އޮފްބީޓް

މަރުވި ދަރިފުޅު ގައިގަ އޮޅުލައިގެން އޮތް ބައްޕައަށް ސަމާލުކަން

އިއްޔެ ސޯޝަލް މީޑިއާގައި އެންމެ ބާރަށް ދައުރުވީ އެއް ފޮޓޮއަކީ އެއް އަހަރުގެ ކުޑަ ކުޑަ ކުއްޖެއްގެ މަރުވެފައިވާ މަސްގަނޑުގައި އޮޅުލައިގަނެގެން ހިތާމައިން ހިތް ހަލާކުވެފައި އޮތް ބައްޕައެއްގެ ވީޑިއޯ އަކަށެވެ. މި މީހާ ދަރިފުޅު ގޮވައިގެން އޮތީ އިންޑިއާގެ ހޮސްޕިޓަލެއްގެ ބޭރު ތަޅުގަނޑުމަތީގަ އެވެ.

އިންޑީޔާގެ އެންޑީޓީވީ ނޫހުން ބުނި ގޮތުގައި މި ކުއްޖާ ގޮވައިގެން އޭނާގެ މައިންބަފައިން ސަރުކާރު ހޮސްޕިޓަލަކަށް ދިޔައީ ހުން އައިސް ކަރު ދުޅަވެގެންނެވެ. ނަމަވެސް އެ މީހުން ބުނި ގޮތުގައި ޑޮކްޓަރުން އެ ކުއްޖާއަށް ފަރުވާ ނުދިނީ ބޮޑު ހޮސްޕިޓަލަށް ދާށޭ ކިޔާފައި ފޮނުވާލީ އެވެ.

ޑޮކްޓަރުން ކުއްޖާގެ ބައްޕަ ކައިރީ ބުނީ އެ ހޮސްޕިޓަލާ 90 ކިލޯ މީޓަރު ދުރުގައިވާ ކާންޕޫރުގައި ހުރި ހޮސްޕިޓަލަށް ދަރިފުޅު ގޮވައިގެން ދިއުމަށެވެ. އެއީ ޚާއްސަ ފަރުވާތަން ލިބެން ހުރި ބޮޑު ހޮސްޕިޓަލެކެވެ.

އޮންލައިންގައި ދައުރުވަމުންދާ ވީޑިއޯގައި ފެންނަނީ އެއް އަހަރުގެ އަނޫޖްގެ ގައިގައި ބައްދައިގެން އޭނާގެ ބައްޕަ ޕްރޭމްޗަންދު ރޮމުންދާ މަންޒަރެވެ. ކައިރީގައި ކުއްޖާގެ މަންމަ ވެސް ގިއްސަ ގިސްލާ އިންދާ ފެނެ އެވެ.

ޕްރޭމްޗަންދު ބުނި ގޮތުގައި ޑޮކްޓަރުން އޭނާގެ ދަރިފުޅަށް ވެގެން އުޅޭގޮތް ޗެކް ކޮށްދިނީ ވެސް އެތާ ތިބި ބައެއް މީހުން އެ މަންޒަރުތައް ވީޑިއޯ ކުރަން ފެށީމަ އެވެ. އޭގެ ކުރިން އެއްވެސް ޑޮކްޓަރަކު އޭނާގެ ދަރިފުޅުގެ ގައިގައި އަތްވެސް ނުލި އެވެ.

"އަހަރެމެން ހޮސްޕިޓަލުގައި 30 ވަރަކަށް މިނިޓް ދަރިފުޅު ގޮވައިގެން ތިބިން. އެ މީހުން ބުނަމުން ދިޔައީ ކާންޕޫރަށް ގެންދާށޭ. އަހަރެންނަކީ ވަރަށް ފަގީރު މީހެއް. އަހަރެންގެ އަތަކު ފައިސާއެއް ނެތް. އަހަރެން ކިހިނެއް ހަދާނީ،" އެންޑީޓީވީ އަށް ދިން އިންޓަވިއު އެއްގައި ޕްރޭމްޗަންދު ބުންޏެވެ.

ނަމަވެސް ޑޮކްޓަރުން ބުނަނީ އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްދޭން އެމީހުންނަށް ކޮށްދެވުނުހާ ކަމެއް ކުރި ކަމަށެވެ. އިމަޖެންސީގައި ބާއްވައިގެން ފަރުވާ ދިން ކަމަށެވެ. ނަމަވެސް ގެނައި އިރުވެސް ހާލު މާ ބޮޑަށް ސީރިއަސް ވެފައިވާތީ ފުރާނަ ސަލާމަތް ނުކުރެވުނީ ކަމަށެވެ.