ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

އެމްޑީޕީގެ ދެ ކެންޑިޑޭޓަކާއި ޕީޕީއެމްގެ ކެންޑިޑޭޓެއް ނަން ނަގައިފި

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމަށް ހުޅުވާލި ފުރުސަތުގައި ފަސް ކެންޑިޑޭޓަކު ނަން ނަގާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ މިއަދާ ހަމައަށް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރަން ނިންމި ފަސް ކެންޑިޑޭޓުން ނަން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ ދެ ކެންޑިޑޭޓުންނާއި ޕީޕީއެމްގެ ކެންޑިޑޭޓެއްގެ އިތުރުން އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރާ ދެ ކެންޑިޑޭޓުންނެވެ.

އެއީ ލ. މާވަށު ކައުންސިލްގެ ރައީސް ކަމަށް އަމިއްލަ ގޮތުން ކުރިމަތިލީ ކެންޑިޑޭޓް އަބްދުލްމަޖީދު މާހިރާއި ށ. މަރޮށީ ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއަށް ކުރިމަތިލި ޕީޕީއެމްގެ ކެންޑިޑޭޓް ނަސްފާ މުހައްމަދު ސައީދާއި ގއ. ކޮނޑޭ ކައުންސިލްގެ އަންހެނުންނަށް ހާއްސަ ކޮށްފައިވާ ގޮނޑިއަށް އަމިއްލަ ގޮތުން ކުރިމަތިލި ފާތިމަތު ސާއިގާ ހާލިދާއި އއ. ބޮޑޮފޮޅުދޫ ކައުންސިލްގެ މެންބަރު ކަމަށް އެމްޑީޕީގެ ޓިކެޓްގައި ކުރިމަތިލި ހަސަން ނާފިއުގެ އިތުރުން ނ. މާޅެންދޫ ކައުންސިލްގެ މެންބަރު ކަމަށް އެމްޑީޕީގެ ޓިކެޓްގައި ކުރިމަތިލި މުހައްމަދު ރަޝީދެވެ.

މި ފަސް ކެންޑިޑޭޓުން ނަން ގެންދިއުމުން ކައުންސިލް އިންތިހާބަށް ޗާޕް ކުރާ ވޯޓް ކަރުދާހުގައި އެމީހުންގެ ނަން ނުހިމަނާނެއެވެ.