އޮޑިޓާ ޖެނެރަލް އޮފީސް

ރިޔާސީ ކޮމިޝަނުން ފޮނުވާ މައުލޫމާތު ސިއްރުކުރަން ލާޒިމްކޮށްފި

ރިޔާސީ ކޮމިޝަންތަކުން ފޮނުވާ މައުލޫމާތާއި ލިޔެކިޔުންތަކުގެ ސިއްރު ހިފެހެއްޓުމާ ގުޅޭ އުސޫލު އާންމުކޮށްފި އެވެ.

ބަންޑާރަ ނާއިބްގެ އޮފީހުން ބުނީ ރިޔާސީ ކޮމިޝަންތަކުގެ ޤާނޫނުގެ 13 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެކުލަވާލި މި އުސޫލުގެ ބޭނުމަކީ ރިޔާސީ ކޮމިޝަންތަކުން ތަހުގީގިކޮށް ދައުވާ ކުރުމަށާއި ފިޔަވަޅު އެޅުމަށް އެ އޮފީހަށް ފޮނުވާ މައްސަލަތަކުގައި ހިމެނޭ އެންމެހައި މައުލޫމާތާއި ލިޔެކިޔުންތަކުގެ ސިއްރު ހިފެހެއްޓުމަށްޓަކައި އަމަލުކުރާނެ ހާއްސަ އިޖުރާއަތުތައް އެކަށައަޅައި، އެކަމާބެހޭ އިންތިޒާމްތައް ހަމަޖެއްސުން ކަމަށެވެ.

ސިއްރު މައުލޫމާތަކީ ކޮބައި ކަމާއި ސިއްރު މައުލޫމާތާމެދު އަމަލު ކުރާނެ ގޮތާއި ތިންވަނަ ފަރާތަކާއި މައުލޫމާތު ހިއްސާ ކުރެވޭނެ ހާލަތާއި ދައުލަތުގެ އިދާރާތަކާއި މައުލޫމާތު ހިއްސާ ކުރެވޭނެ ގޮތްވެސް މި އުސޫލުގައި ބުނެފައިވެއެވެ.

އެގޮތުން ރިޔާސީ ކޮމިޝަންގެ މައުލޫމާތު ދައުލަތުގެ އެއްވެސް އިދާރާއަކާއި ހިއްސާ ކުރެވޭނީ އޭޖީ އޮފީހުގެ ހުއްދަ ހޯދައިގެން ކަމަށާ އެފަދަ މައުލޫމާތެއް ހިއްސާ ކުރާނީވެސް އެ މައުލޫމާތެއް ހިއްސާ ކުރުމަށް އޭޖީ އޮފީހުގެ މައްޗަށް ލާޒިމް ކުރާ އިދާރާއަކަށް ކަމަށް ވަނީ ބުނެފައެވެ.

މި އުސޫލު މިއަދު ގެޒެޓްކޮށް އަމަލު ކުރަން ވަނީ ފަށާފައެވެ.

މި ސަރުކާރުން ވަނީ ދެ ރިޔާސީ ކޮމިޝަނެއް އުފައްދާފައެވެ. އެއީ މަރުތަކާއި ގެއްލިފައިވާ މީހުންނަށް އިންސާފު ހޯދުމަށް އެކުލަވާލާފައިވާ ރިޔާސީ ކޮމިޝަނާއި ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދުމަށް އެކުލަވާލި ކޮމިޝަނެކެވެ. ރައީސް ސޯލިހުގެ ވެރިކަމުގެ ފުރަތަމަ ދުވަހު އުފެއްދި އެ ދެ ކޮމިޝަނުން ދަނީ ގިނަ މައްސަލަތަކެއް ބަލަމުންނެވެ. މިހާތަނަށް އެ ދެ ކޮމިޝަނަށްވެސް އެ މަސައްކަތުގައި މާބޮޑު ކުރިއެރުންތަކެއް ހޯދިފައިނުވާއިރު މަރު ކޮމިޝަނުން އެކުލަވާލި ބައެއް ރިޕޯޓްތައް މަޖިލީހާ ހިއްސާ ކުރުމާއެކު އެ ރިޕޯޓްތައް އާންމުވެ ތަހުގީގުގެ ސިއްރުތަކެއް ވަނީ އާންމުވެފައެވެ. އެކަމާއި ގުޅިގެން ތަހުގީގަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް ކޮމިޝަނުން ވަނީ ބުނެފައެވެ.