެސް ވަނީ ރައީސް ނަޝީދުގެ ވާހަކަތަކަށް ރައްދު ދެއްވާފަ އެވެ. ސަލީމް ވިދާޅުވީ މަސް ކައްކާ ބަދިގެ ތަކަކީ 19 ވަނަ މަޖިލީހަށް ވުރެ މާ ރަނގަޅު އުސޫލުތަކާއި ހަމަތަކުގެ މަތިން ހިންގަމުންދާ ތަންތަން ކަމަށެވެ.

"މަސް ކައްކާ ބަދިގެ ތަކަކީ މިހާރުގެ މަޖިލީހަށްވުރެ މަޖިލީހަށްވުރެ މާ ރަނގަޅު އުސޫލުތަކާއި ހަމަތަކެއްގެ މަތިން ހިނގާ ބަދިގެ ތަކެއް،"

ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މައްސަލަތައް ތަހުގީގު ކުރުމާއި ޝަރީއަތް ހިންގަމުންދާ ކަމަށް ބުނެ ގިނަ ފާޑުކިއުންތަކެއް މަޖިލީހަށް އަމާޒުވެފައިވެ އެވެ. އަދި ވެރިކަން ކުރުމުގެ ބާރުގައި ހިމެނޭ އެގްޒެކެޓިވް ކަންކަން ވެސް މަޖިލީހަށް ޖަމާ ކުރަމުންދާ ކަމަށް ބުނެ ފާޑުކިއުންތައް އަމާޒުވެފައިވެ އެވެ.