ޕޮލިޓިކްސް

ހަގީގީ ސިޔާސީ ހަރަކާތް ހިނގަނީ މަޖިލީހުގައި: ނަޝީދު

ރައްޔިތުން މަޖިލީހުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވުމަށް އެދިވަޑައިގަންނަވާ ކަމަށާއި ހަގީގީ ސިޔާސީ ހަރަކާތް ހިންގޭނީ މަޖިލީހުގައި ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް މިދިޔަ މަހު އެއްވަނަ ދުވަހުގެ ރޭ ދަންވަރު ބޭއްވި ޖަލްސާގައި މަޖިލީހުގެ ތެރޭ ހިނގި ހަމަނުޖެހުމަށް ފަހު އިދިކޮޅު މެންބަރުން ވަނީ މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓް ކޮށްފަ އެވެ. އޭގެ ފަހުން މިހާތަނަށް ބޭއްވި އެއްވެސް ޖަލްސާއެއްގައި އިދިކޮޅު މެންބަރުން ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.

މިހާރު ކުރިޔަށްދާ މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ އިދިކޮޅު ފަރާތްތަކުން އަލުން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވުމަށް އެދިވަޑައިގެންފަ އެވެ. އަދި ވިދާޅުވީ ހަގީގީ ސިޔާސީ ހަރަކާތް އެންމެ ރަނގަޅަށް ކުރެވޭނީ މަޖިލީހުގައި ކަމަށާއި މަޝްވަރާ އާއި ބަހުސާއި އަދި ބައެއް ފަހަރު ހޫނު ޒުވާބާ އެކުގައި ރައްޔިތުންގެ ލާބައަށްޓަކައި މަސައްކަތް ކުރިޔަށް ގެންދެވޭނެ ކަމަށެވެ.

"ވާދަވެރިންގެ ކިބައިން އަނެއްކާ ވެސް އަޅުގަނޑު އެދެން ބޭނުން، މި މަޖިލީހަށް ވަޑައިގަންނަވާ، މި މަޖިލީހުގައި ނޫން ތަނެއްގައި ހަގީގީ ސިޔާސީ ހަރަކާތް ނުހިނގާނެ. ތިޔަބޭފުޅުން ސިޔާސީ ސުލްހަވެރި ހަރަކާތުގައި ބައިވެރިވަޑައިގަންނަވަން އެދިވަޑައިގަންނާނެ ކަމީ އަޅުގަނޑުގެ ހިތުގައި ޝައްކު ހިނގާ ކަމެއް ނޫން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެ މައްސަލާގައި އިދިކޮޅު މެންބަރުން ވިދާޅުވާ ގޮތުގައި ޖަލްސާގައި ބައިވެރިވުން ހުއްޓާލީ ސަލާމަތާއި ރައްކާތެރިކަން ލިބޭނެ ކަަން ކަށަވަރު ކުރެވެން ނެތުމުންނެވެ. އަދި ރައީސް ނަޝީދު މާފަށް އެދިވަޑައިގެން އިދިކޮޅު މެންބަރުންނަށް ރައްކާތެރި މާހައުލެއް ކަށަވަރު ކުރުމުން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވާނެ ކަމަށް އެ މެންބަރުން ވިދާޅުވެފައިވެ އެވެ.