ދުނިޔެ

އައިއެސް ބަލިކުރަން ވަގުތުނަގާނެ: އޮބާމާ

Sep 30, 2015

އޮބާމާ މިހެން ވިދާޅުވެފައި ވަނީ ޓެރަރިޒަމާ ދެކޮޅު ހަނގުރާމަ ފުޅާކުރުމާ ބެހޭ ގޮތުން މަޝްވަރާކުރުމަށް އދ. ގައި ބޭއްވި އެއްވުމެއްގެ ރިޔާސަތު ބަލަހައްޓައި ދެއްކެވި ވާހަކައެއްގެ ތެރެއިންނެވެ. އޮބާމާ ވިދާޅުވީ އައިއެސް ބަލިކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި އެ ވާހަކަ މީގެ ކުރިން ވެސް ދެންނެވި ކަމަށެވެ.

"އަޅުގަނޑު ތަކުރާރުކޮށް ބުނަމުން މި ގެންދަނީ އަޅުގަނޑުމެންގެ ރޭވުންތައް ކާމިޔާބުކުރަން ވަގުތު ނަގާނެއޭ. މިއީ އެއްގޮތަކަށް ވެސް ފަސޭހަ ކަމެއް ނޫން،" އައިއެސް އެންމެފަހުން ބަލިވެ ނާކާމިޔާބުވެގެންދާނެ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވަމުން އޮބާމާ ވިދާޅުވި އެވެ.

އޮބާމާ ވިދާޅުވީ ހިތްދަތިކަމާއި މަރާއި ލޭ އޮހޮރުވުން ފިޔަވައި އައިއެސް އަށް ރައްޔިތުންނަށް ދެވޭނެ އެއްޗެއް ނެތްއިރު އެމީހުން އެންމެފަހުން ބަލިވެގެންދާނެ ކަމީ ޔަގީން ކަމެއް ކަމަށެވެ.

"މިއީ ވަގުތީ ހަނގުރާމައެއް ނޫން. މިއީ ދިގު މުއްދަތަކަށް ކުރިއަށް ގެންދާ ކެމްޕޭނެއް. ހަމައެކަނި އެ ޖަމާއަތާ ދެކޮޅަކަށް ވެސް ނޫން. އެމީހުންގެ ފިކުރާ ވެސް ދެކޮޅަށް،" އޮބާމާ ވިދާޅުވި އެވެ.

އައިއެސް އިން ސީރިއާ އާއި އިރާގުގައި ބާރުގަދަކުރަމުންދާއިރު އެމީހުންނާ ދެކޮޅަށް އެމެރިކާ އިން ދަނީ އިރާގުގެ ސަލާމަތީ ބާރުތަކާ ގުޅިގެން ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.