އިސްލާމިކް ޔުނިވާސިޓީ

މާވެޔޮ މިސްކިތް މާދަމާ ނުހުޅުވާނެ

މާވެޔޮ މަގުގައި، ކުރީގައި ހުރި މިސްކިތް ތަޅާލުމަށްފަހު އިމާރާތް ކޮށްފައިވާ މިސްކިތް މާދަމާ ހުޅުވުމަށް ހަމަޖެހިފައިނުވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.

ހަތް ބުރީގެ މާވެޔޮ މިސްކިތް މިހާރު ވަނީ ސަރުކާރާ ހަވާލުކޮށްފައެވެ. ދުވަސްތަކަކަށްފަހު މާދަމާ މާލޭގައި ޖަމާއަތުގައި ނަމާދު ފެށުމަށް ހަމަޖެހިފައިވާއިރު މާދަމާ މާވެޔޮ މިސްކިތް ހުޅުވަން ނިންމާފައިވާ ބައެއް ނޫސްތަކުގައި ބުނެފައިވެއެވެ.

އަވަސްއާ ވާހަކަދައްކަވަމުން މިނިސްޓަރު ޑރ. ޒާހިރު ވިދާޅުވީ މާވެޔޮ މިސްކިތް ހުޅުވަން ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށެވެ. ނަމަވެސް މާދަމާ މިސްކިތް ނުހުޅެވޭނެ ކަމަށެވެ. ހުރިހާ މަސައްކަތް މުޅިން ނިންމާލުމަށްފަހު މިސްކިތް ހުޅުވަން އަދި ހަފްތާއެއްހާ ދުވަސްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މާވެޔޮ މިސްކިތް ފަރުމާކޮށް އަދި އިމާރާތް ކުރުމުގެ ހުރިހާ ހަރަދެއް ކޮށްފައިވަނީ ހ. ސީސައިޑް މުހައްމަދު އަލީ ޖަނާހު އެވެ. އަދި މި މިސްކިތުގެ ކޮންޓްރެކްޓަރެއްގެ ގޮތުން ހަރަކާތްތެރިވީ ޖަނާހުގެ އެޗްއާރުސީ ކުންފުނިންނެވެ.

މިސްކިތް ހެދި ފަރާތުން ހުރިހާ މަސައްކަތެއް ނިންމައި ހަވާލު ކުރިއިރު މިހާރު އެތަނުގައި ކުރަމުން ދަނީ ދިރާގުން މިސްކިތުގެ ހަރިންމަ ތެރޭގައި ކުރިން ބަހައްޓާފައި ހުރި ޕެނަލް ބޯޑެއް ނެގުމުގެ މަސައްކަތެވެ. އަދި އެތަނުގައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރެއް ވެސް ނަގަން ޖެހެ އެވެ.

މާވެޔޮ މިސްކިތުގައި ހިމެނޭ ހާއްސަ ސިފަތަކުގެ ތެރޭގައި މުޅި މިސްކިތަކީ އެއްކޮށް އެއާކޮންޑިޝަން ކޮށްފައިވާ ތަނެކެވެ. އަދި މިސްކިތަށް ގެނައި ބަދަލުތަކާއެކު މިސްކިތް ޓެރަސްއާއެކު ހަތް ބުރިއަށް ހަދާފަ އެވެ. އަދި މީހުންނަށް ލިފްޓް ބޭނުން ކޮށްގެން އަރައި ފޭބޭ ގޮތަށް ފަރުމާ ކޮށްފައިވެ އެވެ.

މިސްކިތުގައި އެއް ފަހަރާ 1،800 މީހުންނަށް ނަމާދު ކުރެވޭނެ އެވެ. އަދި އަންހެނުންނަށް ހާއްސަ ނަމާދު ކުރާނެ ބަޔަކާއި ފާހާނާ ހަދާފައިވެ އެވެ. މުޅި މިސްކިތުގައި ސީސީ ޓީވީ ހަރުކޮށްފައިވާއިރު، މިސްކިތުގައި ހަތަރު ގުއްބު ހުރެ އެވެ.