އޮފްބީޓް

ބަލި މަންމައަށްޓަކައި އަންހެނަކު 15 މީޓަރު ފުން ވަޅެއް ކޮނެފި

މަންމައިންނަށް ޓަކައި އެމީހުންގެ ދަރިންގެ ހިތުގައި ވަރަށް ހާއްސަ ލޯތްބެއް އޮވެ އެވެ. މި ފަހަރުގެ ވާހަކައިން ވެސް މަންމަ އަކު ދެކެ ދަރިއަކު ލޯބިވާ މިންވަރު ވަރަށް ބޮޑަށް ހާމަވެ އެވެ.

ބޮބީތާ ސޮރެން، 24، ވަނީ މަންމަ ދެކެ ވާ ލޯބިން މަންމައަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން 15 މީޓަރުގެ ފުން ވަޅެއް ކޮނެފަ އެވެ. މި މަސައްކަތުގައި ބޮބީތާގެ ބޭބެ އާއި ބައްޕަގެ އެހީތެރިކަން ލިބުނު ނަމަވެސް ގިނަ މަސައްކަތް ކުރީ އޭނާ އަމިއްލައަށެވެ.

މި މަސައްކަތް ބޮބީތާ ފެށީ 2019 ގައެވެ. ނަމަވެސް ވަކި ހިސާބަކުން އޭނާއަށް އެ މަސައްކަތް ވަގުތީ ގޮތުން މެދުކަނޑާލަން މަޖްބޫރުވީ އެވެ. އެއީ ބޮބީތާ އަކީ ބެޗްލާޒް އޮފް އެޑިޔުކޭޝަން ޑިގްރީ އަކަށް ކިޔަވަމުންދާ ދަރިވަރަކަށް ވާތީ ކިޔެވުން ފެށުމުން ހޮސްޓެލް އަށް އެނބުރި ދާން ޖެހުމުގެ ސަބަބުންނެވެ.

ކޮރޯނާވައިރަހުގެ ވަބާގެ ސަބަބުން އިންޑިޔާ ލޮކްޑައުންކޮށް ޔުނިވަސިޓީތައް ބަންދުކުރުމުން ބޮބީތާ އެނބުރި ގެއަށް އައިސް އަނެއްކާ ވެސް ވަޅު ކޮނުމުގެ މަސައްކަތް ފެށީ އެވެ.

ބޮބީތާ ބުނި ގޮތުގައި ލޮކްޑައުންގައި ގިނަ ދުވަސްތަކެއް ލިބުމުން އޭނާ ވަޅުގެ މަސައްކަތް ނިންމާލަން ފުރުސަތު ލިބުނީ އެވެ.
އަމިއްލަ ގޭގެ އިމުގެ ތެރޭގައި އަމިއްލައަށް ވަޅެއް ކޮންނަން ބަބީތާ ގަސްތުކުރީ އެހެން ބަޔަކަށް އެކަން ހަވާލުކޮށްގެން ކުރުވާނެ ތަނަވަސްކަން ނެތީމަ އެވެ.

ބޮބީތާ ބުނީ އޭނާގެ މަންމަ ނީނާ ސޮރެން އަކީ ވަރަށް ބަލި މީހެއް ކަމަށާއި ބަލިކަމުން ހިނގާ ބިނގާވާން ވެސް މަންމައަށް ދަތިކަމަށެވެ.

"މަންމަ އުޅޭލެއް ބުރަކަމުން ކުޑައިރުއްސުރެ ވެސް ވަރަށް ދެރަވޭ. އަދި ވަރަށް ދުރުގައި ހުންނަ ވަޅަކުން ކޮންމެ ދުވަހަކު އެތައް ފަހަރަކު މަންމަ ފެން ހިފައިގެން ހިނގާ މަންޒަރު އަބަދުވެސް ފެނޭ. ގަދަ އަވީގައި ހިނގާފައި ގޮސް އެތައް އިރަކު ކިއު ޖެހިގެން ހުރެގެން ކޮންމެ ދުވަހަކު މަންމަ ފެން އުފުލާތަން ފެނިފައި ވަރަށް އެއްޗެތި ހިތަށް އަރާ. އެހެންވެ މަންމަ މިހާޜު ވަރަށް ބަލިކޮށް އުޅޭތީ މިކަމަށް ދާއިމީ ހައްލެއް ގެންނަން އަހަރެން ގަސްތުކުރީ،" ބޮބީތާ ބުންޏެވެ.

ބޮބީތާގެ މި ބުރަ މަސައްކަތުގެ އަގު އެ ސަރަހައްދުގެ ކަމާ ބެހޭ އިދާރާތަކުން ވެސް މިހާރު ވަނީ ވަޒަންކޮށްފަ އެވެ. އަދި ވަޅު ވަށައިގެން ރޭނުމާއި ދެން ކުރަން ޖެހޭ ހުރިހާ ކަމެއް ކޮށްދީ އެހީތެރިކަން ފޯރުކޮށްދޭން ވަނީ ނިންމާފަ އެވެ.