ހަބަރު

އިންޑިއާ މައްސަލަ ކުއްލި މައްސަލައަކަށް ނުވި

Oct 7, 2020
2

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އަވަށްޓެރި އިންޑިއާއާއެކު އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރާ މިންވަރަށް ގުޅުން ބަދަހިވެފައިވާއިރު، އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތަކުގެ ތަފްސީލް ހޯދަން އިދިކޮޅުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަންނަން ރިޔާސަތުން ދެކޮޅު ހަދައިފި އެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ހުށަހަޅުއްވާފައިވާ މައްސަލާގައި ބުނެފައިވަނީ އިންޑިއާއިން ހަދިޔާކުރި ހެލިކޮޕްޓަރުތައް ދުއްވަން 50 އަށް ވުރެ ގިނަ އިންޑިއާ ސިފައިން ތިބި ކަމާއި 10 އަހަރުވެގެން ދިޔައިރު ދިވެހި ޕައިލެޓަރު ތަމްރީން ކުރެވިފައި ނުވުމާއި، އިންޑިއާ އިން ދިން 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ ދަށުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ހިންގަމުންދާއިރު އެ އެއްބަސްވުމުގެ ތަފުސީލުތައް ހާމަކޮށްފައި ނުވާ ކަމަށެވެ.

މީގެ އިތުރުން، އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރި ޑޯނިއާ މަތިންދާ ބޯޓުގެ އެއްބަސްވުންތަކުގެ ތަފުސީލާއި އައްޑޫ ސިޓީގައި ގާއިމް ކުރާ ފުލުހުންގެ މަރުކަޒާއި، ބަޖެޓް ސަޕޯޓްގެ ގޮތުގައި އިންޑިއާއިން ދިން 250 މިލިއަން ޑޮލަރުގެ ލޯނު އެހީގެ ތަފުސީލުތައް ހާމަކުރުމަށް ވެސް އެ މައްސަލައިގައި ޝިޔާމް ވަނީ އެދިވަޑައިގެންފައި އެވެ.

ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ މައްސަލަ އެޖެންޑާ ނުކުރަން ނިންމަވައިފަ އެވެ.

މި ގޮތުން، މައްސަލާގައި ފާހަގަކޮށްފައިވާ އެއްބަސްވުންތަކަކީ ކުރީ ސަރުކާރުތަކުން ފެށިގެން ހިނގަމުން އަންނަ އެއްބަސްވުންތަކެއް ކަމަށާއި އެހެންކަމުން އެ އެއްބަސްވުންތަކުގައި "ކުއްލި މައްސަލަ" އެއް ނެތް ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އިތުރަށް ވިދާޅުވި ގޮތުގައި ދިވެހި ދައުލަތަށް ގެއްލުން ލިބޭނެ އެއްބަސްވުމެއް މި ސަރުކާރުން ގާއިމު ކުރާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި، ޝިޔާމް އެދިވަޑައިގަންނަވާ ތަފުސީލުތައް މަޖިލީހުގައި ސަލާމަތީ ހިދުމަތްތަކަށް އޮންނަ 241 ކޮމިޓީ މެދުވެރިކޮށް ހޯއްދެވޭނެ ކަމަށެވެ.

އިންޑިއާ ފަދަ ގައުމުތަކާ އޮންނަ ގުޅުން ހީނަރުކޮށް، ބައިނަލްއަގުވާމީ މުޖުތަމައުއާ ރާއްޖެ އެކަހެރިކޮށްލުމަކީ އިސްލާމިކް ސްޓޭޓް (އައިއެސް) އަދި އަލްގައިދާ ފަދަ ހަރުކަށި ފިކުރުގެ ޖަމާއަތްތަކުގެ ތަސައްވަރުގެ ފުރަތަމަ މަރުހަލާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އަދި ބޭރުގެ ދީނީ ހަރުކަށި ފިކުރުގެ ހަނގުރާމަވެރި ޖަމާއަތްތަކުން ބައިނަލްއަގުވާމީ އާއިލާއާ އެކަހެރިކޮށް، ރާއްޖެ ހިފަން މަސައްކަތް ކުރަމުންދާ ކަމަށާއި، އެކަމުގައި ދިވެހި ބައެއް ސިޔާސީ ޕާޓީތަކުން ބައިވެރިވާ ކަމަށް ނަޝީދު މިއަދުވެސް ވަނީ ތުހުމަތު ކުރައްވައިފަ އެވެ.