ކެލީ ރެނީ ގިސެންޑޭނާގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފައިވާއިރު މިއީ މަރުގެ ހުކުމެއްގައި ޖޯޖިއާގެ ޖަލުގައި ބަންދުކޮށްހުރި ހަމައެކަނި އަންހެން މީހާ އެވެ. އަދި އެމެރިކާ އިން އަންހެނެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފައި މި ވަނީ އަންހެނަކަށް މަރުގެ ހުކުމް ތަންފީޒުނުކުރާތާ 70 އަހަރު ފަހުންނެވެ.
ގިސެންޑޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވީ އޭނާގެ ފިރިމީހާ މަރާލުމަށް ރާވައި އެކަން ހިންގުމުގެ ކުށް ސާބިތުވެ 1997 ވަނަ އަހަރު އެވެ. ގިސެންޑޭނާ އޭނާގެ ފިރިމީހާ މަރާލީ އޭރު އޭނާ ރައްޓެހިވެގެން އުޅުނު ލޯބިވެރިޔަކު ލައްވަ އެވެ.
މި އަންހެން މީހާގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފައިވާއިރު އޭނާ ދޫކޮށްލުމަށް ގޮވާލަމުން ދިޔަ ގޮވާލުންތަކަށް އެމެރިކާގެ ސުޕްރީމް ކޯޓުން ދީފައި ވަނީ ބީރު ކަންފަތެކެވެ. އަދި އެންމެފަހުން އޭނާގެ މައްޗަށް ހުކުމް ތަންފީޒުކުރިއިރު މިފަހުން އެމެރިކާ އަށް ވަޑައިގެންނެވި ޕޯޕް ފްރެންސިސް ވެސް ވަނީ ގިސެންޑޭނާ އަށް މަރުގެ އަދަބު ނުދިނުމަށް ގޮވާލައްވައިފަ އެވެ.
އޭނާގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރުން ހުއްޓުވުމަށް ގޮވާލައި 90،000 މީހުންގެ ޕެޓިޝަނެއް ވެސް ޖޯޖިއާގެ ގަވަރުނަރަށް ހުށަހަޅާފައިވެ އެވެ.
އެމެރިކާގައި 1976 ވަނަ އަހަރުން ފެށިގެން މިހާތަނަށް މަރުގެ ހުކުމް ތަންފީޒުކޮށްފައި ވަނީ 15 އަންހެނެއްގެ މައްޗަށެވެ. މިއަދު މި އަންހެން މީހާގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރުމުގެ ކުރިން ޖޯޖިއާގައި އަންހެނެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރީ 1945 ވަނަ އަހަރު ކަރަންޓު ގޮނޑީގަ އެވެ.
ފާހަގަކޮށްލަން ޖެހެނީ އެމެރިކާ އިން މަރުގެ ހުކުމެއް ތަންފީޒުކޮށްފައިވާއިރު އެމެރިކާ އަކީ މަރުގެ ހުކުމާ ދެކޮޅަށް އެންމެ ބޮޑަށް އަޑުއުފުލާ އެއް ގައުމުކަމެވެ. އަދި ވަކިން ހާއްސަކޮށް އެމެރިކާއާ ދެކޮޅު ފިކުރުގެ ގައުމުތަކުގައި، މިސާލަކަށް އީރާން އާއި ޗައިނާ ފަދަ ގައުމުތަކުގައި މީހުންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރާތީ އެމެރިކާ އަބަދުވެސް ފެންނަނީ އެކަންތައް ބޮޑުކޮށްލައިގެން އުޅޭތަނެވެ.
ނަމަވެސް އެމެރިކާ އަކީ ވެސް ގަވާއިދުން މަރުގެ ހުކުމް ތަންފީޒުކުރަމުން އަންނަ ގައުމެކެވެ.