ހަބަރު

ރައީސް ނަޝީދު ފުރިހަމަ ޑިކްޓޭޓަރަކަށްވެ ނިމިއްޖެ: ޖަމީލު

ކުރީގެ ރައީސް އަދި މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފުރިހަމަ ޑިކްޓޭޓަރަކަށް ވެފައިވާ ކަމަށް ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދުގެ ފޮޓޯއަކާއެކު ޖަމީލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަޖިލީހުގެ ބާރުގެ ދަށަށް ޖިނާއީ ތަހުގީގު ގެންގޮސް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކޯޓުތަކުގެ ހިންގުމުގެ ނިޒާމަށް ވަދެ، ރާއްޖޭގެ އިސްލާހީ މަސައްކަތް މުޅިން ކިލަނބުކޮށް ސިޔާސީ ޝިކާރައަކަށް ހަދާފައިވާ ކަމަށެވެ. އަދި ކުރިޔަށް އޮތްތަނުގައި ތަހުގީގު ކުރާނީ ރައީސް ނަޝީދާއި އެމްޑީޕީގެ އެކްޓިވިސްޓުން އެދޭ ކަންކަން އެކަނި ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.

ޖަމީލު އިތުރަށް ވިދާޅުވީ ޕޮލިސް ކޮމިޝަނާ އަދި ބޮޑު ފަނޑިޔާރު މަނިކުފާނަކީ މަޖިލީސް ރައީސަށް ވުމުން ފުރިހަމަ ޑިކްޓޭޓަރަކަށްވެ ނިމިފައިވާ ކަމަށެވެ. އަދި ވަކި ކުށްތަކެއް ދެން ކުށަކަށް ނުވާނެކަން ފޮޓޯތަކުން މިހާރު ފެންނަން ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަފާރީއެއްގައި އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލަ މަޖިލީހުން ބަލަމުން އަންނައިރު ޖިންސީ ގޯނާގެ ޝިކާރައަކަށްވި އަންހެން މީހާ ރުހޭ ނަމަ އޭނާ ކޮމިޓީއަށް ހާޒިރުވެ މައުލޫމާތު ދިނުމުގެ ފުރުސަތު ދިނުމަށް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.

އެކަމާ ގުޅިގެން މަޖިލީހަށް ލިބިފައިވާ ބާރުތަކުގެ ބޭރުން މަސައްކަތް ކުރާ ކަމަށް ބުނެ ފާޑު ކިޔުން އަމާޒުވެފައިވާއިރު ބާ ކައުންސިލުން ވެސް ވަނީ އެކަމާ ދެކޮޅަށް ޓުވީޓް ކުރައްވައިފަ އެވެ.