ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްއަށް އަނިޔާކޮށް މަޖިލީހުގެ ތަޅުމުގައި ހަމަނުޖެހުން ހިންގި މައްސަލަ އިންޓަ ޕާލިމެންޓަރީ ޔޫނިއަން (އައިޕީޔޫ) އިން ބަލަން ނިންމައިފި އެވެ.
މިދިޔަ މަހުގެ ފުރަތަމަ ދުވަހުގެ ރޭ ދަންވަރު މަޖިލީހުގައި ބޭއްވި ޖަލްސާގައި ހަމަނުޖެހުން ހިންގައި، ޝިޔާމްއަށް އަނިޔާ ކުރި މައްސަލަ އައިޕީޔޫގެ ސަމާލުކަމަށް ގެނެސްފައިވަނީ ޝިޔާމެވެ. މެންބަރު ޝިޔާމް ވަނީ އެ މައްސަލަ ބަލައިދިނުމަށް އެދި އައިޕީޔޫގެ ރައީސް ގެބްރިއެލް ބެރޮންއަށް ސިޓީއެއް ފޮނުވާފައެވެ.
އެ ސިޓީއާއި ގުޅިގެން ގެބްރިއެލް ބެރޮން ވަނީ އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމުގެ މަސައްކަތް ފަށާފައިވާކަން ޝިޔާމަށް އަންގާފައެވެ. އަދި އައިޕީޔޫގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީއަށް މައްސަލަ ފޮނުވާ އެ މައްސަލަ ބަލާނެ ކަމުގެ ޔަގީން އައިޕީޔޫގެ ރައީސް ވަނީ ދެއްވާފައެވެ.
ޝިޔާމަށް އަނިޔާ ކުރި ކަމަށް ތުހުމަތުކޮށް މަޖިލީޙުގެ ރައީސް މުހައްމަދު ނަޝީދަށާއި އެ ކަމުގައި ބައިވެރިވެވަޑައިގެންނެވި އެމްޑީޕީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމަށް އިދިކޮޅު ކޯލިޝަނުން ސިޓީއެއް ވެސް ފޮނުވާފައިވެ އެވެ. ޕީޖީން މި ކަމުގައި އަދި ވަކި އެއްޗެއް ނުބުނެ އެވެ.
މި މައްސަލަ ޝިޔާމް ފުލުހަށް ރިޕޯޓް ކުރެއްވި އެވެ. އޭގައި ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުންދާނެ ކަމަށް ފުލުހުން ބުނެފައިވާއިރު، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް އެހެން ވިދާޅުވެފައިވެ އެވެ. އެއާ ގުޅިގެން ރައީސް ނަޝީދާއި އެމްޑީޕީގެ މެންބަރުން ނުރުހުން ފާޅު ކުރައްވާފައިވެ އެވެ.
މި މައްސަލަ މަޖިލީހުގެ ކޮމެޓީއަކުންވެސް ދަނީ ބަލަމުންނެވެ.
ޝިޔާމަށް އަނިޔާކުރި މައްސަލައާއި ގުޅިގެން އިދިކޮޅު މެންބަރުންނަށް ރައްކާތެރިކަން އޮތް މިންވަރާމެދު ސުވާލު އުފެދިފައިވާތީ އިދިކޮޅު މެންބަރުން ވަނީ ޖަލްސާތައް ބޮއިކޮޓް ކޮށްފައެވެ.