(ހަވަނަ ބައި)
ވެފައިވާ ވަރުބަލީގެ ސަބަބުން އިސާހިތަކު ނިދުނެވެ. ހީވީ އެސްފިޔަތައް ތަތްވިހެންނެވެ.
ކުއްލިއަކަށް ލޯ ހުޅުވާލެވުނެވެ. ކޮންމެވެސް މީހަކު މާ ނޭވާލާ އަޑު އިވެމުން ދިޔަ އެވެ. އަހަންނަށް ބަލައިލެވުނީ ފިނާ ކޮބައިތޯ އެވެ. ފިނާ ފެންނާކަށް ނެތެވެ. ކުއްލިއަކަށް ވަށައިގެން ހޯދައިލެވުނެވެ. މީހެއްގެ އަޑެއް ބަޑެއް ނީވެ އެވެ. ދެ ފަހަރަކު ލޯ އުނގުޅައިލެވުނެވެ. ފިނާގެ ފެނޭތޯ އެވެ.
މަޑުމަޑުން ތެދުވެ އެނދުގައި އިށީނދެލެވުނެވެ. ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އަނެއްކާ ވެސް މީހެއްގެ މާނޭވާގެ އަޑު އިވެމުން ދިޔަ އެވެ. އަހަންނަށް ހޯދައިލެވުނެވެ. ޔަގީން ކުރެވުނީ އެއީ ފިނާ ކަމެވެ. އިވެމުން ދިޔައީ ފިނާގެ އަޑުކަމެވެ. މަޑުމަޑުން ދެފަރާތަށް ބަލައިލެވުނެވެ. އެނދުން ތެދުވެ ފާހާނާއާ ދިމާއަށް ހިނގައިގަތީމެވެ.
ފާހާނާގެ ބޮކި ހުރީ ދިއްލާފަ އެވެ. މަޑުމަޑުން ތަޅުގައި އަތްޖައްސައިލީމެވެ. ބިރުވެރި ހިތަކާއެކުގަ އެވެ. ދޮރުގައި އަތްޖައްސާލަމުން އެނދާ ދިމާ ބަލައިލީމެވެ. ފާޑަކަށް ސިހުނެވެ. ފިނާ ފެންނަން އޮތުމުންނެވެ. އޭރުވެސް މާނޭވާލާ އަޑު އިވެމުން ދިޔައެވެ.
ބޭނުންވީ ބަލައިލާށެވެ. ޔަގީންކޮށްލާށެވެ. މަޑުމަޑުން ފާހާނާގެ ދޮރު ހުޅުވާލީމެވެ. އެއާއެކު އިވެމުން ދިޔަ މާނޭވާގެ އަޑު ހިނދުނެވެ. ހީވީ ދޮރުފަތާ އެ އަޑާ ގުޅިފައިވާހެންނެވެ. ލަސްލަހުން ފާހާނާއަށް ވަދެ ބަލައިލީމެވެ.
މުޅި މީހާ އެކުގައި ގަނޑުވި ކަހަލައެވެ. ނޭވާ ހުއްޓި ހިމޭންވިއެވެ. ހިނދުކޮޅެއް ވަންދެން އަހަންނަށް އެގޮތުގައި ހުރެވުނީ އެވެ. ކުރިމަތިން ފެންނަމުން ދިޔަ މަންޒަރުގެ ސަބަބުންނެވެ. އަނގަމަތީގައި އަތްއަޅައިލެވުނެވެ.
މަޑުމަޑުން ފަހަތަށް ޖެހިލެވުނެވެ. ކުއްލިއަކަށް ފާހާނާގެ ދޮރުފަތުގައި ބުރަކަށި ޖެހުނެވެ. ސިހިފައި ބަލައިލެވުނީ ފަހަތަށެވެ. ލަސްލަހުން ދޮރުފަތުގައި ހިފައިލެވުނެވެ. ތަޅުގައި ހިފައި މަޑުމަޑުން ބޭރަށް ނުކުމެވޭތޯ ބެލީމެވެ. ކުރިމަތިން ފެންނަމުން ދިޔަ މަންޒަރުތަކުން ގައިން ހީބިހި ނަގަމުން ދިޔަ އެވެ.
ކޮޓަރިއަށް ނުކުމެ ފަހަތަށް ޖެހިލެވުނެވެ. އޭރުވެސް ދޮރުން ހުޅުވިފައިވާ ހިސާބުން އަހަންނަށް ފެންނަމުން ދިޔައީ އެ މަންޒަރެވެ. އެ ސިފަ އެވެ. ހުދުކުލައިގެ ހެދުމުގައި ހުރި އެ އަންހެން މީހާއެވެ. ކިސުޅިވެފައިވާ އިސްތަށިގަނޑު މޫނުމައްޗަށް ވައްޓާލައިގެން ހުރި އެ މީހާ އެވެ. ކަޅި ޖަހައި ނުލައި ބެލެނީ ރުޅި އަންނަ ކަހަލަ ގޮތަކަށް ހިނި އައިސްފައިވާ އެ މޫނަށެވެ. އެ ތުންފަތަށެވެ.
އޭނާގެ ތުންފަތުގައި ހުރީ ކަޅު ރަތްކުލަ އެވެ. ދަތްތައް ހުރީ ރީނދޫވެފަ އެވެ. މޫނުމަތީގެ ހަންގަނޑު ވަނީ ކުރަކިވެ ތިރިއަށް ސޮހިފަ އެވެ. މުޅި ގައިގެ ހަންގަނޑު ވަނީ ހުދު އަޅިކުލައަކަށް ބަދަލުވެފައެވެ. އޭނާ ގައިގައި އޮތީ ތުނިތުނި ހުދު ހެދުމެކެވެ. ގަޔަށްދޫ ހެދުމެކެވެ. ހީވަނީ ހުދުކުލައިގެ ގޯންޏެއް ލައިގެން ހުރިހެންނެވެ. ހެދުމުގެ ފަސްބައި އޮތީ މުށިގަނޑު މަތީގައެވެ.
އެމީހާ ކަޅި ޖަހައި ނުލައި ބަލަން ހުރީ ސީދާ އަހަންނާ ދިމާއަށެވެ. އިރުއިރުކޮޅާ އަހަންނާ ދިމާ ބަލައިލަމުން ހީލައެވެ. އެ ހީލުމުން އަހަންނަށް ސިފަ ވަނީ ހަރުފައެއްގެ ދުލެވެ. އިރުއިރު ކޮޅާ އޭނާ އަނގަހުޅުވާލަ އެވެ. އަމިއްލަ ދޫ ނެރެ މަތީ ތުންފަތުގައި ޖައްސާލަ އެވެ.
"ކާކު؟" އަހަރެން ބިރު ނުގަންނަ ކަމަށް ހެދުނީމެވެ.
ޖަވާބު ދިނުމުގެ ބަދަލުގައި އެމީހާ ފެށީ ހޭށެވެ. ބާރު ބާރަށެވެ. މުޅި ތަން އެކުގައި ގުގުމަން ފެށިއެވެ. އެ ހުނުމުގެ އަޑުންނެވެ. ކޮޓަރި ތެރެއިން ވެސް އިވެމުން ދިޔައީ އެ އަޑެވެ. ބައެއް ފަހަރު ހީވަނީ އަހަރެންގެ ފުރަގަޖަހުން އެ އަޑު އިވެމުން ދާހެންނެވެ.
އަހަންނަށް ދެ ކަންފަތުގައި އަތްޖައްސާލެވުނެވެ. އެއާއެކު ހުނުމުގެ އަޑު އެކުގައި ކެނޑުނެވެ.
"ކާކު ހޭ؟" ބާރުބާރަށް އަހަރެން ބުނެލީމެވެ.
"ބުނީމަ އެނގޭނެތަ؟" އެމީހާގެ އަޑު އިވެމުން ދިޔައީ ވައި ޖެހޭތަނެއްގައި މީހަކު ބާރަށް ވާހަކަ ދެއްކުމުން އިވޭ ކަހަލަ ގޮތަކަށެވެ.
"ކީއްވެ ނޭނގެންވީ؟" އަހަރެން ޖެހިލުން ނުވާކަން ދައްކަން މަސައްކަތް ކުރީމެވެ.
"ކަލެއަށް އަދި އެއްވެސް ކަމެއް ނޭނގޭނެ. ކަލޭއަށް ހުރިހާ ކަމެއް އެނގޭ ދުވަހުން ކަލޭ ވެސް ޖެހިލުން ވާނެ. ކަލޭ ވެސް ފިލަން ދުއްވައި ގަންނާނެ. އަހަރެން މިއައީ ކަލޭއަށް މަރުހަބާ ކިޔަން." މިފަހަރު އަޑު އިވުނީ ސީދާ އަހަންނާ ދާދި ގާތުންނެވެ.
ސިހިފައި އަހަރެން ފަހަތަށް ބަލައިލީމެވެ. ކުއްލިއަކަށް ފަހަތަށް އެއްލުނެވެ. އިދިފުށަށް ވެއްޓުނެވެ. އެމީހާ ހުރީ އަހަރެންގެ ފަހަތުގަ އެވެ.
"ޝާހިދާ! ދަންނަންތަ؟" މިފަހަރު ވެސް އަޑު އިވެމުން ދިޔައީ ސީދާ ފަހަތުންނެވެ.
އަހަންނަށް ބަލައިލެވުނީ ކުރީމަތީގައި އޭނާ ހުރިތޯ އެވެ. ފާޑަކަށް ހެވިފައި އެމީހާ ބަލަން ހުއްޓެނެވެ. ދެން ބަލައިލެވުނީ އަޑު އިވުނު ދިމާއަށެވެ. އަހަރެންގެ މޫނުގައި ޖެހޭ ނުޖެހޭ ހިސާބުގައި އެމީހާ އިނެވެ. އަހަންނަށް އެއްފަހަރު ދުރުގައި ހުރި މީހާއަށް، އަނެއް ފަހަރު ކައިރީގައި އިން މީހާއަށް ބަލައިލެވުނެވެ. ފެންނަނީ އެއް މޫނެކެވެ. އެއްވެސް ތަފާތެއް ނެތެވެ. އަހަރެން ބިރުގަންނަ ގޮތްވިއެވެ. ޖެހިލުންވެ ހާސްވާ ގޮތްވި އެވެ. އެކަން އޭނާއަށް އެނގުނެވެ.
"އަހަރެންމީ ޝާހިދާ." ގާތުގައި އިން މީހާ ބުނެލި އެވެ.
"އެ؟" އަހަރެން އަތުގެ އިޝާރާތުން ދައްކައިލީ ކުރިމަތިން ފެންނަން ހުރި މީހާއަށެވެ.
"އެ ވެސް ޝާހިދާ. މިވެސް ޝާހިދާ." އެމީހާ ބިރުވެރި ގޮތަކަށް ހޭން ފެށި އެވެ.
ކަންފަތް ހީވީ ފަޅައިގެން ހިނގައިދާނެ ހެންނެވެ. އެހައި އަޑު ތޫލި ވެފައި ބާރެވެ. އަހަންނަށް ދެ ލޯ މަރައިލެވުނެވެ. ފުން ނޭވާއެއް ދޫކޮށްލަމުން ކަންފަތް މަތީ އެޅިފައިވާ އަތް ނަގައި އަނެއްކާ ވެސް ބަލައިލީމެވެ.
ޝާހިދާ ފެންނާކަށް ނެތެވެ. ވަށައިގެން ހޯދައިލެވުނެވެ. ޝާހިދާއެއް ނުފެނުނެވެ. މަޑުމަޑުން މުށިގަނޑުން ތެދުވެ ވަށައިގެން ހޯދައިލީމެވެ. ލޮލުގައި އަޅައިގަތީ އެނދުގައި އަރާމުކޮށް ނިދިފައި އޮތް ފިނާ އެވެ. ފިނާގެ މަގަތުގައި ޝާހިދާ އޮށޯވެ އޮތެވެ. ދިގު ދެމިލައިގެންނެވެ. ފިނާގެ ރަން އިސްތަށިގަނޑާ ކުޅެލަކުޅެލަ އެވެ. އަހަންނަށް ތެދުވެވުނެވެ. އެނދާ ދިމާއަށް ހިނގައިގަނެވުނެވެ.
"ކަލޭގެ މަގުސަދަކީ ކޮބައިތަ؟ ކަލޭގެ ބޭނުމަކީ ކޮބައިތަ؟" އަހަރެން ރުޅި އަންނަ ގޮތްވި އެވެ.
"ނުބުނާނަން. ކަލޭ ޖެހޭނީ ހޯދަން." ޝާހިދާ ވެސް ރުޅި އަންނަ ގޮތްވި އެވެ.
"އަހަރުމެންނާ އަޅައިގަނެގެން ތި އުޅެނީ ކީއްވެ؟" ސުވާލަކަށް ފަހު ސުވާލެއް ކުރަން ފެށީމެވެ.
"ކަލޭ ހާދަ ސުވާލު ގިނައޭ ދޯ." މަލާމާތުގެ ރާގުގައި ޝާހިދާ ބުނެލި އެވެ.
"އަހަރުމެންނަށް ޖެއްސުން ކުރަން ކަލޭ ތި ކާކުހޭ؟" އަހަރެން ރުޅި އައިސް ފުފޭ ގޮތްވި އެވެ.
"އަހަންނަށް އުނދަގޫ ކުރަން ކަލޭ ތި ކާކު؟" ޝާހިދާ ވެސް ރުޅި އަންނަ ގޮތްވި އެވެ.
"އަހަރެން މި ކޮޓަރިއަށް އައީ ކުއްޔަށް. ހިލެއަކު ނޫން. މިހާރު މިތަނުގައި ހިނގަނީ އަހަރެންގެ ބާރު. ހަމަ މިހާރު މިތަނުން ނުކުންނަށް އުޅޭ."
"ކަލޭ މިތަނަށް ގެނައީ އަހަރެން ބޭނުން ވެގެންނޭ. ކަލޭއަށް އަދި އެކަން ނުވިސްނިގެން ތިއުޅެނީ." ޝާހިދާ ލާނެތް ރާގެއްގައި ހޭން ފެށި އެވެ.
އަހަންނަށް ބުނަންވީ އެއްޗެއް ކުރަންވީ ހަރަކާތެއް ނޭނގި އިރުކޮޅެއް ވަންދެން ހުރެވުނެވެ.
"މިހާރު ކިހިނެއްވީ؟" ޝާހިދާ އެނދުން ތެދުވެ އަހަންނާ ދިމާއަށް ހިނގައިގަތެވެ. "ކަލޭއަކީ ރީތި މީހެއް ނަމަ އަދި ކިހައި ވަރަކަށް ފުއްޕާލާނެ ބާއޭ މަ ހިތަށް މި އަރަނީ. ބަލައިބަލަ ކަލޭގެ ސިފަ. ބަބުރެއް ކަހަލަ ކަޅު މީހެއް. އެކަމަކު އެ އޮތް ފަތްމިންޏެއް ކަހަލަ ފިނާ ވިއްޔަ ކަލޭ ތި ޖަހައިގަތީ."
"ހަބަރުދާރު." އަހަރެން އަތްމަޅައިލީ ޝާހިދާގެ ކޯތާފަތުގައި ބޮނޑިއެއް އަޅާށެވެ.
އަހަންނަށް ޝާހިދާއާ ހަމައަށް އަތް ގެންދެވޭ ވަރެއް ނުވިއެވެ. ފާޑަކަށް ހަރުވެ ހިލަވީއެވެ. އަތްބަރުވެ ތިރިކޮށްލަން ވެސް އުނދަގޫވާ ގޮތްވީ އެވެ. ބަލައިލެވުނީ ހިއްލައިލެވިފައިވާ އަތަށެވެ. މަޑުމަޑުން ވައަތް ހިއްލައިލަމުން ކަނާއަތުގައި ޖައްސާލީމެވެ. ވައަތުގެ އެހީގައި ކަނާއަތް ތިރި ކޮށްލީމެވެ.
"ކޮބާ ހީވޭ؟" ޝާހިދާ ހޭން ފެށި އެވެ. "ކަލޭމެންނަށް ހީވަނީ ކަލޭމެންނަކީ މާ ބާރުގަދަ ބަޔެކޭ ދޯ. އަހަރުމެންގެ އެންމެ ހަރަކާތަކުން ކަލޭމެންގެ އަސްލު ސައިޒު ތި ފެންނަނީ."
"ކަލޭގެ ބޭނުމަކީ ކޮބައިހޭ؟" އަހަރެން ރުޅި އައިސް ފުފޭގޮތް ވިއެވެ.
"ކަލޭ ކީއްކުރަންހޭ އެޔެއް ތި ބަލަނީ؟" ޝާހިދާ މޫނު އަހަރެންގެ މޫނާ ކައިރިކޮށްލި އެވެ.
"ކަލޭ އަހަންނަށް ތިހެން ތިހަދަނީ އަހަރެންގެ ކޮން ކުށެއް އޮވެގެން؟" އަހަރެން ޖެހިލުން ނުވާކަމަށް ހެދެން މަސައްކަތް ކުރީމެވެ.
"އަހަރެންގެ މަގުސަދު ވަރަށް ސާފު. އެކަން ހާސިލުކޮށްފަ ނޫނީ ހުއްޓައެއް ނުލާނަން." ޝާހިދާގެ ދެ އަތުން އަހަރެންގެ ކަރުގައި ހިފިއެވެ.
އޭނާ އިނގިލިތަކަށް ބާރު ކޮށްލި އެވެ. އަހަރެންގެ ކަރުގެ ދެފަރާތުން އޭނާގެ އިނގިލިތައް ވަންނަމުން ދިޔަ އެވެ. އެއާއެކު ނޭވާ ހާސްވެ އަރު ބެދެން ފެށިއެވެ. ދެ ލޯ ބޮޑުވެ ލޮލުގެ ކަޅި ބޭރަށް ނުކުންނަން އުޅޭހެން ހީވާން ފެށި އެވެ. އަހަންނަށް ނޭވާ ނުލެވިގެން ތެޅި ގަނެވުނެވެ. އަތާއި ފައިން ހަރަކާތްކޮށްލަމުން ޝާހިދާގެ އަތުން ވީއްލި ގަނެވޭތޯ އުޅުނީމެވެ.
ކުއްލިއަކަށް ޝާހިދާގެ އަތުން އަހަންނަށް ސަލާމަތްވެވުނެވެ. އަހަންނަށް އަތް ޖައްސާލެވުނީ ކަރުގެ ދެ ފަރާތުގަ އެވެ. ޝާހިދާ ހިފި ތަނުން ދިލަނަގަމުން ދިޔަ އެވެ. ހީވީ ހޫނު އެއްޗެއް ކަރުގެ ދެފަރާތުގައި އުނގުޅިފައި ހުރިހެންނެވެ. އެހައި ވެސް ތޫނު ދިލައެއް ނަގަމުން ދިޔަ އެވެ.
"ކަލޭ މާ ފުއްޕަންޏާ އަދިވެސް އަނިޔާ ލިބޭނެ. ގެއްލުންވާނެ، ދެން އޮތީ މާ ވާހަކަ ގިނަ ނުކޮށް ހިމޭނުން ހުރުން. ހަމަޖެހިލައިގެން އުޅުން. ފެންނަ މަންޒަރުތައް ނުފެންނަ ކަމަށް ހެދިގެން އުޅުން. އެހެންނޫނީ ކަލޭއަށް ލިބޭނީ އަނިޔާ. ތަހައްމަލު ކުރަން ޖެހޭނީ ވޭން." ޝާހިދާ ދުރަށް ޖެހިލި އެވެ.
"އެ ކީއްވެ؟" ލަސްލަހުން އަހަރެން ބުނެލީމެވެ.
"ސަބަބު ހޯދާނީ އަމިއްލައަށް. އަހަރެން މަގުސަދު ކަލޭ ގާތު ބުނެފި ނަމަ ކަލޭ ބިރު ފިލަން ދުއްވާ ގަންނާނެ." ޝާހިދާ އަނެއްކާ ވެސް އަހަރެންގެ މޫނަށް ބަލައިލިއެވެ.
"އަހަންނަކީ މީހަކަށް އުނދަގުލެއް ގެއްލުމެއް ދިން މީހެއް ނޫން. މީހުންނަށް ޖެއްސުން ކުރި މީހެއް ނޫން. ދެން އަހަންނަށް ތިހާ ބޮޑު އަނިޔާއެއް ދޭން ޖެހޭ ސަބަބެއް ނުވިސްނޭ." އަހަރެން ކަރު އެލުވާލައިގެން ހުރެ ބުނެލީމެވެ.
"ކަލޭއަކީ ސާލިހު ރަނގަޅު މީހެއް ވީމައޭ އަހަރެންގެ މަސައްކަތަށް ކަލޭގެ އެހީ ބޭނުންވީ،" ޝާހިދާ ލުއި ގޮތަކަށް ހިނިތުންވެލިއެވެ. "ކަލޭއަށް އޮތީ ދެގޮތް. މަރު ނޫނީ ދިރިހުރުން. ގޮތެއް ނިންމާ. އަހަރެން އަންނާނަން."
އަހަރެން ގަދަކަމުން ކަހަލަ ގޮތަކަށް ހިންދިރުވާލީމެވެ. (ނުނިމޭ)