ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ހަރަދު ކުޑަކުރުމަށް ސަރުކާރުގެ އޮފީސްތަކަށް އަންގައިފި

އާދީއްތަ ދުވަހުން ފެށިގެން ސަރުކާރުގެ އިދާރާތައް އާންމުކޮށް ހުޅުއްވައިގެން މަސައްކަތް ކުރުމަށް ހަމަޖެހިފައިވާއިރު ހަރަދު ކުޑަކުރުމަށް އިތުރު ފިޔަވަޅުތައް އެޅުމަށް ރައީސްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަންގަވައިފި އެވެ.

އޮފީސްތަކުގެ ހަރަދު ކުޑަކުރުމަށް އަންގާފައިވަނީ އަންނަ އާދީއްތަ ދުވަހުން ފެށިގެން ސަރުކާރުގެ އޮފީސްތައް އާންމުކޮށް ހުޅުވައިގެން މަސައްކަތް ކުރުމަށް އަންގާ ރައީސް އޮފީހުން ނެރުނު އެންގުމުގައެވެ.

ސަރުކާރުގެ އިދާރާތައް ހުޅުވާފައި ހުންނާނީ ކުރިއެކޭވެސް އެއްގޮތަށް ކޮންމެ ހަފުތާއެއްގެ އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ.

މި އެންގުމުގައި ކޮވިޑް-19 އާ ގުޅިގެން، ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ހީނަރުކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި ދައުލަތުގެ ބަޖެޓަށް އެކަމުގެ ނޭދެވޭ އަސަރު ފޯރަން ފަށާފައިވާތީ ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ވަނީ އަންގާފައެވެ. އެގޮތުން އޮފީސްތަކުން ކޮންމެހެން ކުރަންޖެހޭ ހަރަދުތައް ކުރުމަށާއި ހަރަދު ކުޑަކުރުމަށް އެޅެން ހުރި ފިޔަވަޅުތައް އެޅުމަށް އަންގާފައިވެއެވެ.

ސަރުކާރުގެ އިދާރާތައް އާންމުކޮށް ހުޅުއްވައިގެން ދޭންޖެހޭ ހިދުމަތްތަކާއި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ހަމަޖެހުމާއި ގުޅިގެން އޮފީސްތަކުން އަމަލު ކުރަންޖެހޭ އުސޫލުވެސް މިއަދު ވަނީ އާންމުކޮށްފައެވެ.

އެގޮތުން ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތައް ލުއިކޮށް އައު އާންމުހާލަތުގައި ސަރުކާރުގެ އިދާރާތައް ހިންގުމާއި އިދާރާތަކުގައި މަސައްކަތް ކުރުމުގައި ސިއްހީ ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވަނީ އަންގާފައެވެ.

އަދި ރަސްމީ މަސައްކަތު ގަޑީގެ ތެރޭގައި މަސައްކަތް ނިންމުމަށް މުވައްޒަފުންނަށް ބާރު އެޅުމާއި ނުރަސްމީ ގަޑިގައި މުވައްޒަފުން މަސައްކަތަށް ނެރެން ނުޖެހޭގޮތަށް އޮފީހުގެ މަސައްކަތްތައް ރޭވުމަށް ވަނީ އަންގާފައެވެ. އަދި ދަންފަޅި އުސޫލުން މަސައްކަތް ކުރާ އިދާރާތައް ފިޔަވައި، ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި ނޫނީ މެންދުރުފަހު 2:00 ގެ ފަހުން ހުޅުއްވައިގެން މަސައްކަތް ނުކުރުމަށާއި ސަރުކާރުގެ އިދާރާއަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި ނުރަސްމީ ގަޑީގައި އިދާރާ ހުޅުވާފައި ބަހައްޓަންޖެހޭ ހާލަތްތަކުގައިވެސް، އެންމެ ލަސްވެގެން ހަވީރު 4:00 ގެ ފަހުން އިދާރާ ހުޅުވާފައި ނުބެހެއްޓުމަށް އޮފީސްތަކަށް ވަނީ އަންގަވާފައެވެ.

އަދި ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދޭންފެށި ހިދުމަތްތައް އެ ގޮތުގެ މަތިން ދެމުން ގެންދިއުމަށާއި އޮންލައިންކޮށް ދެވެން ހުރި އިތުރު ހިދުމަތްތަކަކީ ކޮބައިތޯ ބަލައި އެ ހިދުމަތްތައް އޮންލައިންކޮށް ދެއްވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ވަނީ އެދިފައެވެ. އަދި ސަރުކާރުގެ އިދާރާތަކުގެ މަސައްކަތްތަކުގެ ތެރެއިން އޮންލައިންކޮށް ކުރެވެން ހުރި މަސައްކަތްތައް އޮންލައިންކޮށް ކުރާނެ އިންތިޒާމު ހަމަޖައްސަވައި އޮންލައިންކޮށް މަސައްކަތް ކުރެއްވުމަކީ އާންމު އުސޫލެއް ކަމުގައި ހެދުމަށް ވަނީ އަންގާފައެވެ. އަދި އޮފީހުންކުރާ ކަރުދާހުގެ ހަރަދާއި، ޕްރިންޓް ކުރުމުގެ ހަރަދު ކުޑަކުރެއްވޭނެ ގޮތްތައް ހޯދާ އެގޮތަށް މަސައްކަތް ކުރެއްވޭނެ އުސޫލުތައް ހަދާ ލިޔެކިޔުންތައް ވީވަރަކުން ޑިޖިޓަލައިޒް ކޮށް "ޕޭޕާލެސް" މަސައްކަތު މާހައުލެއް އޮފީހުގައި ގާއިމް ކުރުމަށް ވަނީ އަންގާފައެވެ.