ރައީސް މުހައްމަދު ނަޝީދު

މާނަ ފުން ވާހަކައެއް: ފަށްކަނޑަށް އިން މީހާ ވަރިއެއް ނުކުރި!

ގއ. ކޮލަމާފުށީގައި ފަށްކަނޑަށް އިން މީހަކު، ވަރި ނުުކުރި ކަމަށް ހަބަރު ލިބޭ ކަމަށާ އެއީ ކޮންޓްރެކްޓާ ހިލާފު ކަމެއް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މާނަ ފުން ވާހަކަފުޅެއް ވިދާޅުވެއްޖެ އެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ވާހަކަފުޅު ދެއްކެވީ މަޖިލިސް ހިންގަމުންދާ ގޮތާ މެދު ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. މަޖިލީހުން ޝަރުއީ ބާރުތައް ނަގައިގެން މައްސަލަތައް ބަލަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝަރީފު އެ ވާހަކަތަކަށް ޖަލްސާގެ އެކި ވަގުތުތަކުގައި ރައީސް ނަޝީދު ގެންދެވީ ރައްދު ދެއްވަމުންނެވެ.

އެންމެ ފުރަތަމަ ވިދާޅުވީ މަޖިލީހަކީ "މަސް ކައްކާ ތަނެއް ނޫން" ކަމަށެވެ. އަދި މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި ހިމަނާފައިވާ ކަންކަމަކީ ގާނޫނު އަސާސީއާއި ގާނޫނުތަކާއި މަޖިލީހުގެ ގަވާއިދުގައި މަޖިލީހަށް މަތިކޮށްފައިވާ ކަންކަން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މި މަޖިލީހަކީ މަސް ކައްކާ ތަނެއް ނޫން، މިއީ ދިވެހިރާއްޖޭގެ ގާނޫނު ހަދާ ތަން، މިއީ ދިވެހި ސަރުކާރު ޖަވާބުދާރީ ކުރުވާ ތަން، މިއީ ރާއްޖޭގެ އެހެން މުއައްސަސާތައް ވެސް ޖަވާބުދާރީ ކުރުވާ ތަން، ދިވެހިރާއްޖޭގެ ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް މި ގޭގައި ކުރާ މަސައްކަތް ބަޔާން ކޮށްފައި ވާނެ،" ނަޝީދު ވިދާޅުވި އެވެ.

އޭގެ ފަހުން މަޖިލީހުގެ ޖަލްސާ ނިންމަވާލައްވަމުން ވެސް އެ މަނިކުފާނު ވަނީ ޝަރީފްގެ ވާހަކަތަކަށް ރައްދު ދެއްވާފަ އެވެ. ވިދާޅުވީ މަޖިލީހުގެ ދާއިރާއިން ބޭރަށް މަޖިލީސް ދާ ކަމަށް ބައެއް މެންބަރުންނާ އާންމުންނަށްވެސް ހިވާ ކަމަށް ވާހަކަ ދެކެވެމުންދާ އަޑު އެމަނިކުފާނަށް އިވިވަޑައިގަންނަވާ ކަމަށެވެ.

އަދި ވިދާޅުވީ "ކޮލަމާފުށީގައި ފަށްކަނޑަށް އިން މީހަކު، ވަރި ނުުކުރި ކަމަށް އެބަ ހަބަރު ލިބޭ" ކަމަށެވެ. އަދި އެއީ ކޮންޓްރެކްޓާ ހިލާފު ކަމެއް ކަމަށެވެ.

"އަޅުގަނޑަށް އެބަ އިވޭ މަޖިލިސްގެ ދާއިރާއިން ބޭރަށް މަޖިލިސް ދާ ކަމަށް ބައެއް އިއްޒަތްތެރި މެންބަރުންނަށާއި ބައެއް ފަރާތްތަކަށް ހީވާ ކަމަށް... އަޅުގަނޑަށް އެބަ އަޑުއިވޭ. އެހެން ނަމަވެސް ކޮލަމާފުށީގައި ފަށްކަނޑަށް އިން މީހަކު، ވަރި ނުުކުރިކަމަށް އެބަ ހަބަރު ލިބޭ. އެއީ ކޮންޓްރެކްޓާ ހިލާފު ކަމެއް!"

އެ ވާހަކަފުޅުގެ އިތުރު ތަފްސީލެއް ނުދެެއްވާ މަޖިލީހުގެ ޖަލްސާ ދެން އޮންނާނެ ދުވަސް އިއުލާނު ކުރެއްވުމަށް ފަހު ރައީސް ނަޝީދު ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލައްވާފަ އެވެ. ނަޝީދުގެ އެ ވާހަކަފުޅާއި ގުޅިގެން މަޖިލީހުގެ ގިނަ މެންބަރުން ވަރަށް ބޮޑަށް ހިނިފުޅުވެޑުވި އަޑު ވެސް އިވުނެވެ. -އެނގިފައިވާ ގޮތުގައި މިއީ ކޮލަމާފުށިގައި ހިނގައިގެން އުޅޭ ހާދިސާއެކެވެ.-

ރައީސް ނަޝީދު މިއަދުގެ މަޖިލީސް ނިންމަވާލައްވަމުން ވިދާޅުވި މާނަ ފުން އެ ވާހަކަތަކާއި ގުޅިގެން ސޯޝަލް މީޑިއާގައި ވަނީ ބަހުސެއް ވެސް ފަށާފަ އެވެ. ބައެއް މީހުންގެ ނަޒަރުގައި އެއީ ރައީސް ސޯލިހަށް އަމާޒުކޮށް ވިދާޅުވި ވާހަކަފުޅެކެވެ. އެއީ ދައުރުގެ މެދުތެރެއިން އިންތިހާބެއް ބާއްވަވާނެ ކަމަށް ވިދާޅުވެ ރައީސް ސޯލިހު ވެވަޑައިގެންނެވި ވައުދެއްގެ ހަނދާން ކޮށްދެއްވުމެއް ކަމަށްވެސް ބައެއް މީހުން ސިފަކޮށްފައި ވެއެވެ.

އަދި ބައެއް މީހުން ބުނެފައި ވަނީ ރައީސް ސޯލިހް މިހާރު ހުންނެވީ ދެ ރައީސުންގެ ދެމެދުގައި ވެވުނު ކޮންޓްރެކްޓާ ހިލާފު ވެގެން ކަމަށް ރައީސް ނަޝީދު އިއުލާނު ކުރެއްވީ ކަމަށެވެ. މީގެ އިތުރުން ރައީސް ނަޝީދުގެ އެ ވާހަކަތަކަކީ ބަރުލަމާނީ ނިޒާމެއް ގެނައުމަށް ރައީސް ސޯލިހް ކުރިން ވެ ވަޑައިގެންނެވި ކަމަށް ބުނާ ވައުދާ އެމަނިކުފާނު ހިލާފުވެ، ނިޒާމު ބަދަލު ކުރަން އެމަނިކުފާނަށް ވަގުތު ނެތް ކަމަށް ކުރީ ދުވަހު ވިދާޅުވެފައިވާތީ އެކަމަށް ދެއްވި ރައްދެކެވެ.