ދުނިޔެ

އެޑްވަޑް ސްނޯޑެންގެ ޓްވިޓާ އެކައުންޓެއް ހުޅުވައިފި

Sep 30, 2015

އެމެރިކާގެ ސީއައިއޭ އާއި ނެޝެނަލް ސެކިއުރިޓީ އޭޖެންސީ (އެންއެސްއޭ) ގައި ކުރިން މަސައްކަތްކުރުމަށް ފަހު ރަޝިއާ ސަރުކާރުގެ ހިމާޔަތް ހޯދައިގެން އެގައުމުގައި މިހާރު ދިރިއުޅެމުން އަންނަ ސްނޯޑެންގެ ފުރަތަމަ ޓްވީޓް ވެސް އަމާޒުކޮށްފައި ވަނީ އެމެރިކާގެ ސަރުކާރަށެވެ. ނުވަތަ އާންމުންގެ ފޯނު ކޯލުތަކަށާއި ޒާތީ ދިރިއުޅުމަށް ފާރަލުމަށް މަޝްހޫރު އެންއެސްއޭ އަށެވެ.

"ކަލޭމެންނަށް މިހާރު އަހަރެންގެ އަޑު އެބަ އިވޭތަ؟،" ސްނޯޑެންގެ ފުރަތަމަ ޓްވީޓްގައި އޮތީ މި ސުވާލެވެ.

މިއީ އެންއެސްއޭ އަށް އަމާޒުކޮށް ކުރި ޓްވީޓެއް ކަމަށް ބެލެވޭއިރު އޭނާ ފޮލޯކުރާ ހަމައެކަނި އެކައުންޓަކީ ވެސް އެންއެސްއޭގެ ޓްވިޓާ ހެންޑްލް އެވެ.

ޓްވިޓާ އިން ވެރިފައިކޮށްދީފައިވާ ސްނޯޑެންގެ އެކައުންޓްގައި އޭނާއާ ބެހޭ ގޮތުން ބުނެފައި ވަނީ އޭނާ އަކީ ކުރިން ސަރުކާރަށް މަސައްކަތްކޮށްދިން މީހެއް ކަމަށާއި އެހެން ނަމަވެސް މިހާރު މަސައްކަތްކުރަނީ އާންމު ރައްޔިތުންނަށް ކަމަށެވެ. ސްނޯޑެން އަކީ ފްރީޑޮމް އޮފް ދަ ޕްރެސް ފައުންޑޭޝަންގެ ޑިރެކްޓަރެކެވެ.

ސްނޯޑެން ޓްވިޓާއާ ގުޅުމާ އެކު ޓްވިޓާގެ އެއް ފައުންޑާ ކަމުގައިވާ ޖެކް ޑޯސޭ ވަނީ އޭނާ އަށް ޓްވީޓަކުން މަރުހަބާ ކިޔައިފަ އެވެ.

ސްނޯޑެންގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމެއްގެ މަސައްކަތް ވެސް މިހާރު ދަނީ ކުރިއަށެވެ. މަޝްހޫރު ޑައިރެކްޓަރު އޮލިވަ ސްޓޯން ޑައިރެކްޓްކުރާ މި ފިލްމުގައި ސްނޯޑެންގެ ރޯލު ކުޅެނީ ޖޯސެފް ގޯޑެން ލެވިޓެވެ. މި ފިލްމު މި އަހަރުގެ ޑިސެމްބަރު ނުކުންނާނެ އެވެ.