ދުނިޔެ

ގެރި މަސް ކެއި ކަމަށް ބުނެ އިންޑިއާގައި މުސްލިމެއްގެ ގައިގައި ތަޅައި މަރާލައިފި

Sep 30, 2015

ގާތްގަނޑަކަށް 100 އެއްހާ މީހުންގެ ގްރޫޕަކުން ހަމަލާދީ މަރާލާފައި ވަނީ، މުހައްމަދު އަހްލާގު ނަމަކަށް ކިޔާ އުމުރުން 50 އަހަރުގެ މީހެކެވެ. އޭއެފްޕީ އަށް މައުލޫމާތު ދެމުން އިންޑިއާގެ ފުލުހުން ބުނެފައި ވަނީ މި ގްރޫޕުން އެ މީހާ އަށް އަނިޔާކުރީ އޭނާ ގޭގައި އުޅެނިކޮށް ގޭގެ ދޮރު ވައްޓާލާފައި އެ ގެއަށް ވަދެ ދަމައި މަގު މައްޗަށް ނެރެގެން ކަމަށެވެ.

ފުލުހުން ބުނެފައި ވަނީ ހާދިސާ ހިނގި ސަރަހައްދަށް އެމީހުންނަށް ދެވުނުއިރު އެ މީހާގެ ފުރާނަ ހުރި ނަމަވެސް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މަރުވީ ކަމަށެވެ. އަހްލާގަށް ހަމަލާ ދިން ގްރޫޕުން ވަނީ އޭނާގެ 22 އަހަރުގެ ފިރިހެން ދަރިއަކަށް ވެސް ބޮޑެތި އަނިޔާތަކެއް ދީފަ އެވެ. އެ ޒުވާނާ މިހާރު އޮތީ އައިސީޔޫގަ އެވެ.

ގެރި މަސް ކެއި ކަމަށް ބުނެ މި ގްރޫޕެއްގެ ބަޔަކު އިސްލާހަށް ހަމަލާ ދިނަސް އެކަން ޔަގީނެއް ނުވެ އެވެ. އިސްލާހްގެ އާއިލާ އިން ގެރި މަސް ކެއި ކަމަށް ބުނެ އެކަން އިއުލާނުކުރީ އެމީހުން ދިރިއުޅުނު ހިސާބުގެ ފައްޅިއެއްގަ އެވެ.

ހިންދީންގެ މެދުގައި ކަލާނގެއެއްގެ ދަރަޖަ ދީފައިވާ ގެރީގެ މަސް ކެއުމާއި ގެރި ކަތިލުމަކީ ވެސް އިންޑިއާގެ ވަރަށް ގިނަ ސްޓޭޓްތަކުގައި މަނާކޮށްފައިވާ ކަމެކެވެ. އަދި ހިންދީންގެ ބާރުގަދަ ޕާޓީއަކަށް ނިސްބަތްވާ ނަރެންދުރާ މޯދީ އިންޑިއާގެ ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވި ފަހުން ގެރި ކަތިލުމާއި ގެރި މަސް ކެއުމެއްގެ ގޮތުގައި ބޭނުންކުރުން މަނާކޮށްފައިވާ ގަވާއިދުތައް ހަރުކަށިކޮށްފައިވާކަން ވެސް ފާހަގަކޮށްލެވެ އެވެ.