ގއ. ކޮލަމާފުށީގައި ފަށް ކަނޑަށް އިން މީހަކު، ވަރި ނުުކުރި ކަމަށް ހަބަރު ލިބޭ ކަމަށާ އެއީ ކޮންޓްރެކްޓާ ހިލާފު ކަމެއް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ދީނީ އިލްމުވެރިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން ނަޝީދު ވިދާޅުވީ "ކޮލަމާފުށީގައި ފަށް ކަނޑަށް އިން މީހަކު، ވަރި ނުުކުރި ކަމަށް އެބަ ހަބަރު ލިބޭ" ކަމަށެވެ. އަދި އެއީ ކޮންޓްރެކްޓާ ހިލާފު ކަމެއް ކަމަށެވެ.
"އަޅުގަނޑަށް އެބަ އިވޭ މަޖިލިސްގެ ދާއިރާއިން ބޭރަށް މަޖިލިސް ދާ ކަމަށް ބައެއް އިއްޒަތްތެރި މެންބަރުންނަށާއި ބައެއް ފަރާތްތަކަށް ހީވާ ކަމަށް... އަޅުގަނޑަށް އެބަ އަޑުއިވޭ. އެހެން ނަމަވެސް ކޮލަމާފުށީގައި ފަށް ކަނޑަށް އިން މީހަކު، ވަރި ނުުކުރިކަމަށް އެބަ ހަބަރު ލިބޭ. އެއީ ކޮންޓްރެކްޓާ ހިލާފު ކަމެއް!"
އެފަދަ ކަމެއް ކޮލަމާފުށީގައި ހިނގައިގެން އުޅޭ ކަމަށް ވެސް މީޑިއާގައި ރިޕޯޓް ކޮށްފައި ވެއެވެ.
ނަޝީދުގެ ވާހަކަތަކާމެދު ކަންބޮޑުވުން ފާޅުކުރައްވާ ޝައިހް އާދަމް ނިޝާން ވިދާޅުވީ ފަށް ކެނޑުމުގެ ގަސްތުގައި ކުރާ ކައިވެނީގެ ކޮންޓްރެކްޓް (އަގުދަކީ) ކަނޑައެޅިގެން ބާތިލު އަގުދެއް ކަމަށެވެ. އަދި އެފަދަ ކައިވެންޏެއް ސައްހަ ވެސް ނުވާނެ ކަމަށެވެ.
"އަދި އެގޮތަށް ފަށް ކެނޑުމަށް އެއިން މީހާ ގާތުން ވަރި ވެގެން ކުރީގެ ފިރިމީހާއާއި ކައިވެނި ކުރި ނަމަވެސް ކުރީގެ ފިރިމީހާއާއި އަލުން އެ ކުރާ ކައިވެނި ވެސް ސައްހަ ނުވާނެ،"
އެ ޝައިހް ވިދާޅުވީ ފަށް ކެޑުމަށް އިންނަ މީހާ އާއި އެ މީހަކަށްޓަކައި އެ ފަށް ކަނޑައިދެވޭ މީހާއާއި ދެ މީހުންނަށް ވެސް މާތްﷲ ތައާލާ ލައުނަތް ލައްވާނެ ކަމަށް ކީރިތި ނަބިއްޔާ ބަޔާން ކޮށްދެެއްވާފައިވާ ކަމަށެވެ.
އެހެން ބައެއް އިލްމުވެރިން ވެސް ވަނީ އެ މޭރުމުން ވާހަކަ ދައްކަވާފަ އެވެ. އަދި ފަށްކަނޑަށް އިން މީހަކު، ވަރި ނުުކުރުމަކީ ކޮންޓްރެކްޓާ ހިލާފު ކަމެއް ކަމަށް ނަޝީދު ވިދާޅުވެފައި ވާތީ އެކަމާ ވެސް ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ. އެއީ ދީނުގައި އެކަން އޮތްގޮތް އުޅޭ ގޮތަށް އެމަނިކުފާނު ދެއްކެވި ވާހަކަފުޅެއް ކަމަށާ މަޖިލީހުގެ ރިޔާސަތު ފަދަ ޝަރަފުވެރި މަގާމެެއްގައި އިންނަވާ އެފަދަ ވާހަކައެއް ނަޝީދު ދެއްކެވުން ކުށްވެރިކުރާ ކަމަށްވެސް ބައެއް ބޭފުޅުން ވިދާޅުވެފައި ވެއެވެ.